ކ. މާލެ
|
18 އޮކްޓޯބަރ 2022 | އަންގާރަ 11:11
ޢުމުރުން 51 އަހަރުގެ ޢަލީ އަލް-ސަޢީދު، އެހެން މީހަކު ބޭނުންކޮށްފައިވާ ފީއަޓް-127 މޮޑެލްގެ ކާރެއް ގަތީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން
އިލެކްޓްރިކް ކާރު
ހާލަތުގެ ޝިކާރައަކަށް ނުވެ، ސަލާމަތުގެ ރާސްތާއެއްގައި ދަތުރު ކުރަން ބޭނުންވަނީ ތަނަވަސް ސިކުނޑިއެއް!
ކާރު އޭނާ ޗާޖް ކުރަނީ ހަފްތާ އަކު އެއްފަހަރު، ތެޔޮ އަޅާ ކާރަކާ އަޅާ ބަލާއިރު، އެއްވެސް ކަހަލަ އަޑުފަށްގަނޑެއްވެސް ނުހުރޭ
އިލެކްޓްރިކް ކާރަކަށް މި ކާރު ބަދަލު ކުރަން އޭނާ ޚަރަދު ކުރީ 3000 އެއްހާ ޑޮލަރު, ސްޕީޑް 70ގަ 100 ކިލޯމީޓަރަށް ދުވޭ، ޗާޖު ކުރަން ހޭދަވަނީ 2 ގަޑިއެއް ހާ އިރު
އެއީ ތިމާވެއްޓާ ރައްޓެހި، ތަޣައްޔަރު ކަމެއް ނުއުފައްދާ ކާރު

މިޞްރުގެ މުދައްރިސް ދުއްވަމުން އެދަނީ އެންމެ ޒަމާނީ، މޮޑެލް ވައި ޓެސްލާއަކަށް ނުވެދާނެއެވެ. ނަމަވެސް އޭނާގެ ބިނާކުރަނިވި ތަނަވަސް ޚިޔާލުގެ އެހީގައި އޭނާ އެވަނީ މީގެ ކުރިން ތެޔޮ ބޭނުންކޮށްގެން ދުއްވި، 1985ގެ ފީއަޓް-127 ކާރު، އިލެކްޓްރިކް ކާރަކަށް ބަދަލު ކޮށްފައެވެ.

ބޮޑުވަމުން ދާ ތެލުގެ ޚަރަދުތަކުން ސަލާމަތްވެ، ޖީބަށް ލުޔެއް ހޯދުމުގެ އިތުރުން، ދަތުރުފަތުރު ކޮށް އުޅުމުގައި، އަދަށްވުރެ ތިމާވެއްޓާ ރައްޓެހި ގޮތެއް އިޚްތިޔާރު ކުރުމުގެ މަޤްޞަދުގައެވެ.

މީ ތިމާވެއްޓާ ރައްޓެހި ކާރެއް. ތަޣައްޔަރު ކަމެއް ނުއުފައްދާ. މިއާ ޚިލާފަށް ތެޔޮ އަޅާ ކާރުތަކަކީ ގިނަ ޢަދަދަކަށް ތެޔޮ އަންދާ ކާރުތަކެއް. އެ އަރާ ދުމުން ތަޣައްޔަރު ކަން އުފައްދާ، ވައިގެ ފަށަލައަށް އަސަރު ކުރުވާ.
ޢަލީ އަލް-ސަޢީދު؛ މިޞްރުގެ ޓީޗަރެއް

ޢުމުރުން 51 އަހަރުގެ ޢަލީ އަލް-ސަޢީދު، އެހެން މީހަކު ބޭނުންކޮށްފައިވާ ފީއަޓް-127 މޮޑެލްގެ ކާރެއް ގަތީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިންނެވެ. އެންމެ 10000 މިޞްރު ޕައުންޑް ނުވަތަ ގާތްގަނޑަކަށް 510 ޑޮލަރަށެވެ. މައިގަނޑު ސަބަބަކަށް ވީ، އުފުލެމުންދިޔަ ތެލުގެ އަގުތަކަށް ޚަރަދުކޮށްގެން ދެކޮޅު ޖައްސަން އިންތިހާއަށް ދަތިވުމެވެ.

ކުރިން، ކޮންމެ 2 ދުވަހަކުން އަހަރެންގެ ކާރަށް ތެޔޮ އަޅަން ޖެހޭ. އެކަމަށް ކޮންމެވެސް ވަރެއްގެ ޚަރަދެއްވެސް ދޭ. މާ ބޮޑު އެއްޗެއް ނޫން. އެކަމަކު، ފަހަކަށް އައިސް އަގުތައް އުފުލެން ފެށީމަ، 2 ދުވަހުން އަޅަން ޖެހުނު ތެލަށް ކުރަން ޖެހުނު ހޭދަ 2 ގުނަ އިތުރުވި. އެއީ މަށަށް ކުރިމަތިވި ބޮޑު މައްސަލައަކަށްވި. ފުދޭ ވަރަކަށް އަހަރެން ކާރު ބޭނުން ކުރަން. އަހަރެން ވަރަށް ދަތުރު ކުރާ ހިތްވޭ. ވަރަށް ބުރަކޮށް އުޅެނީ. އެހެންވެ، އެހެން ގޮތެއް އޮތްތޯ އަހަރެން ދިޔައީ ވިސްނަމުން. އިލެކްޓްރިކް ކާރެއް އުފައްދައިގެން މަށަށް ފައިދާ ވެދާނެ ކަމާ މެދު ވިސްނަމުން ދިޔައީ. އަދި 200 ނޫނީ 300 ކިލޯމީޓަރަށް ދުއްވާލެވޭނެ ގޮތެއް އޮތްތޯ ވިސްނަމުން ދިޔައީ.
ޢަލީ އަލް-ސަޢީދު؛ މިޞްރުގެ ޓީޗަރެއް

ކާރުގައި ހަރުކުރާނެ އިލެކްޓްރިކް ބެޓެރިއެއް ގަތީ، ކާރުގެ އަސްލު އަގުގެ 6 ގުނަ ބޮޑުކޮށެވެ. ނަމަވެސް ސަޢީދު ޤަބޫލު ކުރާ ގޮތުގައި އެއީ ހަމަ އެންމެ ރަނގަޅު އިންވެސްޓްމަންޓްއެކެވެ.

އިލެކްޓްރިކް ކާރަކަށް މި ކާރު ބަދަލު ކުރަން އަހަރެން އަތުން ޚަރަދުވި 3000 އެއްހާ ޑޮލަރު. ސްޕީޑް 70ގަ 100 ކިލޯމީޓަރަށް ދުވޭ މި ކާރު. ޗާޖު ކުރަން ހޭދަވަނީ 2 ގަޑިއެއް ހާ އިރު.
ޢަލީ އަލް-ސަޢީދު؛ މިޞްރުގެ ޓީޗަރެއް

މިއަދު 100 ކިލޯމީޓަރަށް ދުއްވުމަށް އޭނާގެ ކާރު ބެޓެރީ ޗާޖު ކުރުމަށް ސަޢީދުގެ ޖީބުން ޚަރަދު ވަނީ 10 މިޞްރު ޕައުންޑް ނުވަތަ 0.5 ޑޮލަރެވެ. ސަޢީދު، އޭނާގެ އިލެކްޓްރިކް ކާރު ޗާޖު ކުރަނީ ހަފުތާއަކު 1 ފަހަރުއެވެ.

ހަމަ ޔަޤީނުންވެސް، ތެލުން އޮޕަރޭޓް ކުރާ ކާރަކާއި އިލެކްޓްރިކް ކާރަކާ ދެމެދުގެ އަގުގެ ފަރަޤުތަކެއް ހުންނާނެ. ތެޔޮ އަޅާ އިރު ފުދެނީ ތިން ހަތަރު ދުވަހަކަށް. އިލެކްޓްރިކް ކާރުގަ ހަފުތާއެއްހާ ދުވަސް މަޑުކޮށްލެވޭ ޗާޖުނުކޮށް. އަހަރެން ކާރު ބޭނުން ކުރަނީ ކުރުކުރު ދަތުރުތަކަށް. މާ ގިނައިން ޗާޖު ކުރާކަށް ނުޖެހޭ. މައްސަލަތައް ބޮޑު، ތެޔޮ އަޅާ ކާރަކާ އަޅާ ބަލާއިރު، އެއްވެސް ކަހަލަ އަޑުފަށްގަނޑެއްވެސް ނުހުރޭ. ދުއްވާލަން އެހާ އަރާމު. ކުރިމަތިލާން ޖެހޭ މައްސަލަތައް މަދު.
ޢަލީ އަލް-ސަޢީދު؛ މިޞްރުގެ ޓީޗަރެއް

ކައިރި މާޒީގައި ފާއިތުވެ ދިޔަ އަހަރުތަކަށް ބަލާއިރު މިޞްރުން ވަނީ ތެލުގެ އުފެއްދުންތަކަށް ދެމުން ދިޔަ ސަބްސިޑީޒްގެ ބޮޑު ބައެއް ކަނޑާލާފައެވެ. ބައިނަލްއަޤުވާމީ މާލީ އިދާރާ (އައިއެމްއެފް)ގެ އިސްލާހީ އެޖެންޑާގެ ދަށުން އެޅަމުންދާ ފިޔަވަޅުތަކުގެ ބައެއްގެ ގޮތުގައެވެ. މިދިޔަ ޖުލައި މަހުވެސް މިޞްރުން ވަނީ އެ ޤައުމުގެ ބާޒާރުތަކުގައި ވިއްކަމުން ދިޔަ ތެލުގެ އަގުތައް، 0.50 މިޞްރު ޕައުންޑުން އުފުލާފައެވެ. ނަތީޖާއެއްގެ ގޮތުން މިޞްރުގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދާ ނިސްބަތް، ނުވަތަ އިންފްލޭޝަނަށް ކުރާ ބާރު ވަނީ ބޮޑުވެފައެވެ.

- ކޮމެންޓް