ކ. މާލެ
|
16 އޮކްޓޯބަރ 2022 | އާދީއްތަ 10:48
ސްކިޓްޒަފްރޭނިއާއަކީ އެއްކޮށް ރަނގަޅު ނުކުރެވުނު ކަމުގައި ވީ ނަމަވެސް ފަރުވާ ކުރެވޭ ބައްޔެއް
ސްކިޓްޒަފްރޭނިއާ
ސްކިޓްޒަފްރޭނިއާ ފެށެނީ ބަނޑުގައި އޮންނަ ދުވަސްވަރުގައި ކަމަށް ވެދާނެ: ސައެންސްވެރިން
ދުރާލާ ފަރުވާ ކުރަން ފެށިއްޖެ ނަމަ، ބަލީގެ ނުރައްކާ އިތުރަށް ގޯސް ވިޔަ ނުދީ، ދުރު ރާސްތާގައި އެދެވޭ ނަތީޖާތަކެއް ހޯދި ދާނެ ކަމުގެ ފުރުޞަތު ބޮޑު
ސްކިޓްޒަފްރޭނިއާ ތަހައްމަލު ކުރަމުން ދާ މީހުންނަކީ އަދުގެ ބޭސްވެރިކަމުގެ ހާލަތު އޮތް ގޮތުން، އުމުރަށް ބޭސް ކުރަން ޖެހޭ ބައެއް
މި ބަލީގެ އާންމު އަލާމާތްތަކުގެ ތެރޭގައި އަސްލެއް ނެތް ޤަބޫލުކުރުންތަކާއި ކުށް ހީތައް ކުރެވެމުން ދިއުން، އަސްލު ނުވާ ކަންތައްތައް އަސްލެއްގެ ގޮތުގައި ސިފަ ވަމުން ދިއުން ހިމެނޭ

ތަފާތު އެކި ކަހަލަ ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުން ދާ މީހުން ތިބިއިރު، އެ ބައްޔެއްގެ ސަބަބުން، ސީދާ ބަލި މީހާއާއި، އޭނާއާއެކުގައި ދެން އުޅޭ މީހުންގެ ފުރާނަވެސް ބައެއް ހާލަތްތަކުގައި އިންތިހާ ނުރައްކަލުގެ ތެރެއަށް ވައްޓާލާ އެއް ބައްޔަކީ ސްކިޓްޒަފްރޭނިއާއެވެ. ސްކިޓްޒަފްރޭނިއާއަކީ ނަފްސާނީ ބަލިތަކުގެ ތެރެއިންވެސް ސީރިއަސް ބައްޔެކެވެ. އެ ބަލި ތަހައްމަލު ކުރަމުން ދާ މީހަކަށް، ޙަޤީޤަތް ފަޙުމް ވުމުގައި ގޮންޖެހުންތަކަކާ ކުރިމަތިވެއެވެ. ޙަޤީޤަތުގައި ހިނގަމުން ނުދާ ކަމެއްވެސް އޭނާގެ ލޮލު ކުރިމަތީގައި، އަސްލު ކަމެއް ހެން ސިފަވެ، އަޑުވެސް އިވޭ ފަހަރު އާދެއެވެ. ހާލަތު ގޯސްވަމުން ގޮސް، އާންމު ދިރިއުޅުމުގެ ކަންކަން ކުރުމަށްވެސް ހުރަސް އެޅި، ނުކުޅެދޭ މީހަކަށްވެސް ބަދަލު ކޮށްލައެވެ.

ސްކިޓްޒަފްރޭނިއާ ތަހައްމަލު ކުރަމުން ދާ މީހުންނަކީ އަދުގެ ބޭސްވެރިކަމުގެ ހާލަތު އޮތް ގޮތުން، އުމުރަށް ބޭސް ކުރަން ޖެހޭ ބައެކެވެ. ދުރާލާ ފަރުވާ ކުރަން ފެށިއްޖެ ނަމަ، ބަލީގެ ނުރައްކާ އިތުރަށް ގޯސް ވިޔަ ނުދީ، ދުރު ރާސްތާގައި އެދެވޭ ނަތީޖާތަކެއް ހޯދި ދާނެ ކަމުގެ ފުރުޞަތު ބޮޑުވެއެވެ. ޗިލީގެ 2 ސައެންސްވެރިއަކު ދާދި ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ބަނޑުގައި ދަރިފުޅު ޣަރުބަގަނެގެން އަންނަ ދުވަސްވަރު ނާރުތަކުގެ ނިޒާމް އުފެދިގެން އަންނަ ގޮތާ ސްކިޓްޒަފްރޭނިއާއާ ގުޅުވިދާނެއެވެ. އެހެން ކަމުން، ސްކިޓްޒަފްރޭނިއާ ތަހައްމަލު ކުރަން ޖެހުމުގެ ފުރުޞަތު ކުޑަ ދަރިއަކު ހޯދުމުގެ ފުރުޞަތު މިހާރު ވަނީ ބޮޑުވެފައެވެ. ސްކިޓްޒަފްރޭނިއާއިން ސަލާމަތްވެފައިވާ ދަރިއަކު ލިބުމުގެ އުއްމީދު ވަނީ އާވެފައެވެ.

ބަނޑުގައި ދަރިފުޅު ޣަރުބަގަންނަމުންދާ ދުވަސްވަރު އެ ފީޓަސްއަށް ކުރިމަތިލާން ޖެހޭ ކަންކަމުގެ ނަތީޖާ ނުކުންނާނެ. ސްކިޓްޒަފްރޭނިއާގެ ތަކިލީފުތައް އާންމު ގޮތެއްގައި ދެނެގަނެވެނީ ޅަ ޒުވާން ދުވަސްވަރުގައި ކަމަށް ވީ ނަމަވެސް، ދުރާލާ އެކަން ދެނެގަނެވުމަކީ ވަރަށް މުހިންމު، އަދި އެހާމެ ޝަޢުޤުވެރިވެސްކަމެއް.
ވެރޯނިކާ ޕާމާ؛ ޗިލީ ޔުނިވަރސިޓީގެ ސައެންސް ޑޮކްޓަރެއް

ޗިލީ ޔުނިވަރސިޓީގެ ސައެންސް ކޮލެޖުގައި، ވެރޯނިކާ ޕާމާ އަދި މެގްޑަލީނާ ސަންހުއެޒާ އިސްކޮށް ތިބެގެން ކުރިއަށް ގެންދިޔަ ދިރާސާގެ ހޯދުންތައް އާންމު ކޮށްފައި ވަނީ ފްރޮންޓިއަރޒް އިން ސެލް އެންޑް ޑިވަލޮޕްމަންޓް ބައޮލޮޖީ ޖާނަލްގައެވެ.

ސައެންސްވެރިން ވަނީ ނާރުތަކުގެ ނިޒާމު އުފެދިގެން އަންނަ ދުވަސްވަރު، ނާރުތަކުގެ ގުޅުންތަކުގެ މުއާމަލާތު ކުރުން ހުންނަ ގޮތަށް، ސްޓެމްސެލްގެ އެހީގައި ބަދަލު ގެނެވިދާނެ ގޮތްތައް ދިރާސާކޮށްފައެވެ.

މިސާލަކަށް، އަސަރު ކުރަނީ ކޮންކޮން ޕްރޮޓީންސްއަކަށްތޯ ދިރާސާ ކުރެވިދާނެ. އެއީ މާދަމާ ހައްދާ ކުޑަކަމުދާ ތަކެތި ނުވަތަ ލޭގެ ޓެސްޓަކުން ފާހަގަ ކުރެވެވިދާނެ ބައޮމާކަރުތަކަކަށްވެސް ވެދާނެ.
ވެރޯނިކާ ޕާމާ؛ ޗިލީ ޔުނިވަރސިޓީގެ ސައެންސް ޑޮކްޓަރެއް

ނަތީޖާއެއްގެ ގޮތުން، ސްކިޓްޒަފްރޭނިއާއަށް ޑައެގްނޯޒް ކުރެވުމުގެ ކުރިންވެސް ބޭސްވެރިކަމުގެ ތެރެއިން ނުވަތަ ޖެނެޓިކްސް އިމުގެ ތެރެއިން މަސައްކަތްތަކެއް ކޮށްގެން، ފަރުވާއެއް ތަޢާރަފު ކުރެވިދާނެ ކަމުގެ މަގު ވަނީ ތަނަވަސްވެފައެވެ.

އާންމުކޮށް ހުންނަންޖެހޭ ގޮތް ނޫން ގޮތަކަށް، ސިއްޙަތަށް ގެއްލުން ދެނިވި ގޮތަކަށް ޕްރޮޓީންސްތައް ހުއްޓަތީ ފެނިއްޖެނަމަ، ގާޑުންގެ ގޮތުގައި މިއަށް މަސައްކަތް ކުރެވިދާނެ. ހަމައެކަނި އެއެއް ނޫން، ފެއިލް ވަމުންދާ ކޮންކޮން ޕްރޮޓީންތަކެއް ތޯއާއި، އެކަން އެހެން ދިމާވަނީ ކީއްވެކަން ދެނެގަނެވިއްޖަނަމަ، ޖެނެޓިކްސްގެ ގޮތުން ނޫނީ ބޭސްވެރިކަމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމުގެ ފުރުޞަތުވެސް އަހަރަމެންނަށް ލިބިދާނެ.
ވެރޯނިކާ ޕާމާ؛ ޗިލީ ޔުނިވަރސިޓީގެ ސައެންސް ޑޮކްޓަރެއް

ސްކިޓްޒަފްރޭނިއާގެ އާންމު އަލާމާތްތަކުގެ ތެރޭގައި އަސްލެއް ނެތް ޤަބޫލުކުރުންތަކާއި ކުށް ހީތައް ކުރެވެމުން ދިއުން ނުވަތަ ޑިލޫޝަންސް، ހެލޫސިނޭޝަން ނުވަތަ އަސްލު ނުވާ ކަންތައްތައް އަސްލެއްގެ ގޮތުގައި ސިފަ ވަމުން ދިއުން، އެއްވެސް އޮއްޓަރެއް، ހަމައެއް، މާނައެއް ނެތް ގޮތަށް ބަސްތަކެއް ކިއުން، މިޒާޖާއި އުޅުމަށް އާދަޔާ ޚިލާފު ނޭދެވޭ ބަދަލުތަކެއް އައުން، އަދި އާންމު މީހަކު ފަދައިން ދިރިއުޅުމުގެ އަސާސީ އާދަކާދަތައް ކުރިއަށް ގެންދިއުމަށް ނުކެޅުން ފަދަ ކަންކަން ހިމެނެއެވެ. ފުރާވަރު އުމުރުގެ ކުދިންގެ ކިބައިން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ކުއްލިއަކަށް އެކަހެރިވުން، އިމްތިހާންތަކުގެ ނަތީޖާ ދަށްވުން، ނިދަން އުނދަގޫވުން، މާޔޫސީ މޫޑެއްގައި ހުރުން އަދި އެއްވެސް ކަމެއް ކުރާ ހިތް ނުވުން ފަދަ އާންމު އަލާމާތްތައް ހިމެނެއެވެ.

ސްކިޓްޒަފްރޭނިއާއަކީ އެއްކޮށް ރަނގަޅު ނުކުރެވުނު ކަމުގައި ވީ ނަމަވެސް ފަރުވާ ކުރެވޭ ބައްޔެކެވެ. ނަމަވެސް އުމުރުގެ އެކި ހިސާބުތަކުގައި ރީލެޕްސްވުން ނުވަތަ ބަލި އަނބުރާ އައުމުގެ ނުރައްކާވެސް އޮންނަ ބައްޔެކެވެ. ސްކިޓްޒަފްރޭނިކް ޕޭޝަންޓުންނަށް ދޭ ފަރުވާއާ އެއްވަރަށް، އެހެން މީހުންގެ ފަރާތުންވެސް އެއްބާރުލުން ބޭނުންވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް