ކ. މާލެ
|
25 ސެޕްޓެންބަރ 2022 | އާދީއްތަ 10:41
ފެޝަން އަދި ލައިފްސްޓައިލް ކުންފުންޏެއް ކަމަށް ވާ އެޕަރެލް ގުރޫޕުން ދުބާއީގައި ހިންގާ ފިޖިޓަލް ފިހާރަ ފަރުމާކޮށްފައި ވަނީ 38 ޓެބްލެޓާއެކު، އެ ތަނުގައި 7 ފިޓިންގް ރޫމް ގާއިމު ކޮށްފައި ހުރޭ
ދުބާއީގައި ފިޖިޓަލް ފިހާރައެއް ހުޅުވުން
ފިޖިޓަލް: ވިޔަފާރި ކުރަން ލޯބިކުރާ މީހުންނަށް އިންޤިލާބީ ތަޖުރިބާއެއް
ގަންނަން ބޭނުން ވާ ހެދުން، ފިޓިންގް ރޫމްއަށް ވަދެ ހެޔޮވަރު ކޮށްލުމަށްފަހު، ވަގުތުން އަތަށް ލިބިގެން ފިހާރައިން ނުކުމެގެންދެވޭ
ގޭގައި ތިބެ އޮންލައިން ވިޔަފާރިކުރާހެން، ފިޖިޓަލް ފިހާރައަށް ގޮސް، ހަމަޖެހިލައިގެން ތިބެ، އޮންލައިން ޕްލެޓްފޯމުން މުދާ ގަނެ ކަރޓްއަށް އެޅުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބޭ
ފިޖިޓަލް ފިހާރައަކީ، އޮންލައިން ވިޔަފާރީގެ އިތުރުން، އަމަލީ ގޮތުން މީހާ ފިހާރައަށް ގޮސްގެން ވިޔަފާރި ކުރުމުގެ ތަޖުރިބާ އެއް ވެއްޓަކުން ފޯރުކޮށްދޭ ޒަމާނީ ފިހާރައެއް

މެދުއިރުމަތީގެ ވިޔަފާރި ހަބްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރަމުން އަންނަ ދުބާއީގައި އަލަށް ވިޔަފާރިއެއް ހުޅުވާއިރު އެއީ އެއްގޮތަށް ވުރެ ގިނަ ގޮތުން ފާހަގަ ކުރަންޖެހޭ ހަރަކާތަކަށް އޮންނަނީ ވެފައެވެ. ކޮންމެވެސް ދިމާއަކުން އާދަޔާ ޚިލާފު ކޮންމެވެސް ކަމެއް ކުރާނެ ކަމީ ގިނަ ބަޔަކަށް، ބޭ އިޚްތިޔާރުގައި ޤަބޫލު ކުރެވިފައި އޮންނަ ކަމެކެވެ.

މިއީވެސް އެކަހަލަ ކަމެކެވެ. ދުބާއީގައި ދާދި ފަހުން ހުޅުވި ފިހާރައެކެވެ. ނަމަވެސް، މުދަލުގެ ބަދަލުގައި ފިހާރައިން ފެންނަން ހުރީ ސްކްރީންތަކަކާއި ސޯފާތަކެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެއީ ރީޓެއިލް ވިޔަފާރީގެ މުސްތަޤުބަލު ކަމުގައި ވާ "ފިޖިޓަލް" ކޮންސެޕްޓަށް ހުޅުވި ފިހާރައެކެވެ.

އޮންލައިން ވިޔަފާރީގައި މަޝްހޫރު ރީޓެއިލަރ ސިކްސްތު ސްޓްރީޓް ޑޮޓްކޮމްގެ ފިޖިޓަލް ފިހާރައަކީ، އޮންލައިން ވިޔަފާރީގެ އިތުރުން، އަމަލީ ގޮތުން މީހާ ފިހާރައަށް ގޮސްގެން ވިޔަފާރި ކުރުމުގެ ތަޖުރިބާ އެއް ވެއްޓަކުން ފޯރުކޮށްދޭ ޒަމާނީ ފިހާރައެކެވެ. ސިކްސްތު ސްޓްރީޓް ޑޮޓްކޮމްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ދަރްމިން ވީދުގެ ވާހަކަތަކުންވެސް އެކަން ދޭހަ ކޮށްދެއެވެ.

އަސްލު ބުނަންޏާ ބުނެވިދާނެ މީ ފުރަތަމަ ފިޖިޓަލް ފިހާރައޭވެސް. މި ކަހަލަ ފިހާރައެއް ހުޅުވުމުގެ ޚިޔާލު އުފެދިގެން އައީ، އެއް މާހައުލަކުން ޑިޖިޓަލް އަދި ފިޒިކަލް ވިޔަފާރި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ފިކުރުގެ ތެރެއިން. އެހެންވެ، ފިޒިކަލީ ފެންނަން އޮތް ތަނަކަށް، އަހަރަމެން ޑިޖިޓަލް ކޮންސެޕްޓެއް މި ތައާރަފު ކުރީ. އެއީ ރީޓެއިލް ވިޔަފާރި ހިނގާ ގޮތަކަށް ބަދަލެއް ގެންނަން ވެގެން. އަހަރަމެން ޤަބޫލު ކުރާ ގޮތުގަ، މިއީ ރީޓެއިލް ވިޔަފާރީގެ މުސްތަޤުބަލު. އަހަރަމެންގެ ލީޑަރުންވެސް ވިދާޅުވާ ފަދައިން، ދެން އޮތް އުސްމިނަށް މިކަން މިގެންގޮސްދެނީ. ރީޓެއިލް ވިޔަފާރިވެސް އާ ހަރުފަތަކަށް މި ގެންދަނީ.
ދަރްމިން ވީދު؛ ސްޓްރީޓް ސީއީއޯ

ގޭގައި ތިބެގެން އޮންލައިން ވިޔަފާރި ކުރާ ގޮތަށް، ފިޖިޓަލް ފިހާރައަށް ގޮސް، ހަމަޖެހިލައިގެން ތިބެ، އޮންލައިން ޕްލެޓްފޯމުން މުދާ ގަނެ ކަރޓްއަށް އެޅުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބެއެވެ. ތަފާތަކީ، ގަންނަން ބޭނުން ވާ ހެދުން، ފިޓިންގް ރޫމްއަށް ވަދެ ހެޔޮވަރު ކޮށްލުން ކަހަލަ އަމަލީ ފައިދާތަކެއް ލިބުމެވެ.

އޮންލައިން ވިޔަފާރީގަ ނެތް ފައިދާތަކެއް، ފިޒިކަލް ވިޔަފާރީގަ އެބަ ހުރޭ. އެތަނުން އެއް ކަމަކީ، މުދަލުގައި އަތްލާ، އެ ހެޔޮވަރުކޮށްލުން ކަހަލަ ތަޖުރިބާތައް ލިބުން. ވަރަށް ގިނަ ފަހަރު، އެއްޗެއް ގަތުމުގެ ކުރިން، އެ ތަޖުރިބާކޮށްލަން ބޭނުންވާނެ. އަހަރަމެންގެ މި ފިހާރައިގަ މިއޮތީ އެކަމަށް އިންޤިލާބީ ޙައްލެއް. ޒަމާނީ ފިޓިންގް ރޫމްތަކަށް ވަދެ، ގަންނަން ބޭނުންވާ އެއްޗެއް ތަޖުރިބާ ކޮށްލެވޭނެ، ހަމަ ލޮލަށް އެ އެއްޗެއް ނުފެނި، އަތް ނުލެވި. އިތުރު މީހެއްގެ ލަފަޔާއި ޚިޔާލުވެސް ހޯދޭނެ. އާންމުކޮށް ފިހާރައަށް ގޮސްގެން ވިޔަފާރި ކުރަން ލިބޭ އަނެއް ހިތްހަމަޖެހުމަކީ، ވަގުތުން އަތަށް މުދާ ލިބިގެން ފިހާރައިން ނުކުމެގެންދާ ދިއުން. ބައެއް މީހުން ފިހާރައިން ނުކުމެގެންދާނީވެސް އެ ގަތް ފައިވާނަށް އަރައިގެން ނޫނީ ހެދުން ލައިގެން. އެހެންވީމަ، މިކަހަލަ ފިހާރައެއް ހުޅުވުމުގެ ޚިޔާލު ގޯހެއް ނޫނޭ ބުނެވޭނީ.
ދަރްމިން ވީދު؛ ސްޓްރީޓް ސީއީއޯ

ފިޖިޓަލް ފިހާރާގައި އޮންލައިން ވިޔަފާރިއަށް ހާއްސަކޮށްފައިވާ ސްކްރީންތަކަކީވެސް އިންޓަރެކްޓިވް ސްކްރީންތަކެކެވެ. ނަތީޖާއެއްގެ ގޮތުން ސައިޒް ބަދަލު ކޮށްދިނުމާއި، އެނޫންވެސް އެފަދަ އިތުރު އެހީތެރިކަން ހޯދުމުގެ މަގު އޮންނަނީ ތަނަވަސްވެފައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ފެޝަން އަދި ލައިފްސްޓައިލް ކުންފުންޏެއް ކަމަށް ވާ އެޕަރެލް ގުރޫޕުން ދުބާއީގައި ހިންގާ ފިޖިޓަލް ފިހާރަ ފަރުމާކޮށްފައި ވަނީ 38 ޓެބްލެޓާއެކުގައެވެ. އެ ތަނުގައި 7 ފިޓިންގް ރޫމް ގާއިމު ކޮށްފައި ވާ އިރު، އާންމު ރީޓެއިލް ފިހާރައަކުން ކުރާ ވިޔަފާރީގެ 7 ގުނަ އިތުރަށް މުދާ، އެތަނުގައި ހުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް