ކޮންމެ ހާލެއްގައިވެސް، އަމިއްލަ މަސައްކަތުން މާލީ ނަފާ ހޯދުމަކީ ކިހާ މުހިންމު ކަމެއްކަން ސާބިތުކޮށްދެމުން ދާ އެއް ބަޔަކީ އެއް ގޮތަށް ވުރެ ގިނަ ގޮތުން ފިއްތާލާފައިވާ ޣައްޒާގެ ރަށްވެހިންނޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.
ޚުދު ފަލަސްޠީނާއި އިޒްރޭލު އަދި މިޞްރުގެ ފިއްތުންތަކާއެކުގައިވެސް ޣައްޒާގެ ރައްޔިތުން ދަނީ އިޤުތިޞާދު ނެގެހެއްޓުމަށް ކުރެވެން އޮތް ހާ ކަމެއް ކުރަމުންނެވެ. އެފަދަ އެއް މަސައްކަތަކީ ޣައްޒާގެ އައްސޭރިފަށުން ރަށްބޭރުގައި މިދިޔަ އަހަރު ތަރައްޤީ ކުރި ފިޝް-ފަރމް ނުވަތަ "މަސް ދަނޑު"ގެ މަސައްކަތެވެ. އެއީ ޣައްޒާގެ ފުރަތަމަ ފިޝް-ފަރމްއެވެ. މިއަދު އެ ފިޝް-ފަރމްގައި ވަނީ ފިލޮޅު ތިޔާގިވެފައެވެ. ނަގުދު ފައިސާ ވަންނަނީ، އެ އަށް އިންތިހާ ބޭނުން ޖެހިފައި ވާ ޣައްޒާގެ އިޤްތިޞާދަށެވެ.
ޣައްޒާގެ ރަށްބޭރުން 4 ނޯޓިކަލް މޭލު ދުރުގައި ފިޝް-ފަރމް ތަރައްޤީ ކޮށްދިނީ ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ އދގެ އިދާރާ (ޔޫއެންއެފްއޭއޯ)އާއި އިޓަލީވިލާތުގެ ބައިވެރިވުމާއެކުގައެވެ. އެއީ ޣައްޒާގެ ވިޔަފާރިއާއި، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހިންގާ ގިނަ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއެވެ.
ޣައްޒާއަކީ މަސްވެރި ރަށެއް ނަމަވެސް، މިދިޔަ އޯގަސްޓް މަހު އިޒްރޭލުން ކުރިމަތި ކުރި ހުރަސްތަކާއެކު ޣައްޒާގެ މަސް އެކްސްޕޯޓް ވިޔަފާރިއަށް ވަނީ ހިޔަނި އެޅިފައެވެ. ނަމަވެސް އެ ހުރަސްތަކަށް ލުއި ލިބޭނެ ކަމަށް ބެލެވެއެވެ.
އިޒްރޭލާއި މިޞްރުންވެސް ޣައްޒާއަށް ހުރަސްތައް ކުރިމަތި ކޮށްފައި އޮތް ނަމަވެސް، ޣައްޒާގެ މަސް ބޯޓު ފަހަރުގެ މަސައްކަތްތައް ދިޔައީ ކުރިއަށެވެ. ނަމަވެސް، އެ ހުރަސްތަކުގެ ސަބަބުން، މަސްވެރިކަމަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، މަސް ބޭނޭ މިންވަރު ވަނީ ދަށަށް ގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އިޤްތިޞާދީ ކުރިއެރުމަށް އެކަމުގެ ނޭދެވޭ އަސަރު ދިޔައީ ފޯރަމުންނެވެ. ޣައްޒާގެ އާބާދީގެ 2 ބައި ކުޅަ 1 ބަޔަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ދަނީ އިންތިހާ ފަޤީރު ކަމުގެ ހާލަތުގައެވެ.
ރަށްބޭރުގައި ހިންގާ ފިޝް-ފަރމްގެ އިސްވެރިއަކަށް ހުންނެވި ޢަބްދުލް-ނާޞިރު މާދީ ވިދާޅުވީ އާ ފެސިލިޓީތަކުގެ ސަބަބުން، މަސްވެރިކަމުގެ ސިނާއަތަށް ކޮންމެހެން ބޭނުންވާ ފައިސާގެ ކަންކަން ހަމަޖެހިގެން ދާ ކަމަށާ، މުދާ އެކްސްޕޯރޓް ކުރުމަށްވެސް ވަރުގަދަ ގުޅުންތަކެއް ބަދަހި ވަމުން ދާ ކަމަށެވެ.
މިއީ ޕައިލެޓް ޕްރޮޖެކްޓެއް. މަހުގެ ކޮލިޓީ ކޮންމެ ގޮތަކަށް ހުއްޓަސް، އެއީ އަހަރަމެންނަށް ކާމިޔާބެއް. މީ، ޣައްޒާގެ ފިޝް-ފަރމްތަކުގެ ބިންގަލަށް ވީމަ. ވިޔަފާރިވެރިންނަށް މިހާރު އެނގޭ ފިލޮޅު ވިއްކަން. ފިލޮޅު ބާނަންވެސް.ޢަބްދުލް-ނާޞިރު މާދީ؛ ފިޝް-ފަރމް ޕްރޮޖެކްޓްގެ ވެރިޔާ
ފިޝް-ފަރމްގެ ފުރަތަމަ އަހަރުގެ ތެރޭގައި 60 ޓަނާއި 80 ޓަނާ ދެމެދު އަދަދެއްގެ ފިލޮޅު އާލާ ކުރެވޭނެ ކަމަށް އަންދާޒާ ކޮށްފައި ވާ އިރު، އެ ޝިޕްމަންޓް ބަހާލާނީ ޣައްޒާއާއި ހުޅަނގު އައްސޭރީގެ ބާޒާރުތަކަށް ކަމަށް މާދީ ވިދާޅުވިއެވެ. ފިޝް-ފަރމްގެ އުފެއްދުންތައް ގަތުމަށް، ޣައްޒާގެ ޑީލަރުން އެކަކު އަނެކަކާ ވާދަ ކުރާ ކަމަށްވެސް މާދީ ވަނީ ފާހަގަ ކުރައްވާފައެވެ.
ކަން މިހެން އޮތް އިރު، މަސް އެކްސްޕޯރޓް ކުރުމާ ދެކޮޅަށް އިޒްރޭލުން އަޅާފައި ހުރަހުގެ މަތިން ހަނދާން ނައްތާލެވޭކަށް ނެތެވެ. ހުޅަނގު އައްސޭރީގެ ބާޒާރުތަކަށް ޣައްޒާއިން ބޭރު ކުރާ މަހުގެ ކޮންޓްރޯލް އޮންނަނީ އިޒްރޭލުގެ މުށު ތެރޭގައެވެ.
ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ހަމާސް ޖަމާއަތާއި އިޒްރޭލާއި ދެމެދު ދޭތެރެ ދޭތެރެއިން ސިލްސިލާ ގޮތެއްގައި ބަދަލު ކުރަމުންދާ ވަރުގަދަ ހަމަލާތަކުގެ އަސަރުވެސް މަސްވެރިކަމުގެ ސިނާއަތަށް ފޯރައެވެ. އެންމެ ފަހުން އޯގަސްޓް މަހުގެ ތެރޭގައި 3 ދުވަހުގެ މުއްދަތަށް ބަދަލު ކުރި ހަމަލާތަކާ ގުޅިގެން، ޣައްޒާއިން މަސް އެކްސްޕޯޓް ކުރުން 2 ހަފުތާއަށް ހުއްޓުވާލިއެވެ. އޭގެ ފަހުން މަސް އެކްސްޕޯޓް ކުރަން ހުއްދަ ދިނީ، ކުރިން މަހެއްގެ މައްޗަށް އެކްސްޕޯޓް ކުރަމުންދިޔަ 100 ޓަނުގެ 5 ބައިކުޅަ 1 ބަޔަށެވެ. ފަލަސްތީނުން ބުނާ ގޮތުގައި އެއީ ފުދޭ މިންވަރަށް ވުރެ އިންތިހާއަށް މަދު ޢަދަދެކެވެ.
ޣައްޒާގެ މަސްވެރިކަމުގެ ސިނާއަތާ ދެކޮޅަށް އަޅަމުންދާ ހުރަސްތަކުގެ ދިފާއަށް، ޔަހޫދީ އިޒްރޭލުން ވަނީ ވާހަކަ ދައްކާފައެވެ. އިޒްރޭލުން ބުނާ ގޮތުގައި މަސް އެކްސްޕޯޓް ކުރެވޭނެ މިންވަރު ކޮންޓްރޯލް ކޮށްފައި ވަނީ އާންމު ސިއްހަތާ ގުޅުން ހުރި ކަންބޮޑުވުންތަކެއްގެ ސަބަބުން ކަމަށެވެ. ޣައްޒާގައި ޤަވައިދާ ޚިލާފަށް މަސް އެތެރެކޮށް، މަހުގެ ވަގު ވިޔަފާރި ކުރާ ކަމަށް، އިޒްރޭލުގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އަންގާރަ ދުވަހު ތުހުމަތު ކޮށްފައެވެ. އަދި މަސް އެކްސްޕޯޓް ކުރެވޭނެ ކޯޓާއަކީ 40 ޓަނުގައި ކަމަށް ކަނޑައަޅާފައި ވާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަ ކޮށްފައެވެ.
ޔާޞިރު އަލް-ޙާޖްއަކީ ޣާއްޒާގެ ގޮނޑުދޮށުގައި ހިންގާ ރެސްޓޯރަންޓެއްގެ އިތުރުން ފިޝް-ފަރމްތަކެއްގެ މިލްކުވެރިޔާއެވެ. އޭނާގެ ފިޝް-ފަރމްތަކުގައި އަހަރެއްގެ މައްޗަށް 300 ޓަނުގެ ފިލޮޅު އަލާ ކުރާ އިރު، އެއީ ޣައްޒާގެ މަސް އެކްސްޕޯޓްގެ ގާތްގަނޑަކަށް 80 ޕަސެންޓްއެވެ.
އެމީހުން އަހަރަމެންނަށް ޢަދަބު ދީ، މަސް އެކްސްޕޯޓް ކުރުން ހުއްޓުވާލި. އަހަރަމެންނަށް ބޮޑުތަނުން ގެއްލުންވި. ފިޝް-ފަރމްގައި ހުރި މަސްތައް ހުރީ ވިއްކާލެވޭ ވަރަށް ބޮޑުވެފަ. އަހަރަމެންނަށް ޖެހުނީ ފަރމްއިން އެ މަސްތައް ދޫކޮށްލަން، އެހެން މަސްތަކަށް ބޮޑުވާނެ ޖާގަ ދޭން. އެކަމަކުގެ ސަބަބުން އަހަރަމެންނަށް ވަރަށް ބޮޑަށް، ނޭދެވޭ އަސަރު ކުރި.ޔާޞިރު އަލް-ޙާޖް؛ފިޝް-ފަރމްގެ މިލްކުވެރިޔާ
ޔާޞިރު ބުނި ގޮތުން ނަމަ، ބުދަ ދުވަހުގެ ވަގުތެއްގައި މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފަށާނެއެވެ.