ކ. މާލެ
|
18 ސެޕްޓެންބަރ 2022 | އާދީއްތަ 18:01
ފޮރެންސިކް ސަރވިސް އާއި މޮނިޓަރިންގ އެންޑް އިވެލުވޭޝަންގެ މަސައްކަތް ވަކިން އުފައްދައި އޭސީސީގެ އައު އޮނިގަނޑަށް އަމަލުކުރަން ފެށުން
ފޮރެންސިކް ސަރވިސް އާއި މޮނިޓަރިންގ އެންޑް އިވެލުވޭޝަންގެ މަސައްކަތް ވަކިން އުފައްދައި އޭސީސީގެ އައު އޮނިގަނޑަށް އަމަލުކުރަން ފެށުން
އޭސީސީ
އެންޓި-ކޮރަޕްޝަން ކޮމިޝަން
ފޮރެންސިކް ސަރވިސް އާއި މޮނިޓަރިންގ އެންޑް އިވެލުވޭޝަންގެ މަސައްކަތް ވަކިން އުފައްދައި އޭސީސީގެ އައު އޮނިގަނޑަށް އަމަލުކުރަން ފަށައިފި
އައު އޮނިގަނޑުގެ ދަށުން ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ރޭވިފައިވާ ގޮތުގެ ތަފްސީލް ހިއްސާކޮށްފައިވޭ

އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ފުރަތަމަ ފަހަރަށް ފޮރެންސިކް ސަރވިސް އާއި މޮނިޓަރިންގ އެންޑް އިވެލުއޭޝަންގެ މަސައްކަތް ވަކިން އުފައްދައި އެކުލަވާލި ކޮމިޝަނުގެ އައު އޮނިގަނޑަށް އަމަލުކުރަން ފަށައިފިއެވެ.

މިދިޔަ މާޗްމަހު ކޮމިޝަނުގެ މެންބަރުކާމާއި ހަވާލުވި މެންބަރުންގެ ޚާއްސަ އިސްނެގުމުގެ މަތިން ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ފަހިވާނެގޮތަށް އަލަށް އެކުލަވާލައި އަމަލުކުރަން ފެށި އައު އޮނިގަނޑަށް ހިޖުރަކުރުމަށް ކޮމިޝަނުގެ ހުރިހާ މުވައްޒަފުންނާއެކު ޚާއްސަ ބައްދަލުވުމެއްވަނީ ބާއްވާފައެވެ.

އައު އޮނިގަނޑުގެ ދަށުން ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ރޭވިފައިވާ ގޮތުގެ ތަފްސީލް މި ބައްދަލުވުމުގައި މުވައްޒަފުންނާއި ހިއްސާކުރެވި، ކުރިން ކޮމިޝަނުގައި މަސައްކަތްކުރަމުން އައި ޔުނިޓްތަކުގެ ބަދަލުގައި އައު އޮނިގަނޑާއެކު އުފެއްދި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނަށް މަޤާމުގެ ލިއުންވެސް މިއަދުވަނީ ހަވާލުކޮށްފައެވެ.

މިބައްދަލުވުމުގައި އޭސީސީގެ ފޮރެންސިކް ސަރވިސް އިފްތިތާޙުކޮށްދެއްވީ ކޮމިޝަނުގެ ނާއިބު ރައީސް އަބްދުއްސަލާމްއެވެ.

އަލަށް އުފައްދާފައިވާ އިންވެސްޓިގޭޝަން ސެކްޝަނުގެ މައިގަނޑު މަސައްކަތްތަކަކީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތަޙްޤީޤުކުރުމަށް ކޮމިޝަނުގެ މެމްބަރުން ނިންމާ މައްސަލަތައް ތަޙުޤީޤު ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމެވެ. އަދި މައްސަލައިގެ ތަޙުޤީޤު ރިޕޯޓް އެކުލަވާލައި މެމްބަރުންގެ ބައްދަލުވުމަށް ހުށަހެޅުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި ދަޢުވާކުރަން ފޮނުވަން ޖެހޭނަމަ އެކަން ފުރިހަމަ ކުރުމެވެ.

Advertisement

އަލަށް އުފެއްދި މޮނިޓަރިންގ އެންޑް އިވަލުއޭޝަން ސެކްޝަންގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި މައްސަލަތަކާއި ކޮމިޝަނުން ހަދާ ދިރާސާތަކާއި، އެސެސްމަންޓްތަކާ ގުޅިގެންނާއި ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމާ މައްސަލަތަކާ ގުޅިގެން ކޮމިޝަނުން އަންގާ އެންގުންތަކަށާއި ދޭލަފަޔާއި އިރުޝާދުތައް ތަންފީޒުކުރަން އަންގާ ކަންތައްތަކާ އެއްގޮތަށް އެ އިދާރާތަކުން ޢަމަލުކުރަމުން ދޭތޯ ބަލައި، އެ ކަންކަމާ ގުޅިގެން ބަލަހައްޓަންޖެހޭ ލިޔެކިއުމާއި ރެކޯޑް ބެލެހެއްޓުން ހިމެނެއެވެ.

މިބައްދަލުވުމުގައި ކޮމިޝަނުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ފަހިކޮށްދޭގޮތަށް ހިންގުމުގެ ނިޒާމު ބައްޓަން ކުރެވިގެން މިއަދު ދިއުމުން މިދުވަސް އޭސީސީގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ މުހިންމު ދުވަހަކަށް ވެގެންގެންދާނެކަންވަނީ ފާހަގަކުރައްވާފައެވެ.  

ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި ކޮމިޝަނުގެ މަސައްކަތަކަށް މިގެނެވުނު ބަދަލުތަކާއެކު އިތުރު ކުރިއެރުންތަކެއް ލިބިގެންދާއިރު ދެން ގެންނަންޖެހޭ ބަދަލުތަކާއި ފޯރުކޮށްދޭންޖެހޭ ވަސީލަތްތައް ކޮމިޝަނުން ގެންނަމުންދާނެކަމުގެ ޔަގީންކަން މެންބަރުންވަނީ ދެއްވާފައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އައު އިދާރީ އޮނިގަނޑަކީ ޤާނޫނުއަސާސީންނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުން ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް، އެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ މަގަށް ކޮމިޝަން ބައްޓަންކުރުމަށް ބޭނުންވާ މަސައްކަތްތައް ރާވާ ހިންގުމަށް އެކުލަވާލެވިފައިވާ އިދާރީ އޮނިގަޑެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް