ސެނެގާލްގެ ވެރިރަށް ދަކާރުގެ ރަށްބޭރުގައި އޭނާ އުޅެ ބޮޑުވި ސަރަހައްދުގައި ޖަމާކޮށް، ޖަހާފައިވާ ކުނި ފަރުބަދުތައް ހާވަމުން ދިޔަ ބޭ ޑޭމް އެންޑާއިޔޭގެ ފަރާތުން ފެންނަމުން ދިޔައީ ތަޖުރިބާ ނޫން ދެވަނަ ދެ ކަމެއް ނޫނެވެ. ފުނި ފުންޏަށް ހުރި ކުނިތަކުގެ ތެރޭގައި ހުރި ޕްލާސްޓިކް ކުނި އެއް ފަރާތް ކުރަމުން ދިޔައީ، އެތަކެތި އަލުން ބޭނުން ކުރާ ރީސައިކަލް ކުންފުނިތަކަށް ފޮނުވާށެވެ. އެ ހުރި ގޮތަކަށް ނޫނެވެ. އެ ޕްލާސްޓިކްތައް ކުދިކުދިވެސް ކުރުމަށް ފަހުގައެވެ.
އަހަރެންގެ މުޅި ހަޔާތުގަވެސް، ދުވަހަކުވެސް ހިތަކަށް ނާރާ މިތަނުގަ މަސައްކަތްކޮށްފާނެއެކޭ. އެކަމަކު، މިއީވެސް އޮތް ވަޒީފާއެއް ކަން އެނގުނު ހިސާބުން، ހިޔާލަށްވެސް ގެނެވިފައި ނުވާ މިންވަރަށް އަހަރެންގެ ހިތުގައި ޝައުގު އުފެދުނު. އެހެން މީހުންނަށް ފެންނާނީ އެމީހުންގެ ގެތަކުން އުކާލާފައި ހުރި ކުނިތަކެއް. އެކަމަކު، އެ ކުނިތަކުގެ ތެރޭގައި އެއަށްވުރެ އަގުހުރި އެއްޗެއްވޭ. އެއީ އަހަރަމެން އެއަށް ފަރުވާ ބަހައްޓާ އެއްޗެއްބޭ ޑޭމް އެންޑާއިޔޭ؛ ކުނި ރީސައިކަލް ކުރާ މީހެއް
ދަކާރުގެ ރަށްބޭރުގައިވާ ކުނިފަރުބަދަތަކުގެ މަތިން ފަތިހުގެ އިރުގެ އަލި ދޯދިތައް ފާޅުވާން ފަށާއިރު، ބޭ އެންޑާއިޔޭ ފަދަ އެތައް ބަޔަކު އުޅެނީ، އެ ސަރަހައްދަށް ޖަމާވެ، މަސައްކަތުގައެވެ. މިއީ ވެސްޓް އެފްރިކާ ސަރަހައްދުގެ އެންމެ ބޮޑެތި ކުނިގޮނޑުތަކުގެ ތެރޭގައި ގުނާލެވޭ ތަނަކަށް ވާ އިރު، މިތަނުން ލިބެން ހުރި އެލުމިނިއަމްއާއި ޕްލާސްޓިކަކީ، ގިނަ ބައެއްގެ އާމްދަނީގެ މަސްދަރެވެ.
ކުނި އުކާލުމުގެ ކަންކަން ވަކި އުސޫލެއްގެ ތެރެއިން ހިންގުމަށް ސެނެގާލްގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، އެއް ފަހަރު ބޭނުން ކުރުމަށްފަހު އުކާލާ ޕްލާސްޓިކް މަނާ ކުރުމަށް 2020 ވަނަ އަހަރު ތަންފީޒު ކުރި ގަވައިދާއެކު، ކުނީގެ ވިޔަފާރި ވަނީ މެކުހަށް ޖަހާފައެވެ.
ބޭ އެންޑާއިޔޭ އަކީ ދުވާލެއްގެ މައްޗަށް 3 ޓަނުގެ ޕްލާސްޓިކް ކުނި ހޮވަމުންދާ 120 މެންބަރުންގެ ޓީމުގެ މެންބަރެކެވެ. ޓީމުގެ މަސައްކަތުން އެއްކުރާ ޕްލާސްޓިކް، ކުދިކޮށް، މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ މީހަކަށް އެ ޕްލާސްޓިކް ވިއްކަނީ ކިލޯގްރާމެއް، ގާތްގަނޑަކަށް 4 ސެންޓުގެ ރޭޓުންނެވެ. ކުންފުނިތަކުން މިފަދަ ޕްލާސްޓިކް ގަންނަނީ ކިލޯގްރާމެއް، ގާތްގަނޑަކަށް 8 ސެންޓާއި 13 ސެންޓާ ދެމެދު ރޭޓެއްގައެވެ. އަދި ދަކާރްގައި ޕްލާސްޓިކް އުފައްދާ ސިމްޕާ ފަދަ ފަރާތްތަކަށް އެ ޕްލާސްޓިކް ވިއްކާލައެވެ.
ސިމްޕާގެ ޑެޕިއުޓީ ޑައިރެކްޓަރ، ޚަލީލް ހަވީލީ ވިދާޅުވާ ގޮތުގައި، ދެވަނަ ފަހަރަށް ބޭނުން ކުރާ ބާވަތްތައް ނުވަތަ ރީސައިކަލް ކޮށްގެން ބޭނުން ކުރާ ބާވަތްތަކަކީ، އާ އުފެއްދުންތަކަށް ވުރެ އަގުގެ ގޮތުންވެސް ހެޔޮ ބާވަތްތަކެކެވެ. އަދި އެންމެ ބާރަށް ވިކެނީވެސް ރީސައިކަލް ކޮށްފައި ވާ އުފެއްދުންތައް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ރީސައިކަލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އަހަރަމެން އަމިއްލައަށް. އެކަމަކު، އުފެއްދުންތެރިކަން އޮތީ ކެޕޭސިޓީގެ އިން ފަހަނަ އަޅާފަ. އެހެންވެ، ބޭރު މީހުން އަތުން ކުނި ގަންނަން ފެށީ. ގައުމީ ވެށި ސާފުކޮށް ބާއްވާ، ވަށާޖެހޭ އިގުތިސޯދެއް ބިނާ ކުރަންވެގެން. މުޅި ތަނުގަ މި އޮންނަނީ ޕްލާސްޓިކް، ވެށި މިއޮތީ އެއްކޮށް ތަޣައްޔަރުވެފަ. ހިތާމަ ހުރި. އެކަމަކު، މި މަސައްކަތުންވެސް އަހަރަމެންގެ ވެއްޓަށް ކޮންމެވެސް ހެޔޮކަމެއް ކޮށްދެވޭނެތާސިމްޕާގެ ޑެޕިއުޓީ ޑައިރެކްޓަރ، ޚަލީލް ހަވީލީ
މި ގޮތަށް ޖަމާކުރި ޕްލާސްޓިކް ކުނިތަކުން ބޯޅަތަކެއް ޒާތު އެއްޗެއް ހަދައެވެ. އަދި ބޭނުން ވުމުން ތަށިގަނޑުތަކަށް އެ ބަދަލު ކުރެއެވެ. މިއީ ކައިރި ހިސާބުތަކަށް ފަސޭހައިން ވިއްކާލެވޭ އެއްޗެކެވެ. ވެސްޓް އެފްރިކާ ސަރަހައްދުގެ އެހެން ގައުމުތަކުގައިވެސް މި އުފެއްދުމަށް ޑިމާންޑް އޮވެއެވެ.
ބޭ އެންޑާއިޔޭގެ އާއިލާއިން ކުނިގޮނޑު ސަރަހައްދަށް ދިރިއުޅުން ބަދަލު ކުރީ 2001 ވަނަ އަހަރުގެ ފެންބޮޑުވުމުގެ ހާދިސާގައި، އެމީހުންގެ އާއިލީ ގެ ހަލާކުވި ހިސާބުންނެވެ. ކުނިބުނި ރީސައިކަލް ކޮށްގެން ދިރިއުޅުމުގެ ކަންކަން ދެކޮޅު ޖައްސާ، ތަނަވަސްކަން ހޯދި ނަމަވެސް، ބޭ އެންޑާއިޔޭގެ މަންމަގެ ހުވަފެން ތަފާތެވެ. ހިކިމަސް ވިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ބޭ އެންޑާއިޔޭގެ މަންމަގެ އުއްމީދަކީ އޭނާގެ ދަރިފުޅު، ސްކޫލު ތައުލީމު ފުރިހަމަކޮށް، ކުނިގޮނޑުން ނުކުތުމެވެ.
ބޭ ސްކޫލުން ކެނޑުނީމަ އެންމެންވެސް އެކަމާ ދެކޮޅު ހެދި. އެކަމަކު، އެންމެ ދޮށީ ފިރިހެން ދަރިއަށް ވީމަ، ބޭ ބޭނުން ވި އާއިލާގެ ކަންކަމުގައި އަހަރެންނަށް އެހީވާން. އޭނާ ކުނިގޮނޑަށް ދިޔައިރު އަހަރެން ވަރަށް ބިރުގަތް. އަހަރަމެން މިތަނަށް ބަދަލުވި ފުރަތަމަ ދުވަސްކޮޅު، މީހުން ކީ، މިއީ ވަގުންގެ ހާއްޔެކޭވެސް. ބޭ ކުނިގޮނޑަށް މަސައްކަތު ދާތީ ހިތްހަމަ ނުޖެހިގެން އަހަރެން އޭނާއާ ވާހަކަވެސް ދެއްކިން. އެކަމަކު ބޭ ބުނި، ބޭއާއި އޭނާގެ ބޮސް، އަޒީޒް މަސައްކަތް ކުރަނީ ވަރަށް ސީރިއަސްކޮށޭ، ނުރައްކަލެއް ނެތޭ. ކޮންމެ ދުވަހަކުވެސް މަސައްކަތް ނިންމާފަ އައިސް، ބޭ އަހަރެންނަށް ފައިސާދޭ، ގޭގެ ހަރަދުތައް ބަލަހައްޓަން. ފުރަތަމަ މާ ފަސޭހައެއް ނުވި. އެކަމަކު މިހާރު އެނގޭ ބޭ އެބުނީ ހެޔޮ ވާހަކައެއްކަން. އަޒީޒްވެސް ބޭ އާ މެދު ދެކެނީ ވަރަށް ރަނގަޅަށް. ބޭ އަކީ އެ ޓީމުގެ މުހިންމު މެންބަރެއްބިންތާ ދިއޫފް؛ ބޭ އެންޑާއިޔޭގެ މަންމަ
ބޭ އެންޑާއިޔޭ މި މަސައްކަތުގައި އުޅޭތާ 7 ވަރަކަށް އަހަރު ވެފައި ވާ އިރު، އޭނާ އަކީ އެ އާއިލާއަށް ފައިސާ ހޯދާދޭ ހަމައެކަނި މަސްދަރެވެ. މި މަސައްކަތުން ލިބުނު އާމްދަނީއިން ބޭ އެންޑާއިޔޭ ވަނީ، ނާމްސޫފި ބެލެހެއްޓޭނެ މަގުވެސް ކޮށާފައެވެ. ނާމްސޫފު ގެންގުޅުމުގެ މަސައްކަތުގައިވެސް، ދެވަނަ ފަހަރަށް ބޭނުން ކުރާ ކުނިބުނީގެ ދައުރު ބޮޑެވެ. ކޮންމެ އަހަރެއްގެވެސް އަޟްޙާ ޢީދުގެ ދުވަސްވަރަކީ ބޭ އެންޑާއިޔޭގެ ނާމްސޫފީގެ ވިޔަފާރި އެންމެ ރަނގަޅުވެގެން ދާ ދުވަސްވަރެވެ.