ކ. މާލެ
|
23 ސެޕްޓެންބަރ 2022 | ހުކުރު 18:52
ކެންސަރ ތެރަޕީ ވައިރަސް
ކެންސަރ ތެރަޕީ ވައިރަސް
ގެޓީ އިމޭޖަސް
ކެންސަރުގެ ފަރުވާ
ކެންސަރުގެ ފަރުވާއަށް އަނެއްކާވެސް އުންމީދެއް
މި ފަރުވާ ސާޅީހަކަށް މީހުންނަށް ދެވި އޭގެ ތެރެއިން ގިނަ މީހުންގެ ނަތީޖާ ރަނގަޅު

ކެންސަރު ތެރަޕީ ނުވަތަ ފަރުވާގައި، އާންމުކޮށް މިހާރުވެސް ބޭނުންކުރެވޭ ވައިރަސްއެއް ބޭނުންކޮށްގެން އުފެއްދި އައު ފަރުވާއަކުން، ކެންސަރު ބަލީގެ ބަލިމީހުންނަށް އަނެއްކާވެސް އުންމީދީ ނަތިޖާތަކެއް ލިބެމުންދާ ކަމަށް އިނގިރޭސި ވިލާތުގެ ސައިންޓިސްޓުންގެ ގްރޫޕަކުން ބުނެފިއެވެ. މި ޑްރަގް އުފައްދަނީ ކޯލްޑް ސޯ، ނުވަތަ ހަރޕީސް ފަދަ ބަލިތައް ޖެހުމުން އަނގަމަތީ ނަގާ ފޮޅު ޖައްސާ ވައިރަހުގެ ބާވަތެއް ބޭނުން ކޮށްގެންނެވެ. މި ފަރުވާ ދިނުމުން ކެންސަރުގެ ޓިއުމަރު މަރުވެފައި އެބަހުއްޓެވެ. އަދި ތަހުލީލު ސްޓޭޖުގައި ފަރުވާ ދެވުނު ގިނަ މީހުންގެ ޓިއުމަރު ކުޑަވެފައިވެއެވެ.

މިކަމުގައި ބައިވެރިވި މާހިރުން ވިދާޅުވާ ގޮތުގައި ކެންސަރު ފަރުވާގެ ސްޓަޑީތައް އަދި މިއަށްވުރެވެސް ބޮޑުކޮށް ފުޅާކޮށް ހަދަން ޖެހޭނެއެވެ. އެހެން ނަމަވެސް މިފަހަރުގެ ފަރުވާގައި ޖެހޭ އިންޖެކްޝަނަކީ ވެސް ކެންސަރުގެ އެޑްވާންސް ސްޓޭޖުތަކަށް ގޮސްފައިވާ ބަލި މީހުންނަށް ވެސް ދިރިތިބުމުގެ އުންމީދެއް ދީފާނެ ފަރުވާއެކެވެ.

ރޯޔަލް މާސްޑަން އެން.އެޗް.އެސް ފައުންޑޭޝަން ޓްރަސްޓްގެ އިންސްޓިޓިއުޓް އޮފް ކެންސަރ ރިސަރޗްގެ ފަރާތުން ހެދި ތަހުލީލުގެ ސޭފްޓީ ޓްރަޔަލްގައި ބައިވެރިވި އެކަކީ ކްރިޒިސްތޯފް ވޮޖްކޯވްސްކީ ކިޔާ، ލަންޑަނަށް ނިސްބަތްބާ އުމުރުން 39 އަހަރުގެ ފިރިހެނެކެވެ. އަނގަ ކައިރީގައިވާ ސަލައިވަރީ ގްލޭންޑްއަކަށް ކެންސަރު ޖެހިފައިވާކަން 2017 ވަނަ އަހަރު އޭނާއަށް އެނގުމާ އެކު ސަރޖަރީ ހިމެނޭ ގޮތުން ތަފާތު ފަރުވާތައް ކުރަމުން ދިޔަ ނަމަވެސް، އޭނާގެ ކެންސަރު ދިޔައީ ބޮޑުވަމުންކަމަށް ވެއެވެ. އޭނާގެ ފަރުވާގައި ދެން އިތުރަށް ކުރެވޭނެ ކަމެއްނެތް ކަމަށް ބުނި ކަމަށާއި އެހެން ކަމުން އޭނަ އައީ މަރަށް ތައްޔާރުވެ ހުރެ އެންމެ ފަހުގެ ފަރުވާ ހޯދަމުން ކަމަށް އޭނާ ބުނެފައިވެއެވެ. މިހެން ހުއްޓާ އައު ތަހްލީލުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވި ކަމަށް އޭނާ ބުނެފައިވެއެވެ. ފަސް ހަފްތާ ވަންދެން އިންޖެކްޝަން ޖެހުމަށް ފަހު އޭނާގެ ކެންސަރު އެއްކޮށް ފިލާފައިވާކަމަށް އޭނާ ބުނެފައިވެއެވެ. އަދި އޭނާ "ކެންސަރ ފްރީ" ކޮށް ހުންނަތާ މިހާރު ދެއަހަރު ވެފައިވާކަމަށް ވެއެވެ.

ހަރޕީސް ޖެހުމުން އަނގަމަތީ ނަގާ ފޮޅު

އައު ވައިރަސް ތެރަޕީ އުފައްދަނީ "ހަރޕީސް" ބަލި ޖައްސާ ވައިރަސްއަށް ބަދަލުތަކެއް ގެނެސްގެންނެވެ. މި ފަރުވާގައި އިންޖެކްޝަން ޖަހަނީ ސީދާ ޓިއުމަރަށް ކަމަށް ވެއެވެ. މި ފަރުވާއިން ދެގޮތަކަށް ކެންސަރުގެ ސެލްތައް ބަލިކޮށްލައެވެ. އެއީ ޓިއުމަރަށް ސީދާ އިންޖެކްޝަން ޖެހުމުން ސެލްތައް ފަޅައިގެން ދިއުމާއި އަދި ހަށިގަނޑުގެ އިމިއުން ސިސްޓަމް ނުވަތަ ދިފާއީ ނިޒާމް އިތުރަށް ވަރުގަދަ ކޮށްދީގެންނެވެ.

މިފަރުވާގެ ޓްރަޔަލް ސްޓޭޖްގައި މިހާރު ވަނީ ސާޅީހަކަށް ބަލިމީހުންނަށް ފަރުވާދެވި އަޖުމަ ބަލާފައެވެ. މީގެ ތެރެއިން އެއްބަޔަކަށް ސީދާ މިފަރުވާގެ އިންޖެކްޝަން، (އާރު.ޕީ.ޓޫ) އެކަނި ދެވިފައިވާއިރު، ދެވަނަ ގްރޫޕްއަށް ދެވުނީ މި އިންޖެކްޝަން އާއި އެހެން ކެންސަރު ޑަރްގެއް ކަމަށްވާ ނިވޮލުމާބް އާއި ދެފަރުވާ އެއްކޮށެވެ. މީގެ ތެރެއިން އާރު.ޕީ.ޓޫ އެކަނި ދެވުނު ކޮންމެ ނުވަ މީހެއްގެ ތެރެއިން ތިން މީހުންގެ ޓިއުމަރު ކުޑަވެފައިވެއެވެ. އަދި މިކްސް ފަރުވާ ދެވުނު ތިރީސް މީހުންގެ ތެރެއިން ހަތް މީހުންނަށް ވެސް ކުރިއެރުންތައް ފެނިފައިވެއެވެ. މިފަރުވާ ދެވުމުން ވަރުބަލިވުން އިހްސާސް ކުރެވޭ ކަމަށާއި ނަމަވެސް އާންމު ގޮތެއްގައި މިކަން ފެންނަނީ ކުޑަކޮށްކަމަށް ރިސަރޗަރުން ބުނެފައިވެއެވެ.

އިސް ރިސަރޗަރ ޕްރޮފެސަރ ކެވިން ހެރިންގޓަން ބީބީސީއަށް ވިދާޅުވީ އެޑްވާންސް ސްޓޭޖްގައިވާ ކެންސަރު ބަލި މީހުންނަށް މިފަރުވާ ދެވުމުން ލިބުނު ނަތީޖާ ހަގީގަތުގައިވެސް ވަރަށް ފާހަގަ ކޮށްލެވޭ ކަމުގައެވެ. މިގޮތުން ކާއެއްޗެތި ދަތުރު ކުރާ ހޮޅި ނުވަތަ އީސޮފެގަސްގެ ކެންސަރު ބަލި މީހުންނަށާއި މަދުން ފެންނަ ލޮލުގެ ކެންސަރުގެ ބަލި މީހުންނަށް ދެވުމުން ރަނގަޅު ނަތީޖާ ފެނިފައިވާކަން އޭނާ ފާހަގަކުރައްވާފައިވެއެވެ. އަދި ކްލިނިކަލް ޓަރަޔަލްތަކުގެ މިހާ ކުރީކޮޅު މިހާ ރަނގަޅު ނަތީޖާ ފެނުމަކީ ވަރަށް މަދުން ނޫނީ ނުވާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަރުވާދެވޭ މީހުންގެ އަދަދު އިތުރު ކުރުމުން ވެސް މިފަދަ ރަނގަޅު ނަތީޖާ ފެނޭތޯ ބަލަން ބޭނުންވާކަމަށް ވިދާޅުވެފައިވެއެވެ.

މިއީ ވައިރަހެއް ބޭނުން ކޮށްގެން ކެންސަރަށް ފަރުވާއެއް އުފެއްދި ފުރަތަމަ ފަހަރެއް ނޫނެވެ. ހަމުގެ ކެންސަރަށް ފަރުވާ ކުރުމަށް ވެސް މިފަދަ ފަރުވާއެއް މީގެ ދެތިން އަހަރު ކުރިންވެސް އެން.އެޗް.އެސްއިން ހުއްދަ ދީފައިވެއެވެ.   

- ކޮމެންޓް