ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި ވަރުގަދަ އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ބަޔާ ލެވަކޫސަނުން ގްރޫޕްގެ ދެވަނައަށް ޖެހިލައިފިއެވެ.
ލެވަކޫސަންގެ އަމިއްލަ ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗުން އެ ޓީމު މޮޅުވީ 0-2 އިންނެވެ. ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ. މެޗުގެ ދެ ލަނޑު ވެސް ފެނުނީ ދެވަނަ ހާފުގެ ފަހު 10 މިނެޓުގެ ތެރޭގައެވެ. މެޗުގެ 84 ވަނަ މިނެޓުގައި ލެވަކޫސަނަށް ލީޑު ނަގައިދިނީ މިޑްފީލްޑަރު ރިބާޓް އަންޑްރިޗްއެވެ. އޭގެ ތިން މިނެޓު ފަހުން ލެވަކޫސަނަށް ލީޑު ފުޅާކޮށްދިނީ މޫސާ ޑިއާބީއެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި ކްލަބް ބްރޫޖުން ވަނީ ޕޯޓޯ ބަލިކޮށްފައެވެ. ޕޯޓޯގެ ދަނޑުގައި ކުޅުނު މެޗު ބްރޫޖުން ކާމިޔާބުކުރީ 0-4 އިންނެވެ. މެޗުގެ ފުރަތަމަ ލަނޑު 15 ވަނަ މިނެޓުގައި ބްރޫޖަން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފެރާން ޖުޓްލާއެވެ. އެ ޓީމުގެ އަނެއް ތިން ލަނޑު ފެނުނީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ބްރޫޖަށް ލީޑު ފުޅާކޮށްދިނީ ކަމާލް ސޮވާހްއެވެ. ތިންވަނަ ލަނޑު 52 ވަނަ މިނެޓުގައި އެންޑްރިއާސް އޮލްސަން ޖެހިއިރު، ފަހު ލަނޑު އެންޓޯނިއޯ ނޫސާ ޖެހީ 89 ވަނަ މިނެޓުގައެވެ.
މެޗުން މޮޅުވެ ކުލަބް ބްރޫޖުން ވަނީ ގްރޫޕްގެ އެއް ވަނަ މަގާމަށް ޖެހިލައިފައެވެ. އެއީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. މި ގްރޫޕްގެ ދެވަނައިގައި އޮތް ލެވަކޫސަން އާއި ތިން ވަނައިގައި އޮތް އެތުލެޓިކޯއަށް ލިބެނީ ތިން ޕޮއިންޓެވެ. ނަމަވެސް ފައިދާ ގޯލުން ކުރި ހޯދަނީ ލެވަކޫސަންއެވެ. ކުޅުނު ދެ މެޗުން ވެސް ބަލިވެ ފުލުގައި އޮތީ ޕޯޓޯއެވެ.