ސޫރިޔާގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި ކުރިއަށް ގެންދިޔަ މުޒާހަރާތައް ހޫނުވެ، 2011 ވަނަ އަހަރު ދާހިލީ ހަނގުރާމައިގެ ހުޅުގަނޑު ފަޅައިގެން ދިއުމާއެކު، ހަނގުރާމައާއި އިންތިހާ ފަގީރުކަން ފެތުރިފައި އޮތް ޣައްޒާއަށް، ރެފިއުޖީއެއްގެ ގޮތުގައި ދިރިއުޅުން ބަދަލު ކުރި އެކަކީ އަނަސް ޤަތެރްޖީއެވެ. މިއަދު ޣައްޒާގައި ޤަތެރްޖީއަކީ މަޤުބޫލު ނަމެކެވެ. ވަކިން ހާއްސަކޮށް، ކައިބޮއި ހެދުމުގެ ކަންކަމަށް ޝައުޤު ހުންނަ މީހުންގެ މެދުގައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ހަނގުރާމަ ވަށާލި ސޫރިޔާއިން، ހަމަ އެފަދަ ނުތަނަވަސް ކަމެއްގައި އޮތް ޣައްޒާއަށް އޭނާ ގެނެސްދިން ކުޅިހެޔޮވަރު ރަހަތަކުގެ ސަބަބުންނެވެ.
މަށަކީ އަނަސް ޤަތެރްޖީ، މަށަކީ ސޫރިޔާގެ ޙަލަބުގެ ރައްޔިތެއް. ޣައްޒާގައި ދިރިއުޅޭތާ މިހާރު 9 އަހަރުވެއްޖެ. الحمد لله ހަރުދަނާ ދިރިއުޅުމެއް އުޅެން ހިތުގައި އޮތް ވަރުގަދަ އަޒުމެއްގެ ސަބަބުން، މިތަނުގައި، ޣައްޒާގައި އަހަރެންނަށް ޙަލަބީ ރެސްޓޯރަންޓް ހުޅުވުނު. ތި އެންމެނަށްވެސް ސޫރިޔާގެ ރަހަތައް ދައްކާލަން ބޭނުން. އެންމެނަށްވެސް މަރުހަބާ. މަށާއެކު އާދޭއަނަސް ޤަތެރްޖީ؛ ޣައްޒާގައި ދިރިއުޅޭ ސޫރިޔާ ރެފިއުޖީއެއް
އުމުރުން 36 އަހަރުގެ ޤަތެރްޖީ، ޣައްޒާއަށް ހުރަސްކުރީ މިޞްރު މަގުންނެވެ. ފަހަރެއްގައިވެސް އެއްގަމު މަގަކުން ނޫނެވެ. ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން 2.3 މިލިއަނެއްހާ މީހުން ވަޒަންވެރިވެފައިވާ ޣައްޒާއަށް މުދާ އެތެރެ ކުރުމަށް ކޮނެފައިވާ ސިއްރު ބިންގަރާސްތަކުގެ ތެރެއިން ބިންގަރާހަކުންނެވެ. ޣައްޒާގެ އާބާދީގެ 2 ބައިކުޅަ 1 ބަޔަށްވުރެ ގިނަ މީހުން ދިރިއުޅެމުން ދަނީ އިންތިހާ ފަޤީރު ހާލުގައި ކަމަށް ވާ އިރު، ޤަތެރްޖީ އެ ތަނުގައި ފުރަތަމަ ހޭދަ ކުރީ ދަތި އަހަރުތަކެކެވެ.
ޣައްޒާއަށް ދަތުރުކުރަން މަށަށް ފުރުސަތު ލިބުނު. އެކަމަކު ބިންގަރާސްތަކުން ދަތުރު ކުރަން ޖެހޭތީ، އެއީ ނުރައްކާ ބޮޑު ކަމެއް. އިތުރު ގޮތެއް މަށަކަށް ނެތް. ޣައްޒާއަށް އަންނަން ޖެހުމަކީ ބަދުނަޞީބެއް ނޫން. އެކަމަކު އިތުރު ތަނަކަށް ނުދެވި މިތާ ހުންނަން ޖެހުމަކީ ނަޞީބެއް ނޫން. މަށަކަށް އެއްވެސް އެހެން ތާކަށް ނުދެވޭ. ދުނިޔޭގެ އެހެން އެއްވެސް މަންޒިލަކަށް ނުދެވޭ. އަހަރެންގެ ސޫރިޔާ ޕާސްޕޯޓް އޮތީ މުއްދަތު ހަމަވެފަ. މަށަކީ ކާކުކަން ބަޔާންކޮށްދޭން، ސޫރިޔާގެ ރަސްމީ ލިޔެކިއުމެއްވެސް ނެތް. މަށަކީ ހަމަ މިތާ އުޅޭ، އަނަސް ޤަތެރްޖީއޭ ކިއާ އިންސާނެއް. ނަޞްލެއް އަޞްލެއް ބަޔާން ކޮށްދޭނެ ގޮތެއް ނެތް ހަށިގަނޑެއްއަނަސް ޤަތެރްޖީ؛ ޣައްޒާގައި ދިރިއުޅޭ ސޫރިޔާ ރެފިއުޖީއެއް
އދއިން ބުނާ ގޮތުގައި ސޫރިޔާގައި ދާހިލީ ހަނގުރާމަ ފެށި ފަހުން 5.6 މިލިއަން މީހުން އެ ގައުމު ދޫކޮށް ހިނގައްޖެއެވެ. ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި ހިޔާވަހިކަން ހޯދަމުން ދަނީ ސޫރިޔާގެ އަވަށްޓެރި ޤައުމުތައް ކަމަށް ވާ ތުރުކީވިލާތް، ލުބްނާން، އުރުދުން، އިރާޤު އަދި މިޞްރުގައެވެ.
ޤަތެރްޖީ ފަދައިން، ސޫރިޔާގެ 30 އަކަށް މީހުން ޣައްޒާއަށްވެސް އެތެރެވިއެވެ. ޣައްޒާއަކީވެސް އޭގެ ޒާތުގައި ރެފިއުޖީން ގިނަ މަންޒިލެކެވެ. އިޒްރޭލުގެ އުދުވާންތަކުގެ އިތުރުން ފަލަސްތީނުގެ މައި ސަރުކާރާއި ދެންވެސް އޮތް ދިމާއަކުން ފިއްތާލާފައި އޮތް، ދުނިޔޭގެ އެންމެ ބޮޑު، އަނގަމަތި ހާ ޖަލުގެ ގޮތުގައިވެސް ޣައްޒާ ސިފަކުރެވިދާނެއެވެ.
ރެފިއުޖީ... މި ލަފުޒުއެއީ ޕާސްޕޯޓްގައި ޖަހާފަ އޮންނަ ގޮތަށް، އަހަރަމެންގެ 2 ވަނަ ނަމަށް ވެއްޖެ. އަރަބް ރިޕަބްލިކް އޮފް ސީރިއާގެ ބަދަލުގައި އޮންނަނީ 'ރެފިއުޖީ'. މިއީ ވަރަށް ދަތިކަމެއް. ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރާ ހަނގުރާމަތައް ނުހުއްޓެންވީ ކީއްވެ؟ ފުދިއްޖެ. ހަނގުރާމައާއި ހަތިޔާރުތަކަށް އެތައް ބިލިއަން ޑޮލަރެއް ޚަރަދު ކޮށްފި. އަހަރަމެން އިންސާނުންނާއި، އަހަރަމެންގެ ޤައުމުތައް ތަރައްޤީކޮށް، ސުލްހައިގައި އުޅެން، އެ ފައިސާ ޚަރަދު ނުކުރަނީ ކީއްވެ؟އަނަސް ޤަތެރްޖީ؛ ޣައްޒާގައި ދިރިއުޅޭ ސޫރިޔާ ރެފިއުޖީއެއް---
ޣައްޒާއަށް ދިރިއުޅުން ބަދަލު ކުރުމަށްފަހު، ބަދިގެއަކުން ޤަތެރްޖީ ވަޒީފާ ހޯދިއެވެ. އަދި ކައިބޯތަކެތީގެ މައިދާނުގައި އޭނާގެ ނަމުގެ ހައިބަތު ގަދަ ކުރަމުން ދިޔައެވެ. ޤަތެރްޖީގެ 2 ޑިޝްއެއް އާންމުންގެ މެދުގައި ނަގާކިއަން ފެށިއެވެ. އެކި ބާވަތުގެ ރޯސްކުރި ބަދަނުން ޖަރީކޮށްފައި ވާ ބަތާއެކު ސާވްކުރާ ސޫރިޔާގެ ޝަވަރުމާއާއި، ޤަތެރްޖީގެ ހާއްސަ ލޮނުމެދު ކްރީމްގެ ނަން މަޝްހޫރެވެ.
ގިނަ ރެސްޓޯރަންޓްތަކެއްގައި މަސައްކަތް ކުރުމަށްފަހު، އޭނާގެ އަމިއްލަ ރެސްޓޯރަންޓެއް ހުޅުވުމަށް ޤަތެރްޖީ ނިންމީ 2020 ވަނަ އަހަރުއެވެ. "އަލް-ޙަލަބީ"ގެ ނަމުން އެ ރެސްޓޯރަންޓަށް ނަން ދިނީ، ޤަތެރްޖީގެ އަމިއްލަ ވަޒަން ކަމުގައި ވާ ޙަލަބަށް ނިސްބަތް ކޮށެވެ.
ޣައްޒާގެ މައި ސިޓީ ސަރަހައްދުގައި ޤަތެރްޖީ ހިންގާ "އަލް-ޙަލަބީ" ރެސްޓޯރަންޓުގެ ފާރުތައް ފަޅުފިލުވާދެނީ ހަނގުރާމައިގެ ކުރިން ޙަލަބު އޮތް ނަލަ ގޮތުގެ މަންޒަރުތަކުންނެވެ. ޤަތެރްޖީ މިއަދުވެސް ހުރީ ޙަލަބަށް ޒިޔާރަތް ކޮށްލެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެތަނުގައި ތިބި އޭނާގެ އާއިލާ މެންބަރުންނާ ބައްދަލުކޮށް، ޣައްޒާއިން އޭނާގެ ޙަޔާތަށް ހޯދި ބައިވެރިޔާ ތަޢާރަފު ކޮށްދިނުމަށް އެދިއެދިއެވެ.