Advertisement
ކ. މާލެ
|
18 ޖޫން 2017 | އާދީއްތަ 15:55
ވާދޫ ސިއްހީ މަރުކަޒު
ވާދޫ ސިއްހީ މަރުކަޒު
ގޫގުލް
ޓީބީ ބަލި
ބިދޭސީ ނަރުހަކަށް ޓީބީ ޖެހި ވާދޫ ހެލްތް ސެންޓަރުގެ މުވައްޒަފުންނާއި ރައްޔިތުން ޓެސްޓް ކުރަނީ!
މިކަން އެނގިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު
ނަރުސް މީހާ ވަނީ މަސައްކަތުން ދުރުކުރެވިފައި
ހެލްތް ސެންޓަރ މުވައްޒަފުން ދަނީ ޓެސްޓް ކުރަމުން

ގދ ވާދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ނަރުހަކަށް ޓީބީ ޖެހުނު މައްސަލައިގައި އެ ހޮސްޕިޓަލުގައި މިދިޔަ ހަ މަސް ދުވަހު އެޑްމިޓްކުރެވިފައިވާ މީހުންނާއި އެ މަރުކަޒުގެ މުވައްޒަފުން ޓެސްޓްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މި މައްސަލައާއި ގުޅިގެން ވާދޫ ސިއްހީ މަރުކަޒުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އެރަށު ސިއްހީ މަރުކަޒުގެ ނަރުހަކަށް ޓިއުބަރކްލޯސިސް ޖެހިފައިވާކަން މިދިޔަ ބުރާސްފަތި ދުވަހު ( ޖޫން 15 ވަނަ ދުވަހު) ގައި އެނގިފައިވާ ކަމަށާއި އެކަން އެނގުމާ ގުޅިގެން، ވަގުތުން އޭނާ މަސައްކަތުން ދުރުކުރެވިފައިވާ ކަމަށެވެ.

މި ބައްޔަކީ، ނޭވާލާ ނިޒާމުގެ ތެރެއިން ފަސޭހަ ކަމާއި އެކު ގައިން ގަޔަށް އެރުމުގެ ފުރުސަތު ބޮޑު ބައްޔެއް ކަމަށާއި މި ބަލި އިތުުރު ބަޔަކަށް ފެތުރިފައިވޭތޯ ބެލުމަށް،  ސިއްހީ މަރުކަޒުގެ މުވައްޒަފުންނާއި ޓީބީ ޖެހުނު ނަރުސް މީހާ ދިރިއުޅުނު ގޭގެ މީހުން ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވާދޫ ސިއްހީ މަރުކަޒުން ބުނެ އެވެ. އަދި އެ ހޮސްޕިޓަލުގައި މިދިޔަ ހަ މަސް ދުވަހު އެޑްމިޓްވެގެން ފަރުވާ ދެވުނު މީހުން ދެނެގަނެވި، އެމީހުންގެ ތެރެއިން ޓީބީގެ އަލާމާތްތައް ފެންނަ މީހުން ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ވާދޫ ސެންޓަރުން ވަނީ އެދިފަ އެވެ.

 މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ 1985 ވަނަ އަހަރުން ފެށިގެން ޓީބީ ވެކްސިން ރާއްޖޭގެ އެކި ސަރަހައްދުގައި ދެމުންދާ އިރު އެ ރަށުގެ ވެސް ގިނަ ރައްޔިތުންނަށް ޓީބީ ވެކްސިން ދެވިފައިވާ ކަމަށާއި ވެކްސިން ޕްރޮގްރާމުގެ ތެރެއިން ހުރިހާ ކުޑަކުދިންނަށް މި ވެކްސިން ދެވޭ އިރު ކުޑަކުދިންނަށް މި ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކަމަށް ވާދޫ ހެލްތް ސެންޓަރުން ބުނެ އެވެ.

މީގެ އިތުރުން  އެ ހެލްތް ސެންޓަރުން ޓީބީއާއި ގުޅޭ މައުލޫމާތު ލިބޭނެ އިންތިޒާމުތައްވެސް މިހާރު ހަމަޖެހިފައިވާ ކަމަށް އެ ސެންޓަރުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް