ކ. މާލެ
|
14 އޯގަސްޓް 2022 | އާދީއްތަ 01:57
ސަލްމާން ރުޝްދީއަށް ހަމަލާދިނުން
ސަލްމާން ރުޝްދީއަށް ހަމަލާދިނުން
އޭޕީ
ސަލްމާން ރުޝްދީއަށް ދިން ހަމަލާ
ސަލްމާން ރުޝްދީއަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މީހާގެ މައްޗަށް ދައުވާ އުފުލައިފި
ރުޝްދީއަށް ހަމަލާދިންކަމުުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ މީހެއް

އިސްލާމް ދީނަށް ފާޑުކިޔައި ލިޔުންތައް ލިޔެފައިވާ ސަލްމާން ރުޝްދީއަށް ހަމަލާ ދިންކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ސަލްމާން ރުޝްދީ އަށް ހަމަލާދިން ކަމުުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ އެމެރިކާގެ ނިއުޖަރޒީއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ހާދީ މަތާރުއެވެ. ހާދީ މަތާރުގެ މައްޗަށް ކޮށްފައިވަނީ މީހަކު ގަސްތުގައި މަރާލުމަށް މަސައްކަތް ކުރުމުގެ ދައުވާއެވެ.

ރުޝްދީއަށް ހުކުރު ދުވަހު ދިން ހަމަލާއާއި ގުޅިގެން އޭނާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އޭނާގެ އޭޖެންޓް އެންޑްރޫ ވައިލީ ވަނީ ބުނެފައެވެ. ވައިލީ ނެރުނު ސްޓޭޓްމަންޓެއްގައި ބުނީ ރުޝްދީގެ ހާލު ރަނގަޅު ނޫން ކަމަށެވެ. އޭނާއަށް ދިން ހަމަލާއާއި ގުޅިގެން އަތުގެ ނާރުތައް ހަލާކުވެފައިވާ ކަމަށާއި ލިވަރއަށް ވަޅި ހެރުމުން ލިވަރ އަށްވެސް ގެއްލުން ލިބިފައިވާ ކަމަށް ވައިލީ ބުންޏެވެ. އަދި އޭނާގެ އެއް ލޮލުގެ ފެނުން ގެއްލިގެންދިއުން ގާތް ކަމަށް ވެސް އޭނާގެ އޭޖެންޓް ވަނީ ބުނެފައެވެ.

ރުޝްދީއަށް ހަމަލާ ދީފައިވަނީ ހުކުރު ދުވަހު އެމެރިކާގެ ޝަޓޯކުވާ އިންސްޓިޓިއުޝަނުގައި ލެކްޗަރެއް ދިނުމަށް ގޮސް ހުއްޓައެވެ. އޭނާ ސްޓޭޖަށް އަރަން ދިޔަ ވަގުތު މީހަކު ފަހަތުން ގޮސް ހަމަލާ ދިންކަމަށް މަންޒަރު ދުށް މީހުން ބޭރުގެ މީޑިއާތަކަށް ކިޔައިދީފައިވާއިރު، އެމެރިކާގެ ފުލުހުން ވެސް ވަނީ އޭނާ އަށް ވަޅިން ހަމަލާ ދީފައިވާ ކަމަށް ބުނެފައެވެ.

އެމެރިކާގެ ފުލުހުންނާއި ހަވަލާދީ ބޭރުގެ މީޑިއާތަކުގައި ބުނެފައިވަނީ އޭނާ ކަރަށާއި ބަނޑަށް ވެސް މަދުވެގެން އެއް ފަހަރު ވަޅި ހަރާފައިވާ ކަމަށެވެ. އޭނާއަށް ހަމަލާ ދިނުމުން އަވަސް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހެލިކަޕްޓަރުގައެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔުމުށް ގިނަ އަދަދެއްގެ ސަރޖަރީތައް ހައްދާފައިވާ ކަމަށް ވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ރުޝްދީއަށް ހަމަލާ ދިން ވަގުތު އެތަނުގައި ހަރަކާތްތެރިވި އެސޯސިއޭޓަޑް ޕްރެސްގެ ނޫސްވެރިޔަކު ބުނި ގޮތުގައި ރުޝްދީއަށް 6 ނޫނީ 8 ފަހަރު ވަޅިން ހަމަލާދިނެވެ. އޭނާ އަށް ހަމަލާ ދޭން ފެށުމުން އެތަނުގައި ތިބި މީހުން ހަދާނެ ގޮތެއް ނޭނގިފައި ތިބީ ކަމަށް ވެސް އެސޯސިއޭޓަޑް ޕްރެސްގެ ނޫސްވެރިޔާ ބުންޏެވެ.

އިސްލާމް ދީނަށް ފާޑުކިޔައި، ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރާ ރުޝްދީ މަޝްހޫރުވެފައިވަނީ އޭނާގެ "ދަ ސެޓެނިކް ވަރސަސް" ފޮތާ ގުޅިގެންނެވެ. އެ ފޮތް މުސްލިމް ބައެއް ޤައުމުތަކުން މަނާކޮށްފައިވާއިރު އެ ފޮތާ ގުޅިގެން 1980 ވަނަ އަހަރު އީރާނުން ވަނީ އޭނާ މަރާލަން ޖެހޭ ކަމަށް ބުނެ ފަތުވާ ވެސް ނެރެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް