Advertisement
ކ. މާލެ
|
17 އޮކްޓޯބަރ 2022 | ހޯމަ 13:24
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވީ20 ގައުމުތަކުގެ ފައިނޭންސް މިނިސްޓަރުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވީ20 ގައުމުތަކުގެ ފައިނޭންސް މިނިސްޓަރުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ
ރައްޔިތުންގެ މަޖިލިސް
މޫސުމީ ބަދަލުތަކުން ގައުމުތަކަށް ކުރާ އަސަރު
މޫސުމުގެ ނޭދެވޭ އަސަރު ނުކުރާ ނަމަ ވީ20ގެ ޤައުމުތަކުގެ އިގްތިސާދު އޮންނާނީ 20 އިންސައްތަ ކުރީގައި: ރައީސް ނަޝީދު
2000 އިން ފެށިގެން ގައުމުތަކަށް މޫސުމީ ނޭދެވޭ އަސަރު ބޮޑަށް ކުރޭ
އަހަރުން އަހަރަށް ބަލާނަމަ އެ ގައުމުތަކުގެ ކުރިއެރުމުގެ ނިސްބަތް 1 އިންސައްތަ ދަށްވެފައިވޭ
ވީ20ގެ ކޮންމެ ގައުމަކަށް މޫސުމީ ހިރާސްތަކުގެ ގެއްލުން ބޮޑު

މޫސުމީ ނޭދެވޭ އަސަރުތަކާއި ކުރިމަތިލާން ނުޖެހޭ ނަމަ ވީ20ގެ ޤައުމުތަކުގެ އިގްތިސާދު އޮންނާނީ މިހާރަށް ވުރެ 20 އިންސައްތަ ކުރީގައި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރޭ ވީ20 ގައުމުތަކުގެ ފައިނޭންސް މިނިސްޓަރުންގެ ބައްދަލުވުމުގައި ވަނީ ވާހަކަފުޅުދައްކަވާފައެވެ. މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ މޫސުމާއި ގުޅިގެން ކުރާ ނޭދެވޭ އަސަރުތަކާއި ހުރެ އެ ގައުމުތަކުގެ މުއްސަނދިކަން ހަތަރު ބައިކުޅަ އެއް ބަޔަށް ކުޑަ ވެފައިވާ ކަަމަށް ވިދާޅުވެފައެވެ.

މާލީ ގޮތުން ބަލާނަމަ، އެ ގައުމުތަކަށް ބައި ޓްރިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް އެކަމުގެ ސަބަބުން ވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މޫސުމީ ބަދަލު އެންމެ ބޮޑަށް ކުރާ ޤައުމުތަކުގެ ކުރިއެރުމަށް އެކަމުގެ ސަބަބުން ވަރަށް ބޮޑަށް އަސަރު ކުރާ ކަމަށާއި 2000 އިން ފެށިގެން އެ ގައުމުތަކަށް ވަރަށް ބޮޑަށް އަސަރުކުރަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ފާއިތުވި އަހަރުތަކުގައި އަހަރުން އަހަރަށް ބަލާނަމަ އެ ގައުމުތަކުގެ ކުރިއެރުމުގެ ނިސްބަތް 1 އިންސައްތަ ދަށްވެފައިވާ ކަމަށާއި އެ ގައުމުތައް ފަގީރުވަމުންދާ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވީ20ގެ ގައުމުތަކަކީ މޫސުމީ ކާރިސާތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތައް ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އަށް މިދިޔަ މަހެއްހާ ދުވަސް ތެރޭގައި އުދަ އެރުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަމަށެވެ. އަދި ފަރުތަކުގެ ދިރުން ގެއްލުމާއި، އުމްރާނީ ސިނާއަތަށް އަސަރުކުރުމާއި، ވައި ބާރުވުން ފަދަ ކަންކަން މޫސުމީ ބަދަލުތަކާ އެކު ކުރިމަތިވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

ވީ20ގެ ކޮންމެ ގައުމަކީ ވެސް އެފަދަ ގޮންޖުހުންތަކާއި ކުރިމަތިލާން ޖެހޭ ޤައުމަކަށް ވާއިރު ކޮންމެ ދުވަހަކީ ވެސް އެ ގައުމުތަކުން މޫސުމީ ހިރާސްތަކާއި އޭގެ ސަބަބުން ލިބޭ ގެއްލުންތަކާއި ކުރިމަތިލާން ޖެހޭ ދުވަހެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އިގްތިސާދީ ގޮތުން ފޯރާ ގައުމުތަކަށް ބަލާލުމުން އެ މައްސަލައިގެ ހައްސާސްކަން ސާފުވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ މޫސުމުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ގައުމުތަކުން ފައިސާ ދައްކަމުން ދަނީ ލޯނު ނަގައިގެން ކަމަށް ވިދާޅުވެފައެވެ. ރިސްކު ޕްރޮފައިލްގެ ސަބަބުން މުއްސަނދި ގައުމުތަކުން ލޯނު ހޯދުމަށް ކުދި ގައުމުތަކަށް ގޮންޖެހުންތަކާއި ކުރިމަތިވާއިރު، މޫސުމީ ބަދަލުތަކަކީ ޒަމާންތަކެއް ވަންދެން އަޅާ ނުލެވި ހުރި ކަންކަމުގެ ނޭދެވޭ ނަތީޖާ ކަން އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19އިގެ ބަލިމަޑުކަމާ އެކު ވީ20ގެ ގައުމުތަކަށް ދިމާވި ގޮންޖެހުންތައް އިތުރުވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ގައުމުތަކުގެ ދަރަނި ކުޑަކުރުމަށް ރޭވުންތެރި ގޮތެއް ނުހޯދައިފިނަމަ، ސްރީލަންކާ އަށް ދިމާވި ފަދަ މާލީ ކާރިސާއެއް ގައުމުތަކަށް ކުރިމަތިވުމުގެ ފުރުސަތު އޮތްކަން އެމަނިކުފާނު ފާހަކުރެއްވިއެވެ. އެ މަސައްކަތް ކުރެވޭނީ ހިންގުންތެރިކަމާ އެކު ގައުމުތަކުން ގުޅިގެން މަސައްކަތްކޮށްގެން ކަމަށާއި އަޅާ ނުލާ ތިބެގެން އެފަދަ މައްސަލަތަކަށް ހައްލު ނުލިބޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް