ކ. މާލެ
|
19 އޮކްޓޯބަރ 2022 | ބުދަ 06:18
އެލެކްސީ ނަވަލްނީ 
އެލެކްސީ ނަވަލްނީ 
އިންސްޓަގްރާމް
ނަވަލްނީ
ނަވަލްނީގެ ޖަލުގެ ހުކުމްގެ އެޕީލް ދެވަނަ ފަހަރަށް ވެސް ބަލައެއް ނުގަތް
މީގެ ކުރިން ވެސް ޖަލުގެ ހުކުމްގެ އެޕީލްއަކަށް އެދުނު

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ 9 އަހަރަށް ޖަލަށް ލާފައިވާއިރު އަންގާރަ ދުވަހު ރަޝިޔާގެ ކޯޓަކުން ވަނީ އޭނާގެ ޖަލުގެ ހުކުމްގެ އެޕީލް ބަލައިނުގެންފައެވެ.

ރަޝިއާ ސަރުކާރުން ނަވަލްނީ ހައްޔަރުކޮށް ޖަލުގައި ބަންދުކުރީ ކޮރަޕްޝަންގެ މައްސަލާގައެވެ. ނަވަލްނީ ހައްޔަރުކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، އޭނާ ވިހަވެގެން ޖަރުމަނުގެ ހޮސްޕިޓަލެއްގައި އެތަށް ދުވަހެއްވަންދެން ފަރުވާ ހޯއްދެވުމަށް ފަހު ހާލު ރަނގަޅުވުމުން އެނބުރި ގައުމަށް ވަޑައިގަތް ތަނުންނެވެ. އޭރު އޭނާ ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ ދެ އަހަރާއި ހަމަސްދުވަހަށެވެ.

ނަވަލްނީއަށް ވިހަ ދިންކަމުގެ ތުހުމަތު ރަޝިއާ ސަރުކާރުގެ މައްޗަށް އޭނާ ކުރި ނަމަވެސް ރަޝިއާ ސަރުކާރުން އެކަން ދޮގު ކުރެއެވެ. އަދި އޭގެ ފަހުން މިއަހަރުގެ މާރޗް މަހު އިތުރު އެހެން މައްސަލައެއް ނަވަލްނީގެ މައްޗަށް ކޮށް، 9 އަހަރަށް އޭނާ ޖަލު ބަންދުގައި ބެހެއްޓުމަށް ވަނީ ހުކުމްކޮށްފައެވެ. މި މައްސަލައަކީ އޭނާ އާއި އޭނާގެ ފައުންޑޭޝަނުން އެއްކުރި ފައިސާތައް ވަގަަށް ނެގި ކަމަށާއި ޝަރީއަތުގެ މަރުހަލާގައި ފަނޑިޔާރަކާމެދު ބޭއަދަބީ ބަހުން ވާހަކަދެއްކުމުން ކޮށްފައިވާ ހުކުމެކެވެ. ނަވަލްނީ ވަނީ މިއީ ސިޔާސީ މަޤްސަދެއްގައި ކޮށްފައިވާ ތުހުމަތުތަކެއް ކަމަށް ބުނެ، މި ހުރިހާ ކަމަށް އިންކާރު ކޮށްފައެވެ.

މީގެއިތުރުން އޭނާ ވަނީ މިއަހަރުގެ މެއި މަހު 9 އަހަރުގެ ޖަލުގެ ހުކުމްގެ އެޕީލަށް ވެސް އެދިފައެވެ. ނަމަވެސް އެފަހަރު ވެސް އެ އެޕީލް ވަނީ ބަަލައި ނުގެންފައެވެ.

އުމުރުން 44 އަހަރުގެ އެލެކްސީ ނަވަލްނީ އަށް މަޝްހޫރުކަން ލިބިގެން ދިޔައ،ީ 2012 ވަނަ އަހަރު ރައީސް ވްލަޑީމިއާ ޕޫޓިން ތިން ވަނަ ދައުރަކަށް ހޮވިވަޑައިގަތުމުން ބޭއްވި މުޒާހަރާތަކުގައި އޭނާ ދެއްވި ފޯރި ގަދަ ތަގުރީރުތަކުގެ ސަބަބުންނެވެ. އަދި ރަޝިޔާގައި ޕޫޓިން އާދެކޮޅު ފިކުރުގެ ހަރަކާތްތައް ފަށާފައިވާތީ އޭނާ އަށް ތާއީދު ކުރާ މީހުން އަންނަނީ މަޑުމަޑުން އިތުރުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް