ކ. މާލެ
|
2 ޖޫން 2022 | ބުރާސްފަތި 13:01
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
ރައީސް އޮފީސް
ޖަމާލުއްދީން ސްކޫލަށް މީހަކު ވަތް މައްސަލަ
"ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރި ތަނެއްކަން ޔަގީންކޮށްދޭނަން"
ޖަމާލުއްދީން ސްކޫލަށް މީހަކު ވަތް ހާދިސާގައި ސްކޫލުން އަމަލުކޮށްފައިވަނީ އެފަދަ ހާލަތްތަކުގައި އަމަލުކުރަންޖެހޭ ގޮތަށް
މި މައްސަލަ ޚާއްސަ ސަމާލުކަމެއް ދީގެން ފުލުހުން ގެންދަނީ ތަހުގީގުކުރަމުން
ސްކޫލަތް ވަތް މީހާ މިވަގުތު ހުރީ ބަންދުގައި

ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހައްދައިދެއްވާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ދެއްވައިފިއެވެ.

ދާދި ފަހަކުން ޖަމާލުއްދީން ސްކޫލަށް މީހަކު ވަދެ އަޑުގަދަކުރި މައްސަލައިގައި ބެލެނިވެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. މިކަމުގެ ކަންބޮޑުވުންތައް ބެލެނިވެރިން ގެންދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާކުރަމުންނެވެ. މިކަމާއި ގުޅިގެން "ރާއްޖެ އެމްވީ"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ޖަމާލުއްދީން ސްކޫލްގައި ހިނގައިދިޔަ ކަމަކީ މިނިސްޓްރީންވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

މިކަން ހިނގައި ދިޔަގޮތް ތަފްސީލުކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހުރިހާސްކޫލަކުންވެސް އަބަދުވެސް ވަރަށް ރަނގަޅަށް ގޭޓު ބަލަހައްޓާނެ ކަމަށެވެ. ސްކޫލަށް ވަދެ ނިކުމެ ހަދަނީ ކޮން ބައެއްތޯ ބަލާނެ ކަމަށާއި، ސްކޫލަށް ވަދެެވޭނީ އެކްސެސް އޮންނަ މީހުންނަށް އެކަނި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް ސްކޫލަށް ވަތް މީހާއަކީ ސްކޫލަށް ވަނުމުގެ އެކްސެސް އޮތް މީހެއް ނޫން ކަމަށާއި، އޭނާ ވަނީ އެކްސެސް އޮތް މީހަކު ވަތް ގަޑީގައި ގޭޓު ކޮއްޕާލާފައި ވަދެފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވަނީ ޖަމާލުއްދީން ސްކޫލަށް ވަދެ އަޑުގަދަ ކުރަން ފަށާފައެވެ. މިނިސްޓަރު ވިދާޅުވީ އެއީ އެމަރޖެންސީ ހާލަތެއް ކަމަށާއި، އެފަދަ ވަގުތުތަކުގައި ސްކޫލްތަކުން އަމަލުކުރަންޖެހޭނެގޮތް ސްކޫލްތަކަށް އަންގާފައިވާނެ ކަމަށެވެ. އަންގާފައި އޮތް ގޮތަށް، ދަރިވަރުންނާއެކު ހުރިހާ ކްލާސްރޫމްތައް އެތެރެއިން ތަޅުލާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

މިނިސްޓަރު ވިދާޅުވީ ވަގުތުން އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ޚާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އެސްއޯޕީތައް ސްކޫލްތަކަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި އެގޮތަށް ސްކޫލްތަކުން އަމަލުކުރަމުންދާކަމަށާއި، މިފަދަ ހާދިސާތަކަށް ތައްޔާރުވުމަށް ސްކޫލްތަކުގައި ޑްރިލްތައްވެސް ހިންގާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާދިސާއާ ގުޅިގެން ބެލެނިވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިނަމަވެސް ބެލެނިވެރިންގެ ފަރާތުން މިނިސްޓްރީއަށް އެއްވެސް މައްސަލައެއް ހުށަހަޅާފައިނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް، ދަރިވަރުންގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން އެކަން ކަށަވަރުކުރައްވަމުންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލަށް ވަތް މީހާގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ. މިކަމާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް