ކ. މާލެ
|
20 ޖޫން 2022 | ހޯމަ 20:17
ރައްޒާގުބެ މެމޯރިއަލް ކަޕްގެ ތެރެއިން
ރައްޒާގުބެ މެމޯރިއަލް ކަޕްގެ ތެރެއިން
ރާއްޖެއެމްވީ
ރައްޒާގުބެ މެމޯރިއަލް ކަޕް 2022
ހަޓް އެފްސީ ބަލިކޮށް ސިކްސް އެކްސްއިން މުބާރާތް ފެށީ މޮޅަކުން
ސިކްސް އެކްސްއިން މެޗު ކާމިޔާބުކުރީ 4-0ން

ކ.ގުރައިދޫގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް "ރައްޒާގުބެ މެމޯރިއަލް ކަޕް 2022" މިއަދު ފަށައިފިއެވެ.

މި މުބާރާތަކީ އެރަށުގެ ފުޓުބޯޅަ ލެޖެންޑު އަލްމަރުހޫމް އަބްދުއް ރައްޒާގު މޫސާގެ ހަނދާނުގައި 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ "ތުއްތޮންބެ ކަޕް"ގެ ނަމުގައެވެ. އޭގެ ފަހުން 2019 ވަނަ އަހަރު މުބާރާތުގެ ނަން ވަނީ ރައްޒާގުގެ މެމޯރިއަލް ކަޕަށް ބަދަލުކޮށްފައެވެ. މިއަހަރުގެ މުބާރާތް އިފްތިތާހުކޮށްފައިވަނީ ގުރައިދޫ ޓަރފް ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މިއަހަރުގެ މުބާރާތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މުބާރާތުގެ ފުުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ ހަޓް އެފްސީއާއި ސިކްސް އެކްސްއެވެ. މިއަދުގެ މެޗު 4-0ން ކަމިޔާބުކުރީ ސިކްސް އެކްސްއެވެ. ސިކްސް އެކްސްގެ ހަތަރު ލަނޑުވެސް އެ ޓީމުން ޖެހީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބުކުރީ މުހައްމަދު ލީވާން، އުމަރު އަބްދުލް ހަންނާން އަދި އަހުމަދު ނާއިޝްއެވެ. ލީވާން ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ލީވާންއެވެ.

މުބާރާތް އަލުން ފަށާފައިވަނީ ދެ އަހަރުގެ މެދު ކެނޑުމަކަށްފަހުއެވެ. ކޮވިޑް-19އާ ގުޅިގެން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު މި މުބާރާތެއް ނުކުޅެއެވެ.

މުބާރާތުގައި މާދަމާ ހަވީރުގެ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޗެލެންޖަރސްއާާއި އެޓޭކް އެފްސީއެވެ.

- ކޮމެންޓް