ކ. މާލެ
|
3 ސެޕްޓެންބަރ 2022 | ހޮނިހިރު 14:05
ހުވަނދުމަލަކީ އިންތިހާއަށް ނާޒުކު މަލަކަށް ވާއިރު، ހޫނު މޫސުމުގެ ފިނިހޫނުމިން އިންތިހާއަށް މަތިވެގެން ދިއުމުގެ ނުރައްކާވެސް ބޮޑު
މިސްރުގެ ހުވަނދުމަލުގެ ވިޔަފާރި
މިސްރުގެ ހިތްގައިމު ހުވަނދުމަލުގެ ވިޔަފާރި ނުތަނަވަސްކަމެއްގައި!
މި ވިޔަފާރިން މިސްރަށް އަހަރަކު 6.5 މިލިއަން ޑޮލަރު ލިބޭކަމަށް ރެކޯޑްތަކުން ދައްކާ
ދަނޑުތަކުން ބިންނަ ހުވަނދުމަލުން އޭގެ ތާސީރު ނެގުމަށްފަހު ވިލާތާއި އެނޫންވެސް މަންޒިލްތަކަށް އެކްސްޕޯޓްކުރޭ
މާ ބިނުމުގެ މަސައްކަތް ކުރަނީ ރޭގަނޑަށް ފިނިޖެހެމުން ދާ ވަގުތާއި އެންމެ ހެނދުނުގެ ވަގުތުތަކުގައި

މިސްރާއި އިންޑިއާއަކީ ދުނިޔޭގެ ނިސްބަތުން ބެލިކަމުގައި ވީނަމަވެސް އެންމެ ފުޅާ ދާއިރާއެއްގައި ހުވަނދުމާ ހައްދާ 2 ގައުމެވެ. ނީލަކޯރުގެ އައްސޭރިފަށުގައި އޮންނަ ޝުބްރާ ބިލޫލާ އަވަށަކީ މިސްރުގެ ހުވަނދުމަލުގެ ސިނާއަތުގެ މައި ހަބެވެ.

އަޅުގަނޑުމެން ދިވެހިންނަށްވެސް އިތުރު ތައާރަފަކަށް ބޭނުންނުވާ، ހިތްގައިމު މީރުވަހެއް ހުންނަ ހުވަނދުމަލަކީ ޝުބްރާ ބިލޫލާ އަވަށުގެ އިގުތިސާދީ ހަރަކާތްތައް މައިގަނޑު ގޮތެއްގައި އެ މަލެއްގެ މައްޗަށް ބިނާވެފައިވާ އެކައްޗެވެ. އެ އަވަށުގެ މައިގަނޑު އާމްދަނީ ގުޅެނީވެސް ހުވަނދުމަލާއެވެ.

އަހަރަމެންގެ މި އަވަށަކީ ހުވަނދުމާ ހެއްދުމަށް މަޝްހޫރު އަވަށެއް. މީ އަހަރަމެންގެ އަވަށަށް ވަރަށް މުހިންމު ގަހެއް.
މުޙައްމަދު ބަދްރު؛ ހުވަނދުމާ ހައްދާ މީހެއް

ޝުބްރާ ބިލޫލާ އަވަށުގެ އާބާދީއަށް ބަލައިލިކަމުގައި ވީނަމަވެސް، ބޮޑު އިންސައްތައެއް ހަރަކާތްތެރިވަނީ ހުވަނދުމަލުގެ ސިނާއަތުގައެވެ. ވަކިން ޚާއްސަކޮށް، ހުވަނދުމާ ބިނުމުގެ ފޯރި އެންމެ ގަދަވެގެންދާ ޖޫން މަހާ ސެޕްޓެމްބަރު މަހާ ދެމެދު، އެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ އަދަދު އިތުރުވެގެންދެއެވެ.

މި ސިނާއަތަކީ ވަރުގަދަ ސިނާއަތަށް ވީ ނަމަވެސް، މާ ބިނުމުގެ މަސައްކަތް މުޅިންވެސް ކުރަނީ އަތުންނެވެ. މާ ބިންނަނީ ރޭގަނޑަށް ފިނިޖެހެމުންދާ ވަގުތާއި އެންމެ ހެނދުނުގެ ވަގުތުތަކުގައެވެ. ބޮލުގައި އަޅުވާފައި އޮންނަ ޓޯޗެއްގެ އެހީގައި، މަސައްކަތްތެރިން މާ ބިންނަމުންދާ ސަރަހައްދު އޮންނަނީ އަލިވެފައެވެ. މާ ވަށިތައް ފުރަމުންދާ މަންޒަރު ބަލައިލުމަކީ ހިތްގައިމު ކަމަކަށް ވާނެކަން ޔަގީނެވެ.

ހުވަނދުމަލަކީ ވަރަށް ޚާއްސަގޮތަކަށް ހެއްދޭ އެއްޗެއް. ހުވަނދުމާ ބިނދެވޭނީ މެންދަމުން އަލިވެ 1 ޖެހީމަ. އެކަމަކު، ހޫނު ޖެހެންފެށީމަ މަލެއް ނުބިނދެވޭނެ. ބިނަސް، އެ މަލެއް ރަނގަޅެއް ނުވާނެ. ހުވަނދުމާ ބިންނަން އެންމެ ރަނގަޅު ވަގުތަކީ ހަމަ ފަތިހުގެ ވަގުތުތައް.
އުއްމު މުޙައްމަދު؛ ހުވަނދުމާ ހައްދާ މީހެއް

ދަނޑުތަކުން ބިންނަ ހުވަނދުމާ ބޭނުންކުރަނީ އޭގެ ތާސީރު ނެގުމަށެވެ. އެއަށްފަހު ވިލާތާއި އެނޫންވެސް މަންޒިލްތަކަށް އެކްސްޕޯޓްކުރެއެވެ. ސެންޓު އުފެއްދުމުގެ ބޭނުމަށެވެ.

ކަން މިހެން އޮތްނަމަވެސް، މި ސިނާއަތަށް މިއަދު ވަނީ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ. މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ބަލިމަޑުކަމާއި ޔޫކްރެއިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން ޑިމާންޑަށް ހީނަރުކަން އައިސްފައިވާއިރު، ސަޕްލައި ޗޭނުތަކަށްވެސް ދަނީ ބުރޫ އަރަމުންނެވެ.

ރަޝިއާއަކީ އަހަރަމެންގެ އުފެއްދުންތަކުގެ ބޮޑު ބައެއް ގެންދާ ގައުމެއް. އެހެންވެ، ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ނޭދެވޭ އަސަރު، އަހަރެމެންނަށްވެސް ފޯރަމުން ދަނީ. ސެންޓު ފަދަ ތަކެއްޗަކީ ޒަރޫރީ މުދަލަކަށް ނުވާތީ، ބައެއް މީހުން މިހާރު އުޅެނީ ކޮންމެހެން ގަންނަންޖެހޭ އެއްޗެއް ނޫނީ ނުގަނެ ވޭތޯބަލަން.
ޢަބްދުލް ބަދްރު؛ ހުވަނދުމަލުގެ ވިޔަފާރީގައި އުޅޭ މީހެއް

އެހާ ހިސާބުން އަދި ނިމުނީކީ ނޫނެވެ. މޫސުމީ ނޭދެވޭ ބަދަލުތަކުގެ ދައުރުވެސް ބޮޑެވެ. ހުވަނދުމަލަކީ އިންތިހާއަށް ނާޒުކު މަލަކަށްވާއިރު، ހޫނު މޫސުމުގެ ފިނި ހޫނުމިން އިންތިހާއަށް މަތިވެގެން ދިއުމުގެ ނުރައްކާވެސް ބޮޑުކަމަށް، ހުވަނދުމާ ހައްދާ ދަނޑުވެރިންނާއި ކާރުޚާނާތަކާ ދެމެދު، މެދުވެރިއެއްގެ ގޮތުގައި  މަސައްކަތްކުރާ ޢަބްދުލް ބަދްރު ވަނީ ފާހަގަ ކޮށްފައެވެ.

މިސްރުން ދަނީ އެކަމަށްވެސް ހައްލުތަކެއް ހޯދުމަށް މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ހުވަނދު މަލުގެ ތާސީރުގެ ކޮލިޓީ ކަށަވަރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް، މިސްރުގެ ދަނޑުވެރިކަމާބެހޭ ވުޒާރާގެ އަންޑަރސެކްރެޓަރީ ޚާލިދު އަބޫ ޝާދީ ވަނީ ފާހަގަކުރައްވާފައެވެ.

މުޅި ދުނިޔޭގައި ބޭނުންކުރާ ހުވަނދުމަލުގެ 95 ޕަސެންޓަކީ މިސްރާއި އިންޑިޔާގައި ހައްދާ ގަސްތަކުގެ މަލުން ތައްޔާރުކުރާ ބާވަތްތަކެވެ. މި ވިޔަފާރިން މިސްރަށް އަހަރަކު 6.5 މިލިއަން ޑޮލަރު ލިބޭކަމަށް ރެކޯޑްތަކުން ދައްކައެވެ. ކަން މިހެން އޮތްނަމަވެސް، އިންޑިއާގައި ހުވަނދުމާ ހައްދައިގެން، އިންތިހާއަށް އަގުހެޔޮކޮށް މާ ވިއްކަމުން ދިއުމަކީ މިސްރު ރައްޔިތުންގެ ޝަކުވާއެކެވެ.

- ކޮމެންޓް