20 މިލިއަނަށް ވުރެ ބޮޑު އާބާދީއަކަށް ޚިދުމަތްތައް ފުޅާ ކުރުމަށް މިޞްރުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން، ކައިރޯ މެޓްރޯގެ ރޭލުތައް ދުއްވުމަށް، ފުރަތަމަ ފަހަރަށް އަންހެން ޑްރައިވަރުންނަށް ފުރުޞަތު ދީ، ގިނަ ބަޔަކު އާޝޯޚް ކުރުވައިފިއެވެ. ރަސްމީ ސިފައެއްގައި އަންހެނުން މިފަދަ ވަޒީފާ އަދާ ކުރާތީ މިޞްރުން ފެނުމަކީ އެހާ އާންމު ކަމަކަށް ނުވާތީއެވެ.
މިދިޔަ އޭޕްރިލް މަހުން ފަށައިގެން ޑްރައިވަރު ކެބިންގެ ކޮންޓްރޯލް، އަންހެން ޑްރައިވަރުން ނަގާތީ ކޮންމެވެސް ވަރަކަށް އެކި މީހުންނަށް ވާނީ ފެނިފައެވެ. އެންމެ ފުރަތަމަ އަންހެން ޑްރައިވަރުންގެ ގޮތުގައި ރަސްމީކޮށް ރެކްރޫޓު ކުރި 2 ޑްރައިވަރުން ބުނާ ގޮތުގައި، ޑްރައިވަރުގެ ސީޓުން އެމީހުން ފެނުމުން، ބައެއް މީހުން ނުރުހުންވެ، ބޭ އިޚްތިޔާރުގައި ބުމަ އަރުވާލާކަމަށެވެ. ކަން މިހެން އޮތް ނަމަވެސް، އެ 2 މީހުންގެ މި މަސައްކަތަކީ، އިތުރު އަންހެނުންނަތަކަށް އެފަދަ ވަޒީފާތައް އިތުރަށް ތަނަވަސް ވުމަށް އެހީވެދޭނެ ކަމެއް ކަމަށްވެސް އެމީހުން އުއްމީދު ކުރެއެވެ.
ހިންދު މަޙްމޫދާއި ސޫޒަން އަހުމަދަށް ތަމްރީނު ދިނީ، މިޞްރުގައި 3 ވަނައަށް ގާއިމު ކުރި މެޓްރޯލައިން އޮޕަރޭޓް ކުރާ އާރްއޭޓީޕީ ޑޭވް މޮބޮލިޓީ ކައިރޯ (އާރްޑީއެމްސީ) ކުންފުނިންނެވެ.
ތަމްރީނުތަކުގައި އެމީހުން އަހަރެންނަށް ދަސްކޮށްދިނީ ބިރު ނުގަނެ، ޒިންމާދާރުކަމާއެކު ރޭލު ގެންގުޅެން. އެއީ ދިގު މަރުހަލާއެއް. ފެށި ދުވަސްކޮޅު އަހަރެންނާއެކު ދަސްކޮށްދޭ ޑްރައިވަރަކު ބައިވެރިވާނެ. އޭގެ ކުރިން ޓެސްޓް ޓްރެކަށް އަރާ، ދެން، މެޓްރޯ ނުދުއްވާ ވަގުތުތަކުގައި 3 ވަނަ ލައިންގަ ފަރިތަ ކުރަނީ. ފަސެންޖަރުން ނުލާ. އޭގެ ފަހުން ފަސެންޖަރުންނާއެކު ދުއްވަން ފެށީ. އެކަމަކު، ތަޖުރިބާކާރު ޑްރައިވަރަކު އަހަރެންނާއެކު އިންނާނެ. އެހުރިހާ ކަމެއް އެހީވެދިން، ވަޒީފާގެ ފުރަތަމަ ދުވަހުވެސް ބިރު ނުގަތުމަށް. މެޓްރޯއަށް ޒިންމާދާރުވާން. އެހާ ހިސާބުން އޮތް ކަންބޮޑުވުމަކީ، އެ ދުވަސް ނިމިދާނެ ގޮތަކާ މެދު އޮތް ކަންބޮޑުވުން އެކަނި.ހިންދު ޢުމަރު މަޙްމޫދު؛ މިޞްރުގެ މެޓްރޯ ޑްރައިވަރެއް
ހިންދާއި ސޫޒަން، މެޓްރޯގެ ހުންގާނު ނެގުމަށް ތަމްރީނު ވާތާ އެތައް މަހެއް ފާއިތުވެއްޖެއެވެ.
ވަޒީފާގެ އިޝްތިހާރު ޖަހާފަ އޮތްތަން ފެނުނީމަ ވަރަށް ޝަޢުޤުވެރިވި އެކަމަށް. ހިތަށް އެރި މި ރޮނގުން މަށަށް ކުރިއަށް ދެވިދާނޭ. ވަކިން ޚާއްސަކޮށް، މިއީ އަންހެނުންނަށް މިޞްރުން މި ފުރުޞަތު ހުޅުވާލި ފުރަތަމަ ފަހަރު ވީމަ، އަހަރެން ހިތަށް އެރި، ފުރަތަމަ އަންހެން ޑްރައިވަރުންގެ ތެރޭގައި ހިމެނުމަކީ ވަރަށް ރަނގަޅު ކަމަކަށް ވާނޭ.ހިންދު ޢުމަރު މަޙްމޫދު؛ މިޞްރުގެ މެޓްރޯ ޑްރައިވަރެއް
މިދިޔަ މަސްތަކަށް ބަލާއިރު، މިޞްރުގެ ޓްރާންސްޕޯރޓް އޮތޯރިޓީއިން ވަނީ، ވެރިރަށް ޤާޚިރާގެ އެކި ސަރަހައްދުތަކަށް ގުޅާލުމަށްޓަކާ މެޓްރޯލްގެ އާ ލައިންތަކެއް ހުޅުވާފައެވެ.
އެންމެ ބޮޑު ގޮންޖެހުމަކީ ހަމަ މީހުންގެ މޫނު މައްޗަށް އަރާފައިބާ ހައިރާންކަމުގެ ކުލަވަރު. މީހުންގެ ފަރާތުން އެކަހަލަ މަންޒަރުތަކެއް ފެންނާނެ ކަމަށް އަހަރެން ޤަބޫލުވެސް ކުރިން. އެކަމަކު، ގިނަ މީހުން ވަރަށް ޕޮޒިޓިވްކޮށް މިކަން ނަގަނީ. ގިނަ މީހުން ވަރަށް ހިތްވަރުވެސްދޭ. އަހަރަމެންގެ ޝިފްޓް ނިންމާލާ ގަޑީގަ ބައްދަލުކޮށް، ހެޔޮ ދުޢާވެސްކޮށްދޭ. ވަރަށް ގިނަ އަންހެނުން މިކަމަށް ޝަޢުޤުވެރިވޭ. އަދި އަހަރަމެން ކަހަލަ މެޓްރޯ ޑްރައިވަރުންނަށް ވާން ބޭނުންވެގެން، މި ވަޒީފާއަށް އެދި ހުށަހަޅަނީ ކިހިނެއްތޯ ސުވާލުކޮށްވެސް ހަދާ.ސޫޒަން މުޙައްމަދު އަހުމަދު؛ މިޞްރުގެ މެޓްރޯ ޑްރައިވަރެއް
1987 ވަނަ އަހަރު ތަޢާރަފު ކުރި ކައިރޯ މެޓްރޯއަކީ އަރަބި ދުނިޔޭގެ ޤައުމުތަކަށް ބަލާއިރު އެންމެ ޒަމާންވީ މެޓްރޯއެވެ. ނަމަވެސް އަންހެން ޑްރައިވަރުންނަށް ފުރުޞަތު ދިނުމުގައި، ޢަރަބި ދުނިޔޭގެ އެހެން ޤައުމުތަކަށް ވުރެ މިޞްރުގެ މެޓްރޯ އޮތީ އިންތިހާ ފަހަތުގައެވެ.
އަހަރެންގެ ޢާއިލާއަށް ބަލާއިރު ބައެއް މެންބަރުން ވަރަށް އެއްބާރުލުން ދިން، އަނެއް ބަޔަކު ކަންބޮޑުވި. އެއީ ދެން އެކަން އޮންނާނެވެސް ގޮތް. އެމީހުން ކަން ބޮޑުވީ މެޓްރޯގެ 8 ކެރިޖު އޮންނާނެތީއާއި، ބައިވަރު ފަސެންޖަރުން ތިބެފަ، ޒިންމާ ބޮޑު ވާނެތީ. އެކަމަކު، މި ހިސާބަށް އަންނަން އަހަރެން އެޅި ފިޔަވަޅުތަކާއި، ކޮންމެ މަރުހަލާއެއްގަ ކުންފުނިން ދިން އެއްބާރުލުން ފެނިފަ، އެ މެންބަރުންވެސް ފަހުން ހާލަތު ޤަބޫލުކޮށްފި.ސޫޒަން މުޙައްމަދު އަހުމަދު؛ މިޞްރުގެ މެޓްރޯ ޑްރައިވަރެއް
މިޞްރު މެޓްރޯގައި މިވަގުތި 78 ޑްރައިވަރަކު މަސައްކަތް ކުރަމުން ދާ އިރު، ކުންފުނިން އަމާޒު ހިފާފައި ވަނީ ކުރިއަށް އޮތް މަދު މަސްކޮޅެއްގެ ތެރޭގައި އަންހެން ޑްރައިވަރުންގެ އަދަދު އިތުރު ކުރުމަށެވެ.