މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ދުނިޔޭގައި ނުފޫޒުގަދަ ވެރިކަމެއް ކުރި ބީޒަންތިއްޔާއިން ނުވަތަ ރޫމީންގެ ދުވަސްވަރު، ބިންމަތި ޒީނަތްތެރިކުރުމުގެ ގޮތުން ޖަހާ އުޅުނު ފަދަ ކުރެހުން އެޅި ބޮޑު މުށިގަނޑެއް، ޣައްޒާގެ ދަނޑުވެރިއަކަށް ފެނިއްޖެއެވެ.
އެކި ކަހަލަ ދޫނިތަކާއި ޖަނަވާރުތަކުގެ ކުރެހުން އަޅާފައިވާ ބޮޑު މުށިގަނޑު ފެނިފައި ވަނީ، އޭނާ ގަސް ހައްދަން އުޅުނު ސަރަހައްދުންނެވެ.
ސަލްމާން އަލް-ނަބާހީންއަށް ފެނުނު ބޮޑު މުށިގަނޑަކީ، 1300 ނުވަތަ 1500 އަހަރު ވެފައިވާ މުށިގަނޑެއް ކަމަށް ބެލެވެއެވެ. ނަބާހީންއަށް އެ މުށިގަނޑު ފެނުނީ މީގެ 6 މަސް ދުވަސް ކުރިންނެވެ. މުށިގަނޑު ފެނުނީ ބުރެއިޖީ ރެފިއުޖީ ކޭމްޕުގައި، އޭނާ ޒައިތޫނި ދަނޑެއް ހައްދަން އުޅުނު ސަރަހައްދުންނެވެ. އެ ސަރަހައްދު އޮންނަނީ އިޒްރޭލުގެ ބޮޑަރަށް ވުރެ 0.5 މޭލު އެތެރެއަށެވެ.
މަށަށް ބޮޑުބެ ކިއާ ކުއްޖަކާ އެކީ އިންޓަރނެޓުން ބަލާލިން މިއީ ކޮން އެއްޗެއްތޯ. މި މުށިގަނޑަކީ، ބީޒަންޠިޔާއިންގެ ދުވަސްވަރުގެ އެއްޗެއްކަން އަހަރަމެންނަށް ދަނެގަނެވުނު.ސަލްމާން އަލް-ނަބާހީން؛ ޣައްޒާގެ ދަނޑުވެރިއެއް
ޒައިތޫނު ދަނޑުގައި ހުރި ބައެއް ގަސްތައް ރަނގަޅަށް މޫލާ ފެތުރިނުގެނެގެން އުޅެނީ ކީއްވެތޯ ބެލުމުގެ ގޮތުން، ނަބާހީން، ބިން ކޮންނަން ފެށިއެވެ. އެ މަސައްކަތުގައި، ނަބާހީންގެ ދަރިފުޅުވެސް ބައިވެރިވިއެވެ. ފަސްގަނޑު ޖެހުމަށް ދަރިފުޅު މަޅާލި ކޯރާޑި ގޮސް ޖެހުނީ ފިސާރި ހަރު އެއްޗެއްގައެވެ. ފެންނަ ފެނުމަށް، އެއީ އާދަޔާ ޚިލާފު އެއްޗެއް ކަން އެނގުނެވެ.
ފެނުނު އާދަޔާ ޚިލާފު މުށިގަނޑާ ބެހޭ ގޮތުން އޭނާ ކުރި ދިރާސާތައް، 7 ދަރިންގެ ބައްޕަ، ނަބާހީން ވަނީ ހިއްސާކޮށްފައެވެ.
ފަލަސްޠީނުގެ ފަތުރުވެރިކަމާއި އާޘާރުތަކާ ބެހޭ ވުޒާރާއިން ބުނީ، ނަބާހީންގެ ދަނޑުން ފެނުނު ބޮޑު މުށިގަނޑުގައި ރަމްޒުކޮށްދޭ ޖަނަވާރުތަކާއި އިޖުތިމާއީ ދިރިއުޅުން ދައްކުވާދޭ ކުރެހުންތަކަކީ ބީޒަންޠިޔާއިންގެ ދުވަސްވަރުގެ ކަމެއް ކަމަށެވެ.
ފަލަސްޠީނާއަކީ ތާރީޚީ އެތައް ކަމަކާ ގުޅިފައިވާ މުހިންމު މަންޒިލަކަށް ވާ އިރު، ތަފާތު އެކި ދުވަސްވަރުގެ މުއްސަނދި އާޘާރުތައް، ދޭތެރެ ދޭތެރެއިން ޣައްޒާއިން ފެނެއެވެ.
މަށަށް މި ސިފަ ކުރެވެނީ ޚާޒާނާއެއްގެ ގޮތަށް. ޚާޒާނާއަކަށްވުރެވެސް އަސްލު އަގުހުރި އެއްޗެއްގެ ގޮތުގަ. މިއީ ފަލަސްޠީނުގެ ވާރުތައަކަށް ވާނީ.ސަލްމާން އަލް-ނަބާހީން؛ ޣައްޒާގެ ދަނޑުވެރިއެއް
ކައިރި މާޒީގައި ފާއިތުވެދިޔަ ދުވަސްތަކަށް ބަލާއިރުވެސް ތަފާތު، ގިނަ އާޘާރުތަކެއް ވަނީ ފެނިފައެވެ. ނަމަވެސް މާލީ ދަތިކަން ހުރުމާއި، ކަމާ ގުޅުން ހުރި ފަންނީ މާޚިރުންގެ ދަތިކަން އޮތުމުގެ ސަބަބުން، އާޘާރުތައް ނެގުމުގެ މަސައްކަތާއި ގިނަ ދުވަހަށް ދެމި ހުންނާނެ ގޮތް ހެދުމަށް ޣައްޒާއިން ދަނީ ބައިނަލްއަގުވާމީ ގުރޫޕުތަކަށް ދަޢުވަތު ދެމުންނެވެ.