ނ. ހެނބަދޫގައި މިހާރު ކުރިއަށްދާ ޖޯޝް ޗެމްޕިއަންޝިޕްގައި އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ހާގަނޑުގެ މައްޗަށް ޔަންގް ޝޫޓަރސް ކުރިހޯދައިފިއެވެ.
ފާއިތުވި ތިން އަހަރުގެ ޗެމްޕިއަން ހާގަނޑާ ބައްދަލުކުރި މެޗު ޔަންގް ޝޫޓަރސްއިން ކާމިޔާބުކުރީ 2-0ންނެވެ. އެޓީމުގެ ދެލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. ޔަންގް ޝޫޓަރސްގެ މުހައްމަދު މައުރޫފް އެޓީމަށް ލީޑު ނަގައިދިންއިރު، ލީޑު ފުޅާކޮށްދިނީ ހުސައިން އަބްދުﷲއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޔަންގް ޝޫޓަރސްގެ އަހްމަދު ޝުއޫންއެވެ.
![](https://dyncz33htw1ec.cloudfront.net/posts/f62cdad1-8a5d-4f19-9a89-3e83595b3f93.png)
މި ނަތީޖާއާއެކު ޔަންގް ޝޫޓަރސް ތާވަލުގެ ދެވަނާގައި އޮތީ ތިން މެޗު ކުޅެގެން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ކުޅުނު ތިން މެޗުން ޕޮއިންޓެއް ނުލިބި ހާގަނޑު އޮތީ ތާވަލުގެ ފުލުގައެވެ. ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު ތިންމެޗުވެސް ކާމިޔާބުކުރި އެފްސީ ބްރަދަރސްއެވެ. ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލަވެންޑަރ ޔުނައިޓެޑް ތާވަލުގައި ތިންވަނާގައި އޮތްއިރު، އެއް ޕޮއިންޓާއެކު ހަތަރުވަނާގައި އޮތީ އެފްސީ ގްރޭވްސްއެވެ.
ހެނބަދޫ ޖޯޝް ޖަމިއްޔާއިން ކުރިއަށް ގެންދާ މި މުބާރާތުގައި ފަސް ޓީމު ވާދަކުރެއެވެ. ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ ލީގު ބުރު ނިމޭއިރު އެއްވަނާގައި އޮންނަ ޓީމަކަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުވަނީ ލީގު ބުރުގެ ދެވަނަ އަދި ތިންވަނަ ޓީމުވާދަކުރާ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ.