ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް، ރަޝިއާގެ އަސްކަރިއްޔާއިން ޚާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ފެބުރުއަރީ 24 ވަނަ ދުވަހު ޔޫކްރައިންއަށް އަރައި ހަނގުރާމަ ފެށިފަހުން، ކޮންމެ ދުވަހަކީވެސް އެ މަސްރަހުން އާދަޔާ ޚިލާފު ޚަބަރުތަކެއް ފެންމަތިވާ ދުވަހެކެވެ. ލާއިންސާނީ އެތައް ޖަރީމާއެއްގެ ވާހަކަތަކުން އުދަރެސް ބަނަކުރިނަމަވެސް، އިންސާނިއްޔަތުކަން އަދިވެސް ދެމި އެބައޮތްކަމުގެ ސިގްނަލްތައްވެސް ދޭތެރެދޭތެރެއިން ދިއްލާލައެވެ. މިއީވެސް އެފަދަ ވާހަކައެކެވެ.
ރަޝިއާގެ ނޫސްވެރިޔާ ޑިމިޓްރީ މުރަޓޯފްއަކީ ދިވެހިންނަށް މާ ފަރިތަ ނަމަކަށް ނުވެދާނެއެވެ. މުރަޓޯފްއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްތަކުގެ ތެރޭގައި ހިމެނޭ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ނޮބެލް ސުލްހައިގެ އިނާމު ހާސިލުކޮށްފައިވާ ނޫސްވެރިއެކެވެ. ނަމަވެސް މިއަދު މުރަޓޯފް ތައްޔާރުވަމުން ދަނީ، އޭނާގެ ނޮބެލް މެޑަލް ނީލަން ކިއުމަށެވެ.
އޭނާ އެ ގައުމަކަށް ނިސްބަތްވާ ރަޝިއާގެ އަސްކަރިއްޔާއިން ދެމުންދާ އަނިޔާތަކުގެ ޝިކާރައަކަށްވެ، ރެފިއުޖީންނަށް ވެފައިވާ ޔޫކްރައިންގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުންނެވެ.
މިކަހަލަ އަގުހުރި ކިތަންމެ އެއްޗެއް މީހުން އަތުގަ ހުންނާނެ. އަހަރަމެން މިކަން މިހެން ކުރީމަ، އެހެން މީހުންނަށްވެސް ހިތްވަރު ލިބޭނެ ކަމަށް މި ބަލަނީ. އޭރުން އެ ބައެއްގެ އަތުން މިފަދަ ހަނދާންތަކާ މުސްތަގުބަލުވެސް ނިގުޅައިގެންފައިވާ ޔޫކްރައިންގެ ރައްޔިތުންނަށް އެހީވާން ކޮންމެވެސް މިންވަރެއްގެ އެހީއެއް ވެވޭނެ. އަދި އެމީހުންނަށްވެސް ކޮންމެވެސް ކުރިމަގެއް އޮތްކަން އަންގައިދެވޭނެ. 'ބިދޭސީ' ރެފިއުޖީން އެއީ އޮންނަ ބަހެއް ނޫން.ޑިމިޓްރީ މުރަޓޯފް؛ ރަޝިއާގެ ނޫސްވެރިއެއް
މިހާހިސާބުން މުރަޓޯފްގެ ނޫސްވެރިކަމުގެ ހަޔާތަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާލެވޭތޯ ބަލާނަމެވެ. އޭނާއަކީ ރަޝިއާގެ ދުވަހު ނޫހެއް ކަމަށްވާ ނޮވާޔާ ގެޒެއްޓާގެ ކޯ ފައުންޑަރެކެވެ. ރަޝިއާގެ ސަރުކާރަށް ފާޑުކިއުންތައް އަމާޒުކުރާ ނޫހެކެވެ. 1993 ވަނަ އަހަރު ނޮވާޔާ ގެޒެއްޓާ އުފެއްދީވެސް، ސޯވިއެޓް ޒަމާނުގެ ރަޝިއާގެ ރައީސް މީކާއީލް ގަރްބަޗޯފްއަށް ނޮބެލް ސުލްހައިގެ އިނާމާއެކު ލިބިވަޑައިގެންނެވި ފައިސާގެ އިނާމުންނެވެ.
މީޑިއާގެ ހަތަރެސްފައި ބަނުމަށް ރަޝިއާގެ ސަރުކާރުން ދިން ކޮންމެ އަނިޔާއަކަށް ނޮވާޔާ ގެޒެއްޓާ ކެތްކުރިއެވެ. ނަމަވެސް ސަރުކާރުގެ ރޫހާ ޚުލާފަށް ތައްޔާރުކުރާ ރިޕޯޓެއްގެ އަދަބެއްގެ ގޮތުން 15 އަހަރަށް ޖަލަށް ދާންޖެހޭގޮތަށް ހަމަޖެއްސުމާހަމައަށެވެ. އެގޮތުން މިދިޔަ މާޗް މަހު، ނޮވާޔާ ގެޒެއްޓާއިން ވަނީ އެ ނޫހުގެ ޕްރިންޓް އަދި އޮންލައިން ވަރޝަން މަޑުޖައްސާލާފައެވެ.
މުރަޓޯފް ބުނާގޮތުގައި އޭނާގެ ނޮބެލް ރަން މެޑަލް ވިއްކާލުމަކީ، މާޒީ ދޫކޮށްލަން މަޖުބޫރުވެފައިވާ ޔޫކްރައިންގެ ރައްޔިތުންނަށް އޭނާއަށް އެހީވެވޭނެ މަގެކެވެ. ނޮބެލް އިނާމު ކޮމިޓީގެވެސް ތާއީދާއެކު، މުރަޓޯފް، އޭނާގެ ނޮބެލް މެޑަލް، ހެރިޓޭޖް އޯކްޝަންސްގައި ނީލަން ކިޔަނީ ޖޫން 20 ވަނަ ދުވަހުއެވެ. މޮރަޓޯފްގެ ނޮބެލް ސުލްހައިގެ އިނާމުގެ މެޑަލްއަކީ، ޕޫޓިންއަށް އެންމެ ހަރުކަށި އިބާރާތުން ފާޑުކިޔަމުން ދިޔަ ފުންނާބު އުސް ނޫސްވެރިންގެ ތެރެއިން، މަސައްކަތުގެ މައިދާނުގައި މަރާލާފައިވާ ނޮވާޔާ ގެޒެއްޓާގެ 6 ނޫސްވެރިއެއްގެ ހަނދާނަށް ޚާއްސަކޮށްފައިވާ މެޑަލްއެކެވެ.
މުރަޓޯފް މިއަދު ގަބޫލުކުރާގޮތުގައި ރަޝިއާއިން މިނިވަން މީޑިއާއެއްގެ ވަސްވެސް ފޮހެލާފައިވާއިރު، ސަރުކާރުން ކުރަމުންދާ ހަނގުރާމައަށް ތައީދުކުރަނީވެސް އާންމުންގެ ތެރެއިން މަދު ބައެކެވެ.
ނޫން، އަދުގެ ޒަމާނީ ރަޝިއާގަ މިނިވަން ނޫސްވެރިކަމެއް ނުކުރެވޭނެ. ޔޫޓިއުބް މެދުވެރިކޮށް މައުލޫމާތު ފެތުރިދާނެ. ސަރުކާރުގެ ރައުޔާ ފިކުރާ ދެކޮޅަށް، ވީޕީއެން ބޭނުން ކޮށްގެން ކޮންމެވެސް ވަރަކަށް ކޮންޓެންޓް ފެތުރިދާނެ. އެކަމަކު، ދުވަހުން ދުވަހަށް މިކަންވެސް ދަނީ ދަތިވަމުން. އަހަރެން ގަބޫލުކުރާގޮތުގަ، ރަޝިއާގެ ސިޔާސީ ބާރުތަކުން އެ ވަނީ އެމީހުންގެ އަމާޒު ހާސިލު ކޮށްފަ. މުޅި ރަޝިއާއަށް ބަލާއިރު، މުޅިންހެންވެސް އޮތީ ސަރުކާރުގެ މޮނޮޕޮލީ. ދައުލަތުގެ ބްރޯޑްކާސްޓް.ޑިމިޓްރީ މުރަޓޯފް؛ ރަޝިއާގެ ނޫސްވެރިއެއް
އަދުގެ ޒަމާނީ ރަޝިއާގައި މިނިވަން މީޑިއާއަކަށް ފުރުސަތު ނެތްކަމަށް މުރަޓޯފް ބުނާއިރު، އޭނާ އަތުގައި އޮތް އެންމެ އަގުހުރި އެއް ރައުސުލްމާލު ކަމުގައިވާ ނޮބެލް ސުލްހައިގެ އިނާމުގެ ރަން މެޑަލްއަށް، ނީލަމުގައި 2 މިލިއަނެއްހާ ޑޮލަރު ލިބޭނެކަމަށް އުއްމީދުކުރެއެވެ.
2021 ވަނަ އަހަރުގެ ނޮބެލް ސުލްހައިގެ އިނާމު، ޑިމޮޓްރީ މޮރަޓޯފްއާއި މާރިއާ ރިސާއަށް ދީފައިވަނީ، ދެމިގެންދާ ސުލްހައާއި ޑިމޮކްރަސީގެ ޝަރުތެއް ކަމުގައިވާ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.