ކ. މާލެ
|
3 ޖޫން 2022 | ހުކުރު 01:08
ދީޕްތީ ޓުކްޓުކް ދުއްވަނީ
ދީޕްތީ ޓުކްޓުކް ދުއްވަނީ
ރޮއިޓަރސް
ލަންކާގެ ހާލަތު
ލަންކާގެ އިގްތިސާދީ ހާލަތުގެ ސަބަބުން ދިއިރުޅުމުގެ ހާލަތު ދަށްވެފައިވާ މަންމައެއް: ގިނަ ފަހަރު ނިދަން ޖެހެނީ ޓުކްޓުކްގައި
ދީޕްތީގެ އާމްދަނީ ވަނީ 50 އިންސައްތައަށް ދަށްވެފައި

ސްރީލަންކާގެ އުމުރުން 43 އަހަރުގެ ލަސަންދާ ދީޕްތީއަކީ އެ ގައުމުގައި އޮޓޯ ރިކްޝާ، ނުވަތަ އެ ގައުމުގެ ނަމުން ނަމަ ޓުކްޓުކް ދުއްވާ މަދު އަންހެނުންގެ ތެރެއިން އެކެކެވެ. އޭނާ ކުއްޔަށް އުޅޭ ގޭގެ ބޭރުގައި ހުރެގެން ޓުކްޓުކް ސާފުކުރުމަށްފަހު ސައި ބޮއެގެން މަސައްކަތަށް ނުކުންނަނީ ދަތުރުތައް ގިނަވެ ބުރަ ދުވަހެއްގެ އުއްމީދުގައެވެ. ނަމަވެސް މިހާރު މިއީ ހަމައެކަނި އުއްމީދުތަކެކެވެ.

ދީޕްތީގެ ދުވަސް މިހާރު ފެށެނީ ޕެޓްރޯލް ސްޓޭޝަނުގެ ދިގު ކިޔޫގައެވެ. މިއީ ލަންކާއަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ހާލަތާއެކު ތެޔޮ ލިބުން ދަތިވުމުގެ ސަބަބުން އައި ބަދަލެކެވެ. މިހާރު އެ ގައުމުގައި ޕެޓްރޯލް ކިޔޫގައި ވެސް އެތައް ގަޑިއިރެއް ހޭދަ ކުރަން ޖެހޭ ހާލަތްތައް އާދެއެވެ.

އިގުތިސާދީ ހާލަތުގެ އިތުރުން ދީޕްތީގެ އަމިއްލަ ދިރިއުޅުމުގައި ވެސް އޭނާ ވަނީ ގިނަ ކަންކަމާ ކުރިމަތިލާފައެވެ. 14 އަހަރުގައި އޭނާގެ ބައްޕަ މަރުވެފައިވާއިރު މުޅި އާއިލާ ބަލަން ޖެހުނީ ކުޑައިރުން ފެށިގެން އޭނާއަށެވެ. އޭގެ ފަހުން އުމުރުން 21 އަހަރުގައި މީހަކާ އިނުމުން ދަތިތަކަށް ނިމުމެއް އައީކަމަށް އޭނާ ހީކުރިއެވެ. ނަމަވެސް އެ ވެސް ވެގެންދިޔައީ ހުވަފެނަކަށެވެ.

ކައިވެނިކޮށްގެން ދަރިއަކު ލިބުމާއެކު ދީޕްތީގެ ފިރިމީހާ ވެސް އޭނާ ދޫކޮށް ދިޔައީއެވެ. އަންހެން ދަރިފުޅު ބަލަން ޖެހުނީ އެކަންޏެވެ.

ދަރިފުޅުގެ ކަންކަން ފުރިހަމަ ކުރުމަށް ދީޕްތީ ފުރަތަމަ ފެށީ ގަހަނާ ހެދުމުގެ މަސައްކަތެވެ. ނަމަވެސް ގަހަނާ ހިފައިގެން މަގުމަތީގައި އެކަނި އުޅުމަކީ ރައްކާތެރި ކަމަކަށް ނުވާތީ އޭނާ އަމިއްލަ ޓުކްޓުކެއް ގަތީއެވެ. ދަރިފުޅާއެކު އެކަނި އުޅޭ އިރުވެސް ބިރުގަންނަ ކަމަށް އޭނާ ބުނެއެވެ.

އަހަންނާއި ދަރިފުޅު ދަތުރުކޮށް ހެދީ އެކަނި، އެހެންވެ އަސްލު ވަރަށް ބިރުގަތް. އެކަމަކު އަމިއްލަ އުޅަނދެއްގަ ދަތުރުކުރަން ފެށީމަ ރައްކާތެރި އިހުސާސެއް ކުރެވެން ފެށީ. އަނެއްކާ އެހެން ކުދިންވެސް ސްކޫލަށް ލައިދީ، ފަސިންޖަރުން ނަގާ، އާމްދަނީ ވެސް ލިބެން ފެށި.
ދީޕްތީ

ދީޕްތީއަކީ ލަންކާގެ އަންހެން ޓުކްޓުކް ޑްރައިވަރުންގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެކެކެވެ. އޭނާ ބުނިގޮތުގައި އެ މަސައްކަތް ކުރަން ފެށިއިރު ފިރިހެން ޑްރައިވަރުންގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިވިއެވެ. ނަމަވެސް އެ ގައުމުގެ ޓެކްސީ އެޕެއް ކަމަށްވާ "ޕިކްމީ"އާ ގުޅުނު ފަހުން ކަންކަން ފަސޭހަވިކަމަށް އޭނާ ބުންޏެވެ.

ދިރިއުޅުން ރަނގަޅުވާން ފެށިހެން ހީވިތަނާ އަނެއްކާވެސް އިތުރު ކަމަކާ ދިމާވީއެވެ. ގައުމުގެ އިގުތިސާދީ ހާލަތު ދަށްވުމުގެ ސަބަބުން ތެޔޮ ލިބުން ދަތިވެ، ތަކެތީގެ އަގު ދަނީ ދުވަހަކަށްފަހު ދުވަހެއް އުފުލެމުންނެވެ.

ލަންކާގެ ހާލަތު ދަށްވުމުގެ ކުރިން ދީޕްތީއަށް މަހަކު ލިބެމުން އައީ 30،000 ލަންކާ ރުޕީސް ނުވަތަ 83.30 ޑޮލަރެވެ. އެ އަދަދު މިހާރު ވަނީ 50 އިންސައްތައަށް ވުރެ ކުޑަވެފައެވެ.

މިހާރުގެ ހާލަތުގެ ސަބަބުން އެބަޖެހޭ ރަނގަޅު އެއްޗެއް ހޯދަންޏާ، ކުރިއާ އަޅާ ބަލާފަ ގިނަ އިރު ހޭދަކުރަން. ބައެއްފަހަރު އަހަރެން ނިދަންވެސް ޖެހެނީ ޓުކްޓުކްގެ ތެރޭގަ.
ދީޕްތީ

ދޭހައި އަތްވެއްގައި ޕެޓްރޯލް ކިޔޫގައި އިނދެގެން ދީޕްތީގެ ހަމައެކަނި އުއްމީދަކީ މިހާރުގެ ހާލަތުން ގައުމު އަރައިގަތުމެވެ. އޭނާ ލޯބިވާ ގައުމުގެ ކަންކަން ރަނގަޅުވެ، ކުރިން ދިރިއުޅުން އޮތްގޮތަށް ބަދަލުވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް