ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 21:07
ޔަންގް ފިޝަރސް ކްލަބް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތު
ޔަންގް ފިޝަރސް ކްލަބް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތު
ދިރާގު
ދިރާގު
ދިރާގާއި މަސްވެރިންގެ ޖަމްއިއްޔާ ގުޅިގެން "ޔަންގް ފިޝަރސް ކްލަބް" ތައާރަފުކޮށްފި
ޕައިލެޓް ޕްރޮގްރާމް އިފްތިތާހުކޮށްފައިވަނީ ހއ. އިހަވަންދޫ ސްކޫލްގެ ދަރިވަރުން ހިމަނައިގެން

ދިރާގާއި ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމްއިއްޔާ ގުޅިގެން 'ޔަންގް ފިޝަރސް ކްލަބް' ތައާރަފުކޮށްފިއެވެ.

މި ކްލަބްގެ ޒަރީއާއިން، މަސްވެރިކަމާއި ކަނޑުގެ މާހައުލާއި ދެމެހެއްޓެނިވި އާދަކާދަތައް ދަރިވަރުންނަށް ތައާރަފުކޮށް، އަސާސީ މައުލޫމާތު ފޯރުކޮށްދީ، އެއާދަތައް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު ދަސްކޮށްދޭނެކަމަށް ދިރާގުން ބުނެއެވެ.

ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ މި ޕައިލެޓް ޕްރޮގްރާމް އިފްތިތާހުކޮށްފައިވަނީ ހއ. އިހަވަންދޫ ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ސްކޫލްގައި މި ކްލަބް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ގްރޭޑް 7 އަދި 8ގެ 52 ދަރިވަރުންނާއެކުގައެވެ. މީގެތެރޭގައި 30 އަންހެން ކުދިންނާއި 22 ފިރިހެން ކުދިން ހިމެނެއެވެ. 

މި ކްލަބުން ކުދިންނަށް މަސްވެރިކަމުގެ ސިނާއަތާބެހޭ އެކި މައުލޫމާތު ދަސްކޮށްދޭނީ އެއް އަހަރު ދުވަހުގަ މުއްދަތަށް ކުރިއަށް ގެންދާ "ހޭންޑްސް އޮން ޕްރެކްޓިކަލް" ސެޝަންތަކުގެ ޒަރީއާއިންނެވެ. މި ސެޝަންތަކުގައި، ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚާއި، ކަނޑުގެ މާހައުލާއި، މޫސުމާއި މޫސުމަށް އަންނަ ބަދަލުތަކާއި، ޑިޒާސްޓަރ މެނޭޖްމަންޓާއި، ބަޔޯޑައިވަރސިޓީއާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ފަސްޓް އެއިޑާއި، މަސްވެރިކަން މެނޭޖްކުރުމާއި، ޕޯސްޓް ހާރބަޓް ޓެކްނޮލޮޖީއާއި، ނެވިގޭޝަން އަދި ކޮމިއުނިކޭޝަން ސްކިލްސް ދަރިވަރުންނަށް ކިޔަވައިދޭނެއެވެ.  

Advertisement

މި ޕްރޮގްރާމާ ގުޅޭގޮތުން ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ، ޒުވާނުން ކުރިއަރުވާ ބާރުވެރިކުރުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުންގެ ވަރަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދޭ ދާއިރާއެއްކަމަށެވެ. އެގޮތުން މި މުހިންމު ޕްރޮގްރާމަށް އެއްބާރުލުންދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށާއި، އުންމީދަކީ މި ޕްރޮގްރާމްގެ ސަބަބުން ދެމެހެއްޓެނިވި އާދަކާދަތަކާއި ޓެކްނޮލޮޖީތަކަށް ކުދިން އަހުލުވެރިވުމުގެ އިތުރުން، ކަނޑުގެ މާހައުލަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ދާއިރާއިން ކުރިއަށްދިއުމަށް ޒުވާނުން ބާރުވެރިކުރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްވެރިންގެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޝާކިރު ވިދާޅުވިގޮތުގައި، މިއީ ރާއްޖޭގެ ޒުވާން ޖީލު މަސްވެރިކަމުގެ ސިނާއަތަށް ބާރުވެރިކޮށް އެ ދާއިރާ މުޅިން އައު ހަރުފަތަކަށް ގެންދިއުމަށް ފެށުނު މުހިންމު ޕްރޮގްރާމެކެވެ. އަދި މިއީ، މަސްވެރިކަމުގެ ދާއިރާ މިހާރަށްވުރެ ޕްރޮފެޝަނަލްކޮށް، އިތުބާރުކުރެވޭ އަދި ހީވާގި މަސައްކަތްތެރިން އުފައްދައި، އަދި ދިވެހި މަސްވެރިކަމުގެ ސިނާއަތް ކުރިއަށްގެންދިއުމަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔަންގް ފިޝަރސް ކްލަބްގެ ހަރަކާތްތައް މުޅި ދިރާސީ އަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ޙަރަކާތްތަކުގެ ތެރޭގައި; ފިޝަރީޒް ހާވެސްޓިންގއާއި ޕޯސްޓް ހާރވެސްޓިންގ ދާއިރާއާއި ސަސްޓެއިނަބިލިޓީ ޕްރެކްޓިސްތަކާގުޅޭ ޕްރޮގްރާމްގެ ތެރެއިން، ދިރިއުޅުމުގެ ހުނަރުތަކާގުޅޭ މުހިންމު ދާއިރާތަކަށްވެސް އަލިއަޅުވާލާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް