ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ލަންޑަންގެ ގްރޭންޖް ސިޓީ ހޮޓެލްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަން ހަމަޖެހިފައިވަނީ ޖޫން މަހުގެ 19 ވަނަ ދުވަހު ރާއްޖޭ ގަޑިން މެންދުރު ޖަހާއިރުއެވެ.
މި ސަމިޓްގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާނީ އިޔާދަކުރަނިވި ހަކަތައިގެ އިންޑަސްޓްރީއަށް ސަރުކާރުތަކުގެ ސިޔާސީ އިތުބާރު ހޯދުމާ ގުޅޭ ގޮތުންނެވެ. އެގޮތުން ހަކަތައިގެ އިންޑަސްޓްރީ ޑީކާބަނައިޒް ކުރުމަށް ކުރަން ޖެހޭ އަވަސް މަސައްކަތްތަކަށް ސަރުކާރުތަކުގެ އެއްބާރުލުން ހޯދާނެ ގޮތްތަކާއި، ވަކިވަކި ސިޔާސީ ޕާޓީތަކުގެ އަދި ސަރުކާރުގެ މެނިފެސްޓޯތަކުގައި މޫސުމީ ބަދަލުތައް އެކުލަވާލެވޭނެ ގޮތްތަކީ ކޮބައިކަމާއި މޫސުމީ ބަދަލުތަކަކީ އިގްތިސާދާއި ގުޅިފައިވާ ކަމެއްތޯ ބެލުމާއި އަދި ސިޔާސީ ފަރާތްތަކުން ކުރިމަތި ކުރުވާ ފިއްތުންތަކަކީ ކޮބައިކަމާއި މި ފިއްތުންތަކުން އަރައިގަނެވޭނެ ގޮތްތައް ހޯދުމުގެ މައްޗަށް ރައީސް ނަޝީދުގެ ތަގްރީރުގައި އަލިއަޅުވާލައްވާނެ އެވެ.
ފަހަކަށްއައިސް ރައީސް ނަޝީދު އަންނަނީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ފަހަރުމަތިން ތަގުރީރު ކުރައްވަމުންނެވެ.