އެކައުންޓެންޓުންނަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަހާސިންތާ ކަމަށްވާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފޯރަމަކީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ ފޯރަމެކެވެ. މިއީ 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ރާއްޖޭގައި އެކައުންޓިންގ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ އެންމެ ބޮޑު މަހާސިންތާއެވެ.
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމަކީ އެކައުންޓިންގ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ތަމްރީންކޮށް، އެކައުންޓިންގ ޕްރޮފެޝަން ކުރިއެރުވުމުގެ މަގުސަދުގައި ބާއްވަމުން އަންނަ މަހާސިންތާއެކެވެ. މި އަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ "އިކޮނޮމިކް ޓްރާންސްފޮމޭޝަން، ރީތިންކިންގ ގްރޯތު އިން ދި ނިއު އިކޮނޮމީ" ގެ ތީމަށް ހާއްސަކޮށްގެންނެވެ.
މިއަހަރުގެ މަހާސިންތަކާއި ފަތުރުވެރިކަމާއި ، ދަތުރުފަތުރުގެ ދާއިރާ އާއި ސަސްޓެއިނަބަލް ފައިނޭންސިންގ އަދި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ތަފާތު ގިނަ އިންޑަސްޓަރީތަކުގައި ހުރި އެކި ގޮންޖެހުންތަކަށް އަލިއަޅުވާލާނެ ކަމަށް ސީއޭ މޯލްޑިވްސް އިން މައުލޫމާތު ދެއެވެ.
މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަަތު ހުޅުވާލާފައިވަނީ ސަރުކާރުގެ މިނިސްޓްރީތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ އެކައުންޓިންގ އަދި އޮޑިޓިންގ ޑިޕާޓްމަންޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. މި މަހާސިންތާ އޮންނާނީ މި ހިނގާ އޮކްޓޯބަރު މަހުގެ 29 ން 30 އަށެވެ.
މިއަހަރުގެ މަހާސިންތާގައިވެސް ބައިނަލްއަޤްވާމީ ޕްރޮފެޝަނަލް އެކައުންޓިންގ އޯގަނައިޒޭޝަންތަކާއި އެކައުންޓިންގ ދާއިރާގައި ރާއްޖޭގައި މަސައްކަތްކުރާ ފުންނާބު އުސް ބޭފުޅުން ހިމެނޭގޮތަށް ޓެކްނިކަލް ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންތަކަކީ ސީއޭ މޯލްޑިވްސްގެ 'ވެރިފަޔަބަލް ސީޕީޑީ' ސެޝަންތަކެއް ކަމަށާއި އިންސްޓިޓިއުޓްގެ ވީހާވެސް ގިނަ މެމްބަރުން މި ސެޝަންތަކުގައި ބައިވެރިވުމަށް އެ އިންސްޓިޓިއުޓުން އިލްތިމާސްކުރެއެވެ.
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 25 އޮކްޓޯބަރު 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 3:0 އާ ހަމައަށެވެ.
މި މަހާސިންތާގައި ބައިވެރިވެވޭނީ ސީއޭ މޯލްޑިވްސްގެ ޕޯޓަލްhttps://portal.camaldives.org/މެދުވެރިކޮށެވެ.