ބައިޕޯލަރ ޑިސްއޯޑަރ އަކީ އެކަން ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް ވަރަށް ތުރާ ގެނުވާ ހާލަތެކެވެ. މީގަ ވާގޮތަކީ އެއްވަގުތު ނަފްސާނީ ގޮތުން ވަރަށް އުފާވެރި ހާލަތެއްގައި ހުރެފަ ހަމަ ކުއްލި އަކަށް މޫޑް ބަދަލްވެ ޑިޕްރެޝަން އޭ މިކިޔާ މާޔޫސީ ހާލަތަށް މީހާ ގެންދެއެވެ. އަދި މީހާ އެއްވެސް އުންމީދެއް ނެތި މާޔޫސް ކަންމަތީ ހުންނަން ޖެހެއެވެ. މިއީ އެމީހަކަށްވެސް އަދި ވަށައިގެން އުޅޭ އެހެން މީހުންނަށް ވެސް ތަހައްމަލް ކުރަން ވަރަށް ވެސް އުނދަގޫ ހިތްދަތި ހާލަތެކެވެ.
ބައިޕޯލަރ ޑިސްއޯޑަރ ހުންނަ ގިނަ މީހުންނަށް، ތިމަންނާއަށް މިވަނީ ކީއްކަން ދެނެގަންނަންވެސް މީގެ ކުރިން ނޭނގެއެވެ. މަސައްކަތެއް ކުރާހިތްނެތިފަ ކަންނެތްވެފަ، ނުވަތަ ނިދި ނައިސްފަ އޮންނަން ޖެހެނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ނަމަވެސް މައުލޫމާތުގެ މުއްސަނދިކަން މިހާރު އެންމެންނަށްވެސް ލިބިފައިވާ އިރު، ނުވަތަ ލިބޭ ގޮތަށް އޮތް އިރު މިފަދަ ކަންކަމަށްވެސް ހައްލު އޮތްތޯ ބަލާ ހޯދާ ފަރާތްތައް ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.
މިފަދަ އެއްފަރާތަކީ "ބައިޕޯލަރ އިންޑިޔާ"ގެ ނަމުގައި ވެބްސައިޓެއް ހިންގާ އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ވިޖޭ ނައްލަވާލާ އެވެ. އޭނާ ބުނި ގޮތުގައި އުމުން 14 ވަރަކަށް އަހަރުން ފެށިގެން އޭނާގެ މޫޑަށް ގޮތްތަކެއް ވާކަން ފާހަގަ ކުރެވިފައި ވީނަމަވެސް ބަލި، ނުވަތަ ހާލަތު ސީދާ ދެނެގަނެވުނީ އޭނާގެ އުމުރުން 40 އަހަރު ވީފަހުންނެވެ. މިހާރު އުމުން 60 އަހަރުގެ ނައްލަވާލާ ދަނީ ބައިޕޯލަރ ޑިސްއޯޑަރ އާއިބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ. އޭނާގެ އެންމެ ބޮޑު ބޭނުމަކީ އެހާލަތު ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ ތަޖްރިބާ ހިއްސާކުރުމަށް ފުރުސަތު ދީ އަދި އެކަމުން ސަލާމަތްވުމަށް މަސައްކަތް ކުރުމަށް ހިތްވަރު ދިނުމެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާ އެކި ގޮތް ގޮތުން ކުރި މަސައްކަތުން އޭނާގެ ހާލަތު "ނޯމަލް" ނުވަތަ ރަނގަޅު ވެފައިވާތާ މިހާރު އަހަރުތަކެއްވެއްޖެ އެވެ.
އިންޑިޔާގެ 1.38 ބިލިއަން އާބާދީގެ މަދުވެގެން 0.3 އިންސައްތަ މީހުންނަކީ މި ނަފްސާނީ ބަލި ހުންނަ މީހުން ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. ކަމުގެ ހާލަތު އިތުރަށް ގޯސްވަނީ ފަރުވާދޭނެ ތަމްރީންވެފައިވާ ޑަކްޓަރުން ފުދޭވަރަށް ނެތުމުންނެވެ. އަދި ފަރުވާއެއް ދެވުމުގެ ކުރިން އެފަދަ ފަރާތްތަކަކީ މޮޔައިން ކަމަށް ލޭބަލްވެ އިތުރު އިޖްތިމާއި މައްސަލަތަކަށް ހުށަހެޅިގެން ދިޔުމެވެ.
ބައިޕޯލަރ ޑިސްއޯޑަރ އަކީ ރާއްޖޭގައިވެސް އާންމު ބައްޔެއް ނުވަތަ ހާލަތެއް ކަމަށް ގަބޫލު ކުރެވެއެވެ. ނަފްސާނީ ދުޅަހެޔޮކަމަކީ މިސަރުކާރުން ޚާއްސަ ސަމާލު ކަމެއް ދީގެން މިހާރު ކަންތައްތަކެއް ފަށާފައިވާ ދާއިރާއަކަށް ވާއިރު، މިބައްޔާބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކުން އިތުރަށް ފުންކޮން ވިސްނާ މިކަމުން ސަލާތްކުރެވޭނެ ބަޔަކު ތިބި ނަމަ، އެކަން ކުރުމަށް ފިޔަވަޅުތައް އެޅުމަކީ އެދޭގޮތެވެ. އަދި މިސިފަ ފެންނަ ޒުވާނުންނަށް އެހީތެރިވުމަށް މައިންބަފައިންނަށް ކޮށްދެވޭނެ ކަންތައްތަކެއް ވާނަމަ އެކަމާބެހޭ މައުލޫމާތު ރޭޑިއޯ ޓީވީން އާއްމުކޮށް، އިތުރު ބަޔަކު މޮޔައިންގެ ކެޓަގަރީ އަށް ވަނަ ނުދީ ސަލާމަތް ކޮށްދެއްވާށެވެ.