ކ. މާލެ
|
17 އޮކްޓޯބަރ 2022 | ހޯމަ 15:31
ރައީސް ކާށިދޫއަށް ކުރެއްވި ދަތުރުފުޅު ގެ ތެރެއިން
ރައީސް ކާށިދޫއަށް ކުރެއްވި ދަތުރުފުޅު ގެ ތެރެއިން
ރައީސް އޮފީސް
ރައީސް ކާށިދޫއަށް ކުރެއްވި ދަތުރުފުޅު
ރައީސް ކާށިދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަައި މާލެ ވަޑައިގެންފި
ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާ ރައީސް ޝަރަފުވެރިކޮށްދެއްވި
ކާށިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސް ބައްދަލުކުރެއްވި
ސަން އައިލެންޑް ރިސޯޓުގައި ކުރިއަށްދިޔަ ވޮލީބޯލް މެޗު ބައްލަވާލައްވާފައިވޭ

މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކ. ކާށިދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި، ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދަނޑުވެރިކަން ކުރުމުގައި ހުރި ދަތިތަކާއި، ދަނޑުވެރިންގެ ޝަކުވާތައް ސަރުކާރުން އަޑުއަހައި، ވަކިފަރުދުންނަށް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ލޯނު 2 މިލިއަން ރުފިޔާއަށް ބޮޑުކޮށްދެވިފައިވާކަމުގައި ވިދާޅުވިއެވެ.

މި ޖަލްސާއަށް ފަހު އެމަނިކުފާނު ވަނީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބާގައި އެރަށުގައި ބޭއްވި ޚާއްސަ ޖާފަތުގައި ބައިވެރިވެ ވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކ. އަތޮޅު މަދަރުސާގައި ކުރިއަށްދިޔަ ދަނޑުވެރިކަމުގެ މައުރަޒުގެ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައި އެތަންތަން ބައްލަވާލެއްވުމުގެ އިތުރުން ބައެއް ދަނޑުވެރިންނާއި ބައްދަލުކުރައްވައި ޚިޔާލު ބަދަލުކުރެއްވިއެވެ.

މީގެ އިތުރުން މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ކާށިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާވެސް ބައްދަލުކުރައްވައި ކާށިދޫގެ ތަރައްގީގެ މުހިންމުކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި، އެމަނިކުފާނު ވަނީ ކާށިދޫ ހެލްތު ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކާށިދޫއަށް ވަޑައިގެންނެވުމުގެ ކުރިން، ސަން އައިލެންޑް ރިސޯޓަށް ވަޑައިގެން އެ ރިސޯޓުގައި ކުރިޔަށްދިޔަ "ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއަރ، މޯލްޑިވްސް ޗެލެންޖް 2022" ވޮލީބޯލް މުބާރާތުގެ ފައިނަލް މެޗާއި ބައެއް އެހެން މެޗުތައް ބައްލަވާލެއްވިއެވެ.

އިންޓަރނޭޝަނަލް މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ. މިއީ ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ރާއްޖޭގައި މިއަހަރު ބޭއްވޭ ބައިނަލްއަގުވާމީ ފެންވަރުގެ 6 ވަނަ މުބާރާތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް