ކ. މާލެ
|
12 އޮކްޓޯބަރ 2022 | ބުދަ 17:00
ރާއްޖެ-ޗައިނާ ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން
ރާއްޖެ-ޗައިނާ ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން
ރާއްޖެއެމްވީ
ރާއްޖެ އާއި ޗައިނާގެ ގުޅުން
ރާއްޖެ އާއި ޗައިނާގެ ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފާހަގަކޮށްފި
50 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ބޮޑު މަސައްކަތެއް ފަށާފައިވޭ

ރާއްޖެ އާއި ޗައިނާގެ ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފުރުން ފާހަގަކޮށްފިއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ބޮޑު މަސައްކަތެއް ވަނީ ފަށާފައެވެ.

ރާއްޖެ-ޗައިނާ ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފާހަގަކުރަން މީރުމާ ހޮޓަލުގައި ބުދަ ދުވަހު ބޭއްވި ހަފުލާއެއްގައި ޗައިނާ ސަފީރު  ވަން ލިޒިން އާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަފްލާގައި ވަން ލިޒިން  ވިދާޅުވީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ލީޖިއާން ސިޓީގައި އަންނަ އަންގާރަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ރާއްޖޭގެ ފޮޓޯ އެގްޒިބިޝަނެއް ބާއްވާނެ ކަމަށެވެ.

ރާއްޖޭގެ ރީތި މަންޒަރުތައް ދައްކައިދޭ ފޮޓޯތަކާ އެކު ލީޖިއާންގައި ފޮޓޯ އެގްޒިބިޝަން ބާއްވާނީ "ވޮންޑަފުލް މޯލްޑިވްސް، ދަ ސަނީ ސައިޑް އޮފް ލައިފް" ގެ ނަމުގަ އެވެ. ޔުނާން ޕްރޮވިންސް ރާއްޖޭގައި އިޝްތިހާރުކުރުމަށް ޓަކައި، ހަފުލާ ބޭއްވީ ޔުނާން ޕްރޮވިންސްގެ ސަރަހައްދީ ސަރުކާރާ ގުޅިގެންނެވެ. އެ ޕްރޮވިންސްގެ ރީތި މަންޒަރުތައް ދައްކައިދޭ ފޮޓޯތަކެއް ހަފުލާގައި ދައްކަލާފައިވެއެވެ.

ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ދެމެހެއްޓެނެވި ފަތުރުވެރިކަމުގެ މަންޒިރެއްގެ ގޮތުގައި ރާއްޖެ ދަމަހައްޓާ މުޅި ދުނިޔެއަށް މިސާލު ދެއްކުމަކީ އެއް އަމާޒު ކަމަށެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތީ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމެއް ކަމަށާއި ފާއިތުވި 50 އަހަރު ދެ ޤައުމުން ވެސް އެއްގައުމު އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖެއަކީ ޗައިނާގެ ފަތުރުވެރިންގެ މެދުގައި ވެސް މަޤްބޫލް މަންޒިރެއް ކަމަށާއި އެގްޒިބިޝަނުގެ ސަބަބުން ޗައިނާގެ އިތުރު އެތައް ބަޔަކަށް ރާއްޖެ އެނގި، އެ މައުލޫމާތުގެ އަލީގައި ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ފޮޓޯ އެގްޒިބިޝަނަށް ޒިޔާރަތްކުރާ ޗައިނާގެ އެކުވެރިން ގެ ތެރެއިން ގިނަ ބަޔަކު ރާއްޖޭގެ ރީތިކަން ދެކެން އަންނާނެ ކަމުގެ ޔަގީންކަން އެބައޮތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދެގައުމުގެ ދެމެދުގައި ވަރަށް އަވަހަށް ވައިގެ ދަތުރުތައް ފެށޭނެކަމަށް އުއްމީދުކުރައްވާ ކަމަށާއި އޭރުން ޔުނާން ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިވެހިންނަށް ލިބޭނެކަމަށް ވެސް އޭނާ މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް