ކޮރަޕަޝަނާއި ހިޔާނާތުން މުޅި ދައުލަތް ތެމި ފޯވެފައިވާ ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ ކޮރަޕްޝަނަކީ އިންސާނާގެ ތޮބީއަތުގައި ހުންނަކަމެއް ކަމަށެވެ. އަދި މީގެ އިތުރުންވެސް ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންެގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވިދާޅުވަމުން ގެންދެވީ ކޮރަޕްޝަނާއި ނުލައި ގައުމެއް ތަރައްގީ ނުވާނެ ކަމަށެވެ. ނަމަވެސް ދައުލަތެގެ އެންމެ އިސް އޮފީސްކަމަށްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ އިސް ދެ ވަޒީރުންގެ ގޮތުގައި މިހާރު އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ދައުލަތުގެ އެޓާރނީ ޖެނެރަލް މުހައްމަދު އަނިލް އާއި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވަނީ "މި ސަރުކާރުގެ ވިސްނުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންކަން މުޅިން ނައްތާލުން ކަމަށެވެ."
ވަރަށް މޮޅު ވާހައެއް ދެއްތޯއެވެ. އެންމެ ބޮޑަށް ކޮރަޕްޝަން ހިންގާ ކަމަށް ރައްޔިތުން ބުނާ ސަރުކާރުގެ، އަދި ހުދު ރައީސް ޔާމީން ވެސް ވިދާޅުވިފަދައިން އެމްއެމްޕީއާރުސީގެ ހިޔާނާތަކީ މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށެވެ. އެއީ 1.22 ބިލިއަން ރުފިޔާގެ ވާހަކައެވެ. އެއީ ހަމަ އެކަނި އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓުން އޮޑިޓް އޮފީހަށް ފާހަގަވި އަދަދެވެ. ރާއްޖޭގެ އިގްތިސާދު ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ އެމްއެމްޕީއާރުސީގެ ހިޔާނާތް ގާތްގަނޑަކަށް ތިން ބިލިއަނާއި ހަތަރު ބިލިއަން ވަރު އަރާނެ ކަމަށެވެ. އެއީ ގިނަ ފަޅު ރަށްރަށާއި ފަޅުތަކާއި ބިންތައް ވިއްކާފައިވަނީ ނުއަގުގައި ކަމަށްވާތީ ކަމަށެވެ. ސަރުކާރުން އެ ހިޔާނާތް ހިންގާފައިވަނީ ފެން ބުއައިގަނެފައިވާ ސިންގާއެއްފަދައިން، ވީހާވެސް އަވަހަކަށް އަތަށްް ލާރިގަނޑު އަރާނެ ގޮތަށެވެ.
އެމްއެމްޕީއާރުސީގެ ތުހުމަތު ސަރުކާރުން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިސްތަށިފުޅުގައި އަޅުވާއިރު، އަދީބަކީ ކުރިން ޓޫރިޒަމް މިނިސްޓަރެވެ. އަދި ފަހުން ރައީސް ޔާމީންގެ ނައިބެވެ. މާނައަކީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި އަދީބު ހުންނެވިއިރު އެއީ ރައީސް ޔާމީން އަންގަވާ ގޮތަކަށް ކަންކަން ކުރައްވަން އެމަނިކުފާނު އައްޔަން ކުރައްވާފައި ހުންނަވާ ވަޒީރެކެވެ. ރައީސް ޔާމީންގެ ނައިބުކަމުގެ މަގާމުގައި ހުންނެވިއިރު ވެސް ކުރައްވަން ޖެހިވަޑައިގަންނަވަނީ ރައީސް ޔާމީން އެންގެވި ކަމެއް އެންގެވި ގޮތަށެވެ. އަދީބު ނެންގެވި ކަމަށްބުނާ ފައިސާގެ ބޮޑު ބައެއް ބެއްސެވީ ސަރުކާރު ހިމާޔަތް ކުރުމުގެ މަސައްކަތަށެވެ. އެންމެ ފުރަތަމަ ފަޅާއެރި ހިޔާނާތްތައް ފަޅާއެރީ މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތެރޭގަ އެވެ.
ގާނޫނު ހަދާ މަޖިލީހުގެ ސާފު މެޖޯރިޓީ ސަރުކާރަށް ހޯދުމަށާއި އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރު ސަރުކާރުގެ މުށު ތެރޭގައި ބޭއްވުމަށް އެންމެ ބޮޑަށް އުޅުއްވި ބޭފުޅަކީ އަދީބުކަން އެއީ ދިވެހި ރައްޔިތުންނަށް އޮޅިފައިވާ ކަމެއް ނޫނެވެ.
ސަރުކާރުގެ އިސްވެރިން ކުރިން ވިދާޅުވެފައިވާ ފަދައިން އަދީބަކީ އޭރު ޕީޕީއެމްއާއި ސަރުކާރުގެ އޭޓީއެމް މެޝިނެވެެ.
މިހާރު އަދީބު ޖަލަށް ލާފައިވާއިރު، އެ މަނިކުފާނު ބެއްލެވި ޑޮކްޓަރުން އަދީބަށް ރާއްޖޭން ބޭރުން ފަރުވާ ދިނުމަށް ލަފާ ދެއްވާފައިވާއިރު، ސަރުކާރުން ނިންމާފައިވަނީ އަދީބު ރާއްޖޭން ބޭރަށް ނުފޮނުވުމަށެވެ. ސަބަބަކީ އަދީބު ފިއްލަވާފާނެތީ ކަމަށެވެ.
އަނިލް އެވެ، ތިޔަވިދާޅުވެވުނީ މިގަރުނުގެ ވެސް އެންމެ ބޮޑު ޖޯކެވެ. އަނިލް އެވެ. އަދީބު ނެގި ކަމަށް ތިޔަ ވިދާޅުވާ ފައިސާ ނެންގެވީ ތިޔަ އަނިލް ތިޔަ މަގާމުގައި ހުންނަވަނިކޮށެވެ. އެކަމެއް އަދީބު ހިންގެވީ އަށްޓަ މަސް ބައިގަނޑެއްހެން އަދީބުގެ ގައިގާ ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ތަތްވެގެން ތިއްބެވި ދުވަސްވަރު ނޫންތޯއެވެ. އަދީބު ދައުލަތުގެ ފައިސާއިން ހިޔާނާތްވެފައިވާ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު ވިދާޅުވާއިރު، ބަންޑާރަ ނައިބު އަދީބުގެ އަނެއް ފަރާތުގައި އިންނެވިތަން ދިވެހި ރައްޔިތުންނަށް އޭރު ފެނުނު މަންޒަރުތައް މިއަދުވެސް އެހުރީ ފެންނާށެވެ. އަދީބާއެކު ކުރެއްވި ދަތުރުފުޅުތަކުގައި ބޭއްވި ބައްދަލުވުން ތަކުގައި އަދި ކެބިނެޓް ބައްދަލުވުންތަކުގައި އަދީބާއެކު ތިޔަބޭފުޅުން ތިއްބެވިއިރު، ހަމަ އެއްކަމެއް ވެސް އެނގިވަޑައި ނުގަންނަވަނީ ތޯއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަތައް ދައްކާއިރު، އަދީބާއި އޭރު އެންމެބޮޑަށް ގުޅުން އޮތް ބޭފުޅުންނަށް ކަންކަން ނޭނގިހުރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫނެވެ. އަދީބު އެފައިސާ ޚަރަދުކުރި ގޮތް، ސަރުކާރުގެ މިނިސްޓަރުންނާއި އިސްވެރިން އަދި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދިރިއުޅުއްވުމުގެ ފެންވަރަށް އޭރު އަންނަމުންދިޔަ ބަދަލުން ވެސް ރަޔިތުންނަށް އޮޅިގެނެއް ނޫޅެއެވެ. ބައެއް މީހުން ކުރިން ދިރިއުޅުނު ފަސްގަނޑު ދޫކޮށް މާލެއިން އަގުބޮޑު އެޕާޓްމަންޓްތަކާއި ގޯތިތައް ގަނެ، އަގުބޮޑެތި ގަޑިއާއި އަގޮނޓިތައް ގަނެ، އަގުބޮޑު ކާރުތައް ގަނެ، އަނބިންނަށާއި ދަރިންގެ އުފައްދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އަގޮބޮޑު ލަގްޒަރީ ޔޮޓް ފަހަރު ދޭހިސާބުގައި ކަންކަން ދިޔަތަން ރައްޔިތުންނަށް އޮތީ ފެނިފަ އެވެ. އަދީބު ޖަލަށްލުމާއެކު އެއްކަލަ ލަގްޒަރީ ދިރިއުޅުން މަޑުމަޑުން ނިކަމެތިވަމުން ގޮސް މިހާރު ތިޔަވަނީ "ވެއްޓޭ" ހިސާބަށް ކަންކަން ގޮސްފަ އެވެ.
ބަންޑާރަ ނައިބު އަނިލް އެވެ. އެމްއެމްޕީއާރުސީގެ ހިޔާނުގެ ފައިސާގެ ބޮޑުބައެއް އަދީބުގެ އަތުގައިވާތީ އެފައިސާއާއެކު އަދީބު ފިލާފާނެ ކަމަށް ގަބޫލު ކުރެވޭތީ، ބޭސްފަރުވާ ކުރުމަށް އަދީބަށް ރާއްޖެއިން ބޭރަށް ނުދެވޭނެ ކަމަށް ވިދާޅުވާއިރު، ޖަލުގައި އޮވެ އަދީބު މަރުވެއްޖެ ނަމަ ތިޔަބުނާ ފައިސާ ސަރުކާރަށް ލިބެނީ ކިހިނެއްތޯއެވެ.
ސަރުކާރުގެ އިސްވެރިން އުޅުއްވާ ގޮތުން އެންމެ ބޮޑަށް ވައްތަރީ އަދީބު އަތުން އެ ފައިސާ ހޯދުމަށްވުރެ، ފައިސާ ހޯދާށޭ ކިޔައިންގެ، އަދީބު ބޭރަށް ނުފޮނުވަން ދައްކާ ބަހަނާއެއްގެ ގޮތުގައެވެ. ސަބަބަކީ އަދީބު ރާއްޖޭން ބޭރަށް ވަޑައިގެންނެވޭ ގޮތްވެއްޖެނަމަ، ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން، އަދީބަށް ކޭކު ކާންދެވުނު ހަނދާންތަކާއި އަދީބު ހުންނަވާ ފުޓޯފުޅުތަކަށް ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ފިތިގެންވިޔަސް އެ ފޮޓޯއަށް އަރަން އޭރު ބޭނުންވި މަންޒަރު އިޔާދަ ވުމަކީ ވަރަށް ކައިރި ކަމަކަށްވާތީ އެވެ. ހަމަ "ވެއްޓިދާނެތީ" ބިރުގަންނަނީ އެވެ.