ކ. މާލެ
|
20 އޯގަސްޓް 2022 | ހޮނިހިރު 09:00
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޕީޕީއެމް
"ހަވާލޭ ވަތަން" ޖަލްސާ
އަޅުގަނޑުގެ ސަރުކާރުގައި 104،000 ވަޒީފާ އުފެއްދިއިރު މިސަރުކާރަށް ހަތަރު އަހަރުން އުފެއްދުނީ 4000 ވަޒީފާ: ޔާމީން
ޔާމީން ވިދާޅުވީ އަބަދުވެސް އެމަނިކުފާނުގެ ސަރުކާރެއްގައި އިސްކަމެއް ދެއްވާނީ ޒުވާނުންނަށް ކަމަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ބޮޑަށް އިހުމާލުވެފައިވަނީ ޒުވާނުންނަށްކަމަށް، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނަށް ރިޔާސީ ޓިކެޓް އެރުވުމަށް "ހަވާލޭ ވަތަން" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ރާއްޖޭގެ ހަކަތައަކީ ޒުވާނުންކަމަށެވެ. އާބަދީގެ ތިންބައިކުޅަ ދެ ބަޔަކީ ޒުވާނުންކަމަށާއި މިސަރުކާރުން ވަނީ ޒުވާނުންނަށް އިހުމާލުވެފައިކަމަށެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ޒުވާނުންނަށް އިސްކަމެއްދީގެން އެއްލައްކަ ހަތަރުހާސް ވަޒީފާ އުފެއްދިކަމަށެވެ.

އަޅުގަނޑުގެ ސަރުކާރުގަ ޒުވާނުންނަށް އިސްކަމެއް ދީގެން، އިގުތިސާދު ރަނގަޅުކުރުމަށް ފުދުންތެރި ޒުވާނުންތަކެއް އުފެއްދުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއަކީ، އެއްލައްކަ ހަތަރުހާސް ވަޒީފާ ޚާއްސަކޮށް ޒުވާނުންނަށް އުފެދިގެން ދިއުން. ކުޑަކުޑަ އިގުތިސާދެއްގެ ތެރޭގަ، 5 އަހަރުގެ ތެރޭގަ، އެއްލައްކަ ވަޒީފާ އުފެއްދުމަކީ ފަސޭހަކަމަށްނުވޭ. ނަމަވެސް އެކަން އޮތީ ވެފަ. އަދުގެ ސަރުކާރުގެ ހާލަތަކީ، 4 އަހަރު ވޭތުމިކުރީ އަދި އުފެއްދުނީ 4000 ވަޒީފާ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޔާމީން ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައުމަށް ވީ ވައުދުގެ ތެރެއިން އެއް ވައުދަކީ ޕާކުކުރާނެ ތަން ނުދައްކައި ދުއްވާ އެއްޗެހީގައި ސްޓިކަރ ނުޖަހާނެކަމުގެ ވައުދުކަމަށެވެ. ނަމަވެސް މިސަރުކާރު މިހާރު ހިންގަމުންދަނީ ޕާކިންގ ސްޓިކަރއިން ލިބޭ ފައިސާއިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ޒުވާނުން ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށާއި، އެކަންވެސް ނުވާކަމަށް ވިދާޅުވިއެވެ. ޒުވާނުންނަށް ވަޒީފާ ނެތި، ވަޒީފާ އަދާކޮށްގެން ލިބޭ މަދު މުސާރަ، ސައިކަލް ބަހައްޓާނެ ތަނެއް ނެތުމުން، ޖަހާ ސްޓިކަރއަށް ދައްކަމުންދާއިރު، އެ ސްޓިކަރއިން ސަރުކާރަށް ލިބޭ ފައިސާ މިލިއަނަށް އަރާކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އަބަދުވެސް އެމަނިކުފާނުގެ ސަރުކާރެއްގައި އިސްކަމެއް ދެއްވާނީ ޒުވާނުންނަށްކަމަށެވެ. މީގެކުރިންވެސް ޒުވާނުންނަށް ޚާއްސަ އިސްކަމެއްދީފައިވާނެ ކަމަށާއި، ދެން އުފެދޭ ޕީޕީއެމް ސަރުކާރެއްގައިވެސް ޒުވާނުންނަށް ޚާއްސަ އިސްކަމެއް ދޭނެކަމަށް ޔާމީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް