ކ. މާލެ
|
17 އޯގަސްޓް 2022 | ބުދަ 22:51
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު
ވެރިކަމުގެ ނިޒާމު
ބަރުލަމާނީ ނިޒާމު ގެންނަން މަސައްކަތްކުރަނީ ހީލަތްތެރިގޮތަކަށް ވެރިކަމާ ހަވާލުވެވޭނެކަމުގެ އުންމީދުގަ: ފަލާހު
ކޮންގްރެސްއަށް ނިޒާމު ބަދަލުކުރުމަށް ހުށަހަޅާފައިވާ ގަރާރު ފާސްވާނެކަމަށް ގަބޫލެއްނުކުރެވޭ
ބަރުލަމާނީ ނިޒާމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ގެއްލުންވެގެންދާނެ
މިއީ ވަކި މީހަކު ވެރިކަމަށް އައުމަށް ހިތުލައިގެން ހުރެ އެކަމަށް މަގުފަހިކުރުމަށް ކުރާ ކަމެއް

ބަރުލަމާނީ ނިޒާމު ގެންނަން ބަޔަކު މަސައްކަތްކުރަނީ ހީލަތްތެރި ގޮތަކަށް ރާއްޖޭގެ ވެރިކަމާ ހަވާލުވެވޭނެކަމުގެ އުންމީދުގައިކަމަށާއި, އެކަން އެގޮތަށް ނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ފަލާހް ވިދާޅުވީ، ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް ގެއްލުންހުރި ނިޒާމެއް ކަމަށެވެ. ރާއްޖެއަށް އެންމެ ކަމުދާ ފައިދާ ބޮޑު ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، ކައިރި ގައުމުތަކުގައި ބަރުލަމާނީ ނިޒާމުގެ ތެރެއިން ސަރުކާރުތައް ހިންގަމުން އަންނަކަމަށާއި، އެ ގައުމުތަކަށް ބެލުމަށްފަހު ކަންތައްތައް ހިނގަމުންދާ ގޮތަށް ބަލާއިރު އެންމެ ރަނގަޅީ ރިޔާސީ ނިޒާމު ކަމަށެވެ.

އަދި ބަރުލަމާނީ ނިޒާމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ގެއްލުން ވެގެންދާނެ ކަމަށާއި، ކޮންމެ އަހަރަކު އެއްފަހަރު އިންތިޚާބު ބާއްވަން ޖެހިއްޖެނަމަ ރާއްޖޭގެ ރައްޔިތުން ހަފުސްވާނެކަމަށް ވިދާޅުވިއެވެ.

ފަލާހު ވިދާޅުވިގޮތުގައި، ބަރުލަމާނީ ނިޒާމެއްގައި ބޮޑު ޕާޓީ ޖެހޭނީ ކުޑަ ޕާޓީ ފަހަތުން ދުވާށެވެ. ރާއްޖޭގެ ރައްޔިތުންނަށް މިހާރު ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމުގެ ހުރި ތަފާތުތައް އެނގޭނެކަމަށްވެސް ވިދާޅުވިއެވެ.

Advertisement

އަދި އެމްޑީޕީ ކޮންގްރެސްއަށް ނިޒާމު ބަދަލުކުރުމަށް ހުށަހަޅާފައިވާ ގަރާރު ފާސްވާނެ ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ.

ގަރާރު ފާސްކުރުމަށް ވޯޓް ނުދެއްވާނެކަމަށާއި ނިޒާމު ބަދަލުކުރުމަށް ވެސް ވޯޓް ނުދެއްވާނެކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ރައްޔިތުންގެ އަޣުލަބިއްޔަތު ނެތި ރާއްޖޭގެ ރައީސްއަކު ހޮވުމަށްފަހު ރައީސަށް މަޖިލީސް އުވާލެވޭކަމުގެ ބާރު ލިބޭނެކަމަށާއި، އޭގައި ރައްޔިތުންގެ ބާރު ނެތްކަމަށެވެ. މިއީ ވަކި މީހަކު ވެރިކަމަށް އައުމަށް ހިތުލައިގެން ހުރުމުން އެކަމަށް މަގުފަހިކުރުމަށް ކުރާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކުން ކޯލިޝަނަކާއެކު ވެރިކަން ނުކުރެވޭކަމަށާއި އެކަން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކަނި ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް