ފަލަސްތީނުގެ އެމެރިކާ ދަރިކޮޅަށް ނިސްބަތްވާ އާމިރް ޒަހްރުގެ އަމާޒު، ފިސާރި ވަރުގަދައެވެ. އޭނާ އަމާޒު ހިފާފައި ހުރީ ހިނިތުންވުމާއި އުފާވެރިކަމުގެ ތެރެއިން ތަސައްލީ ހޯދާދިނުމުގެ މިޝަން ކާމިޔާބު ކުރުމަށެވެ.
އެއީ 2015 ވަނަ އަހަރެވެ. އެމެރިކާގައި ދިރިއުޅޭ އަރަބި ދަރިކޮޅުގެ ކޮމީޑިއަނުން، ނާބުލުސްއާއި ރާމައްލާ ފަދަ ފަލަސްތީނުގެ ސިޓީތަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުންނަށް އުފާވެރި ވަގުތުކޮޅެއް ހޯދާދެވޭ ތޯ ޒަހްރު މަސައްކަތް ފެށިއެވެ.
މިދިޔަ 74 އަހަރު، އުފަން ފަސްގަނޑުގައި ހިނގަމުންދާ ވޭންދެނިވި ކަންކަމީ، މި ތަނަށް ކޮމެޑީ ބޭނުންވާ އެންމެ ބޮޑު އެއް ސަބަބު. އަހަރަމެންނަކީ ކޮން ބައެއްކަން ކިޔައިދޭން އެބަޖެހޭ. އެކަމަކު، އުފާވެރިކަން އެކުލެވޭ ގޮތަށް. ކޮމެޑީ އުފަންވަނީ ހިތާމައިގެ ތެރެއިން. ހިތާމައާއި އަނިޔާއަކީ މި ފެސްޓިވަލްގެ ފެށުން.އާމިރް ޒަހްރު؛ ފަލަސްތީނުގެ ކޮމީޑިއަންއެއް
7 އަހަރު ދުވަސް ފަހެވެ. ޒަހްރު، 45، ތަޢާރަފު ކުރި "ޕަލަސްޓައިން ކޮމެޑީ ފެސްޓިވަލް" އަދިވެސް ދަނީ ވަރުގަދަ ރޫހެއްގައި ކުރިއަށެވެ. އެފަދަ ދެވަނައެއް ނެތް، އަހަރީ ހަރަކާތެއްގެ ގޮތުގައެވެ.
ފަލަސްތީނުގެ ރައްޔިތުންނަކީވެސް ހީނ ސަމާސާ ކުރުމާ، ފަންނުވެރިކަމާއި، ސަކަރާތް ޖެހުމާއި، ދިރިއުޅުމަށް ލޯބިކުރާ ބައެއްކަން ދުނިޔެއަށް ކަށަވަރުކޮށްދޭން އެބަ ޖެހޭ. އެއީ ވަރަށް މުހިންމު ކަމެއް. ހުނުމަކީ ތެރަޕީއެއް. ބުނަން މިއުޅެނީ... އެނގެއެއްނު... ބައެއް ފަހަރު މާ ގަދައަށް ހެމުން ގޮސް ރޯތަން އެބަ ފެނޭ. ހަމަ އެގޮތަށް ރޮމުން ގޮސް ހޭ ތަންވެސް އެބަ ފެނޭ. އެހެންވީމަ، މިއީ މާ ތަފާތު 2 ކަމެއް ނޫން. އެމެރިކާގައި ދިރިއުޅޭ ފަލަސްތީނު އަދި ޢަރަބި ދަރިކޮޅުގެ އާބާދީތަކުން މީހުން ގެނައުމުގެ އަނެއް ބޭނުމަކީ، އެމީހުންގެ އަސްލަކީ ކޮބައިކަން އެ މީހުން ހަނދާން ނައްތާ ނުލާކަންވެސް އަންގައިދިނުން.އާމިރް ޒަހްރު؛ ފަލަސްތީނުގެ ކޮމީޑިއަންއެއް
ޤުދުސްގައި ކުރިއަށް ދިޔަ އިވެންޓްގައި ޒަހްރާއެކު އިތުރު 7 ކޮމީޑިއަންއަކު މިފަހަރު ހުށަހެޅުންތައް ހުށަހަޅައިދިނެވެ. 350 ޓިކެޓްގެ އިވެންޓްގެ ހުރިހާ ޓިކެއްޓެއް ވިކި ހުސްވިއެވެ. މާލަމުގައި ކޮމީޑިއަނުން ވަނީ ބޯޑަރުގައި ޔަހޫދީ އިޒްރޭލުގެ ގާޑުންގެ އަމަލުތަކަށް ހަޖޫ ޖަހާ، އޯޑިއަންސް ހެއްވާފައެވެ. ޝޯގެ ތެރެއިން މުޅިންވެސް އަޑު އިވިގެން ދިޔައީ އެފަދަ ޖޯކުތަކެވެ. އާންމު ދިރިއުޅުމުގައި ކުރިމަތިލާން ޖެހޭ ޙަޤީޤީ ނުތަނަވަސްކަމުން އުފާވެރިކަން ގެނެސްދެނިވި ވާހަކަތަކެއްގެ ގޮތުގައެވެ. އެފަދަ އެއް ޖޯކަކަށް ވީ، ޢަރަބި މައިން ދަރިން ކިޔަމަން ކުރުމުގައި ފައިވާން ކިބައިގެ ހަތިޔާރު ނަގާ ނެގުމުގެ ވާހަކައެވެ. ޝޯ ބަލަން ދިޔަ ކުޑަކުދިންނަށްވެސް އެންމެ ކަމުދިޔަ އެއް ޖޯކަށް، އެ ޖޯކު ވިއެވެ.
އެމީހުން ޝިބްޝެބް ސަވައިވަރއެކޭ ބުނީމަ، މަށަށްވެސް ބަލާލެވުނީ މަންމައަށް. އެއީ އަހަރެންނަށް ކަމުދިޔަ ޖޯކު.މެއި ބަކްރީ؛ ކެނެޑާގައި ދިރިއުޅޭ ފަލަސްތީނު ކުއްޖެއް
އުމުރުން ދުވަސްވީ މީހުންގެ މެދުގައިވެސް ކޮމީޑިއަނުންގެ ޝޯ ވަރަށް މަޤުބޫލެވެ. އެއީ ދިރިއުޅެން ޖެހިފައިވާ ހާސް ކަމާއި ނުތަނަވަސްކަމުގެ ތެރެއިން، ހީނ ސަމާސާކޮށްލާނެ ވަގުތުކޮޅެއް ހޯދާދިން ޝޯއަކަށް ވީތީއެވެ.
މީ ވަރަށް ފުރިހަމަ ޝޯއެއް. އެއްބަޔަކަށް ވުރެ އަނެއް ބަޔަކު ފުރިހަމަ. ހުރިހާ އެންމެންވެސް ޖުމުލަ ގޮތެއްގައި ވަރަށް ރަނގަޅު. އަހަރަމެންގެ މޫނުމައްޗަށް ހިނިތިންވުން ގެނެސްދިނީތީ އެމީހުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރަމެންގެ ހިތުގައިވާ ހާސްކަމާއި ނުތަނަވަސްކަމާއި، ހިތާމަ ފޮހެލަން އެހީވެދިނީތީވެސް. ޓިކެޓްގެ އަގަކީވެސް ފޯރާފަށުގެ އަގަކަށް ވީތީ އަހަރެން ވަރަށް ހައިރާންވި. ކޮންމެ މީހަކަށްވެސް މި ޝޯ ބަލާލަން އާދެވޭނެ.ނިހާޔާ ޣޯލް އައުދައްލާ؛ ޤުދުސްގެ ރަށްވެއްސެއް
މި އަހަރުގެ ޝޯތައް ދެމުންދާ ހުރިހާ ކޮމީޑިއަނުންނަކީވެސް ފަލަސްތީނުގެ ރައްޔިތުންނެވެ. ޒަހްރު، އޭނާގެ ހުރިހާ ހުށަހެޅުމެއްވެސް ހުށަހަޅާ ދިނީ، ކަޅުކުލައިގެ ޓީ-ޝަރޓެއްގައި "ޕްރެސް" ޖަހައިގެން ހުރެއެވެ. އެއީ، އިޒްރޭލުގެ އުދުވާންތަކުގައި މަރާލި ފަލަސްތީނުގެ އެމެރިކާ ދަރިކޮޅުގެ ތަޖުރިބާކާރު ނޫސްވެރިޔާ ޝީރީން އަބޫ އަޤުލީގެ ހަނދާނުގައެވެ.