ކ. މާލެ
|
22 އޯގަސްޓް 2022 | ހޯމަ 22:39
ކާރު ބޮމެއްގައި އަވަހާރަކޮށްލާފައިވާ ދާރްޔާ ދުގީނާ
ކާރު ބޮމެއްގައި އަވަހާރަކޮށްލާފައިވާ ދާރްޔާ ދުގީނާ
ރޮއިޓާރސް
ރަޝިޔާ ޔޫކްރެއިން ކޮންފްލިކްޓް
ދާރްޔާ ދުގީނާ އަވަހާރަކޮށްލީ ޔޫކްރެއިނުން: ރަޝިޔާ
އޭމަމަރާލީ ކުލީ ކޮންޓްރެކްޓަރަކު ލައްވައި މަހަކަށްވުރެ ގިނަ ދުވަހު ފާރަލުމަށްފަހު

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންގެ އަރިސް ބޭފުޅެއްގެ ދަރިކަނބަލެއް ކަމަށްވާ ދާރްޔާ ދުގީނާ އަވަހާރަކޮށްލީ ޔޫކްރެއިންގެ ސްޕެޝަލް ސަރވިސަސްއިން ކަމަށް ރަޝިޔާއިން ބުނެފިއެވެ. ނަމަވެސް ޔޫކްރެއިނުން ވަނީ މިކަން ދޮގުކޮށްފައެވެ.

ޖަރނަލިސްޓެއްކަމަށްވާ އުމުރުން 29 އަހަރުގެ ދާރްޔާ ދުގީނާއަކީ ޕޫޓިންގެ އަރިސް އެލެކްޒަންޑަރ ދޫގިންގެ ދަރިކަނބަލެކެވެ. އޭނާ އަވަހާރަވެފައި ވަނީ އޭނަ ދުއްވަވަން އިންނެވި ކާރުގައި ބޮމެއް ގޮއްވާލައި، ހޮނިހިރު ދުވަހުއެވެ.

އެލެކްޒަންޑަރ ދޫގިންއަކީ ޕޫޓިންގެ "ސިކުނޑިފުޅު"ކަމަށް ބައެއްމީހުން ސިފަކުރާހާ އަރިސް ބޭފުޅެކެވެ. ކާރުގައި ބޮމެއް ހަރުކޮށްގެން ދީފައިވާ މި ހަމަލާއަކީ ހަގީގަތުގައި ދޫގިން އަވަހާރަކޮށްލަން ދެވުނު ހަމަލާއެއްކަމަށް ވެދާނެކަމަށް ތަހުގީގީ ފަރާތްތަކުން ބުނެފައިވެއެވެ.

ރަޝިޔާގެ ފެޑަރަލް ސެކިއުރިޓީ ސަރވިސްއިން ބުނެފައިވަނީ، ހޮނިހިރު ދުވަހު ހިނގި އެހާދިސާގެ ތަހުގީގު އެފަރާތުން މިހާރު ނިންމާފައިވާކަމަށާއި، އެކަމުގައި ސީދާ ޒިންމާވަނީ ޔޫކްރެއިން ކަމަށެވެ.      

ރަޝިޔާގެ މީޑިޔާ އައުޓްލެޓް ތަކުން ގެނެސްދީފައިވާ ރަޝިޔާގެ ފެޑަރަލް ސެކިއުރިޓީ ސަރވިސްގެ ބަޔާން ބުނާގޮތުން ޔޫކްރެއިންގެ ސްޕެޝަލް ސަރވިސަސްއިން ދޫގިންއަށް ފާރަލުމަށް ކުލީ ކޮންޓްރެކްޓަރަކާ ހަވާލުކުރިއެވެ. އަދި ޖުލައި މަހުގެ މެދެއްހާ ހިސާބުގައި އޭނާ ވަނީ ރަޝިޔާއަށް ގޮސް، ދޫގިންއާ އެއް އިމާރާތަކުން އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން ފާރަލާން ފަށާފައެވެ.  

ސްޕެޝަލް ސަރވިސަސްއިން ބުނެފައިވާގޮތުގައި، ފާރަލީ އަންހެން މީހާ ދުއްވި މިނީ ކޫޕަރ ކާރުގައި ތިން ވައްތަރެއްގެ ލައިސަންސް ޕްލޭޓް ހަރުކޮށްގެން ދުއްވާފައިވެއެވެ. އަދި ބޮން ގޮއްވި ހާދިސާއަށްފަހު އޭނާ ވަނީ ފިލައިގެން އެސްޓޯނިޔާއަށް ގޮސްފައި ކަމަށްވެސް ބުނެފައިވެއެވެ.

އެލެކްޒެންޑަރ ދޫގިން

ހޮނިހިރު ދުވަހު އެކްޒެންޑަރ ދޫގިންއާއި އޭނާގެ ދަރިކަނބަލުން ވަޑައިގެންނެވީ މޮސްކޯއާ ކައިރި ހިސާބެއްގައި އޮތް ފެސްޓިވަލަކަށެވެ. ދޫގިންއަކީ ފިލޯސަފަރަކަށްވާތީ، އެތަނުގައި ލެކްޗަރެއް ދެއްވިއެވެ. ފެސްޓިވަލުން އެނބުރި ވަޑައިގަންނަވާގޮތަށް އޮތީ ދެބަފާކަލުން އެއް ކާރުގައެވެ. ނަމަވެސް ފަހުން ޕްލޭން ބަދަލުކޮށް، ދަރިކަނބަލުން އެކަނި ކާރުގައި ވަޑައިގަތެވެ.

ތަހުގީގީ އިދާރާއިން ބުނެފައިވަނީ ބޮން ނުވަތަ ގޮވާތަކެތި ހަރުކޮށްފައިވަނީ ދުގީނާ ދުއްވި ޓޮޔޯޓާ ލޭންޑް ކްރޫޒަރގެ ދަށުގައި ކަމަށެވެ. އަދި ބޮން ގޮއްވާލުމާއެކު ކާރުގައި ރޯވެ އޭނާ ވަނީ އަވަހާރަވެފައެވެ. ސޯޝަލް މީޑިޔާއަށް ލާފައިވާ ވީޑިއޯއެއްގައި، އިމަރޖެންސީ ސަރވިސަސްއިން ރޯވެފައިވާ ވެހިކަލް ނިންވަން އުޅޭތަން ބައްލަވަން ހާސްކަމާއެކު ދޫގިން ހުންނަވައެވެ.

ދޫގީނާއަކީ ރަޝިޔާއިން ޔޫކްރެއިން ހިފުމަށް ތާއީދުކުރައްވާ ފަރާތެކެވެ. އަދި އެކަމަށް ތާއީދުކުރައްވައި މީޑިޔާގައި އަޑުއުފުއްލަވަމުން ގެންދަވައެވެ. އެއާއެކު ޔޫކްރެއިނާ ބެހޭގޮތުން ސައްހަނޫން މައުލޫމާތު ފަތުރުއްވާކަމަށް ބުނެ އޭނާއާ ދެކޮޅަށް އިނގިރޭސިވިލާތުންވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އޭނާގެ ބައްޕާފުޅަކީވެސް، ސިޔާސީ މަގާމެއް ފުރުއްވާފައި ނުވިނަމަވެސް ޕޫޓިންއާ އަރިސް ބޭފުޅަކަށް ވުމުގެ އިތުރުން، މޮސްކޯގެ ހައި ޕްރޮފައިލް ފަރާތެކެވެ. އޭނާ އަންނަނީ ހުޅަނގުގެ ބާރުތަކާ ދެކޮޅަށް އަޑު އުފުއްލަވައި ލިއުއްވުންތައް ލިއުއްވަމުންނެވެ. ރަޝިޔާގައި އޮންނަ އެންޓިޔޫރަޕިއަން މޫވްމަންޓްގެ ފައުންޑަރކަމަށް ބެލެވޭ ދޫގިން، 2014 ވަނަ އަހަރު ވަނީ ރަޝިޔާއިން ޔޫކްރެއިނާއެކު ހަނގުރާމައަކށް ދިއުމަކީ ނުވެނުދާނެކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ކްރައިމިއާ،ރަޝިޔާ އާއި ގުޅާލުމަށް ތާއީދު ކުރައްވާކަމަށް ވިދާޅުވިއެވެ. ހަމަ އެއަހަރު ވަނީ އެކަން ވެފައެވެ.    

- ކޮމެންޓް