ކ. މާލެ
|
18 ޖޫން 2017 | އާދީއްތަ 01:31
މަސްވެރިއަކު މަސްހިފައިގެން މަސްމާރުކޭޓާ ދިމާލަށް ދަނީ
މަސްވެރިއަކު މަސްހިފައިގެން މަސްމާރުކޭޓާ ދިމާލަށް ދަނީ
މުހައްމަދު ޝަރުހާން
ބެޔަސް ނުބެޔަސް ދިހަހާސް
ބެޔަސް ނުބެޔަސް ސްކީމްގައި ބައިވެރި ނުވަނީ މަސްވެރިން ތަނަވަސް ވުމުން: ފިޝަރީޒް މިނިސްޓްރީ
ފިޝަރީޒް މިނިސްޓްރީން މިހެން ބުނީ ގެމަނަފުށީ މަސްވެރިންނަށް ލިބޭ އާމްދަނީ އަށް ބިނާކޮށް
ގެމަނަފުށީގެ މަސްވެރިއަކަށް އެވްރެޖްކޮށް ފަސްދޮޅަސް ހަހާސް ރުފިޔާ ލިބޭ ކަމަށް ފިޝަރީޒް އިން ބުނޭ
މަސްވެރިންގެ ތެރޭގައި ބެޔަސް ނުބެޔަސް ސްކީމާ މެދު ހިތްހަމަ ނުޖެހޭ މީހުން ގިނަ

ރައީސް ޔާމީންގެ ސަރުކާރުން ކޮންމެ މަސްވެރިޔަކަށް ބެޔަސް ނުބެޔަސް ދިހަ ހާސް ރުފިޔާ ދޭނެ ކަމަށް ވެފައި އޮންނަ ވައުދު ފުއްދުމަށް ކަމަށް ބުނެ އަކުލަވާލާފައިވާ ބެޔަސް ނުބެޔަސް ސްކީމަށް ފިނި ތަރުހީބެއް ލިބެނީ، މަސްވެރިންގެ އަތްމަތި ތަނަވަސްވެ އާމްދަނީ ރަނގަޅުވުމުން ކަމަށް ދޭހަވާ ގޮތައް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ހާމަ ކޮށްފިއެވެ.

މިކަން އެ މިނިސްޓްރީން ހާމަ ކުރީ ހޮނިހިރު ދުވަހުގެ ރޭ އެ މިނިސްޓްރީގެ ރަސްމީ ޓްވިޓަރ އެކައުންޓުން އާއްމު ކުރި ޓްވީޓެއްގައެވެ.

ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ ޓްވީޓުގައި ހާމަކޮށްފައިވަނީ 2017 ވަނަ އަހަރުގެ ކޮންމެ މަހަކަށް ގއ. ގެމަނަފުށީ މަސްވެރިޔަކަށް މަހެއްގެ މައްޗަށް ލިބިފައިވާ އާމްދާނީ އެވެ.

ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު ގެމަނަފުށީގެ މަސްވެރިއަކަށް މި އަހަރުގެ ޖަނަވަރީ މަހު ތިރީސް ހަ ހާސް ނުވަ ސަތޭކަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު، ފެބްރުއަރީ މަހު ފަންސާސް އަށްހާސް ހަތްސަތޭކަ ރުފިޔާ ލިބިފައިވެއެވެ. އަދި މާޗް މަހު މަސްވެރިއެއްގެ އާމްދަނީ އަށް ފަންސާސް ދެހާސް ތިންސަތޭކަ ރުފިޔާ ލިބިފައިވާއިރު، އޭޕްރީލް މަހު އަށްޑިހަ ހަތްހާސް ހަތަރު ސަތޭކަ ރުފިޔާ ލިބިފައިވާ ކަމަށާއި، މެއި މަހު ހަތްދިހަށް އަށްހާސް ރުފިޔާ ލިބިފައިވާ ކަމަށާއި އަދި ޖޫންމަހުގެ ފުރތަމަ ތިން ހަފްތާގައި އެކަނިވެސް އަށްޑިހަ ތިންހާސް ހަސަތޭކަ ރުފިޔާ ގެމަނަފުށީގެ މަސްވެރިއަކަށް ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

 

 

ފިޝަރީޒް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ގެމަނަފުށީގެ މަސްވެރިއަކަށް އެވްރެޖްކޮށް ފަސްދޮޅަސް ހަހާސް ރުފިޔާ ލިބިފައިވެއެވެ.

 

 

މި ހިސާބުތަކުގެ މައްޗަށް ބުރަވެ، ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ ބެޔަސް ނުބެޔަސް ގައި ގިނަ އަދަދަކަށް މަސްވެރިން ބައިވެރި ނުވަނީ މަސްވެރިންނަށް ލިބޭ އާމްދަނީ ރަނގަޅު ވުމުން ކަމުގައެވެ.

ފިޝަރީޒް މިނިސްޓްރީން ޖުމްލަ ކޮށް މުޅި ރާއްޖޭގެ މަސްވެރިންނަށް އަމާޒުކޮށް ލިބޭ އާމްދަނީ ރަނގަޅު ކަމަށް ހާމަ ކުރިއިރު އެއާ އެކު ދައްކާފައިވަނީ ހަމައެކަނި ރާއްޖޭގެ އެންމެ ރަށެއްގެ މަސްވެރިންނަށް އެވްރެޖްކޮށް ލިބުނު ކަމަށް ބުނާ އާމްދަނީކަން ފާހަގަ ކުރެވެއެވެ.

ރާއްޖޭގެ މަސްވެރި ކަމަކީ ޒަމާނުއްސުރެ މޫސުމީ ކަމެއްގެ ގޮތުގައި އޮންނަ ކަމެއްކަން ފާހަގަ ކުރެވެއެވެ. މި ގޮތުން މަސް ނުބޭނޭ ދުވަސްވަރު މަސްވެރިންނާއި އޮޑިވެރިންނަށް ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ވާހަކަތަކަކީ އާއްމުކޮށް އިވޭ ވާހަކަތަކެއް ކަންވެސް ފާހަގަ ކުރެވެއެވެ.

ސަރުކާރުގެ ބެޔަސް ނުބެޔަސް ޕްރޮގްރާމަށް މަސްވެރިންގެ ފަރާތުން ލިބިފައިވަނީ ވަރަށް ފިނި ތަރުހީބެއް ކަން ފާހަގަ ކުރެވެއެވެ.

 

- ކޮމެންޓް