ރާއްޖޭގައި ޒަމާނީ މުއާސަލާތު ފެށުނުތާ 80 އަހަރު ވަނީ

އެވޭލާ ޒަމާނުއްސުރެ މުވާޞަލާތުގެ ގޮތްފޮތް ބޭނުންކޮށް މީހުން އެބައިމީހުންގެ މުހުތާދުތައް ފުރިހަމަކުރަމުން ގެންދިޔައެވެ. އެ ހިނދަކަށް އެންމެ ކަމުދާ އެންމެ ބޭނުންތެރި ގޮތެއްގައެވެ. އެވޭލާ ޒަމާނުގެ ލޯމާފާނުތަކާއި ރާދަވަޅިތައް އެއީ އެޒަމާނުގައި ސަރުކާރުގެ އަމުރު މައުރޫފް އަދި ކަން ހިންގަންޖެހޭނެ މަގު ރަށްރަށަށް އެންގުމަށް ބޭނުންކުރި ވަޞީލަތެވެ.

ދޭދޭ މީހުންގެ މެދުގައި ބަދަލުކުރެވޭ ލިޔެކިޔުންތައްވެސް ހުރެއެވެ. ލޯބިވެރިން އެބައި މީހުންގެ ލޯބި ހުށަހެޅުން ފަންވަތުގައި ރައިވަރު ލިޔެ ވަލުތެރޭގެ ދާ ތަންތަނުގައި ބެހެއްޓުން އެވެސް މުވާޞަލާތުކުރުމުގެ ވައްޓަފާޅިއެކެވެ. ރަށްރަށުގެ މީހުން އެއްވާ ފަންނު ތަކުގައި ހުންނަ އަތްފޯރާ ފަށުގެ ރުއްރުކުރު ފަންފަނުގައި ލޯބީގެ ގުޅުންތަކުގެ މެސެޖްތައް ލިޔެ ޢާއްމުކޮށްފައި ހުރުމަކީވެސް މުވާޞަލާތުގެ ވަޞީލަތެކެވެ.

ސަންގު ފުމެ ރައްޔިތުން އެއްކުރުމަކީވެސް މުވާޞަލާތުގެ ވަޞީލަތެކެވެ. ލިޔެކިއުން ތައާރުފްވުމުން ކޮންމެ އަތޮޅެއްގެ ހުރިހާ ރަށަކަށް އެއް ސިޓީ ފޮނުވައި ހިނގާ ސިޓީގެ ނަމުގައި ކޮންމެ ރަށެއްގައިވެސް ރައްޔިތުންނަށް އެ ސިޓީ ކިޔައިދިނުމަކީވެސް މުވާޞަލާތުކޮށް އުޅުނުގޮތެކެވެ. އެއްރަށުގެ ރައްޔިތުންނަށް ކިޔާދިނުމަށް ފަހު އެރަށުގެ ރައްޔިތުން ޖެހެނީ ދެން އޮތް ރަށަށް ގެންދާށެވެ. ދެ ދަޅުގެ ފުލުގައި ލޯވަޅު އަޅައިގެން އޭގައި ބަރަނި ފަށެއް ލައިގެން ތަލްގިރާފް ހަދައިގެން ކުދިވެރިން ވާހަކަ ދެއްކީ އެއީ ފޯނު އުފެދުމުގެ އަސްލުކަމުގައިވާތީކަން އެކުދިންނަކަށް އޭރަކު ނޭނގެއެވެ.

ރާއްޖޭގެ ސަރަހައްދެއްގައި ފުރަތަމަ ޓެލެކޮމިއުނިކޭޝަން ފެށުނީ 1941ގައި އައްޑުއަތޮޅުގައެވެ. (އިނގިރޭސީން އައްޑޫ ގަމުގައި ފެށި ޓެލެކޮމިއުނިކޭޝަނެވެ)

ރާއްޖޭގެ މުވާސަލާތު (ޓެލެކޮމިއުނިކޭޝަން)ގެ ފެށުން ކަމުގައިވި ދޫނިދޫ ވަޔަރުލެސް އިސްޓޭޝަން ހުޅުވުނީ 23 ޑިސެންބަރު 1943ގަައެވެ. ދޫނިދޫ ވަޔަރުލެސް އިސްޓޭޝަންގައި ފުރަތަމަ ޓެކުނިކަލް ގޮތުން، މަސައްކަތް ކުރެއްވި ރާއްޖޭގެ 2 ބޭފުޅުންނަކީ، ޢަޙުމަދު ޙިލްމީ ދީދީއާއި ޙަސަން ޢަލީ ދީދީއެވެ. މި 2 ދީދީއަކީ އޭގެ އަށެއްކަ އަހަރުފަހުން، ރާއްޖޭގެ މުވާސަލާތުގެ އެންމެ ފުރަތަމަ ވަޒީރުންނެވެ.

(އަޙުމަދު ޙިލްމީ ދީދީ، ވަޒީރުއް ޞިއްޙަތު ވަލްމުވާޞަލާތު 1951-1952 އަދި ޙަސަން ޢަލި ދީދީ ވަޒީރުލް މުވާޞަލާތު 1952-1953އެވެ.)

ވޭތުވެދިޔަ 79 އަހަރަށް ބަލާއިރު ރާއްޖޭގެ ޒަމާނީ މުވާސަލާތު ކުރިއަރާފައި ވަނީ، ވަރަށް ބާރު ދުވެއްޔެއްގައެވެ. ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގައި އެންމެ މުހިންމު ވަސީލަތެއް ކަމުގައިވެ، ރާއްޖޭގެ އެންމެ ވަރުގަދަ އެއްސިނާއަތެއް ކަމުގައި މިއަދު ވެފައިވަނީ މުވާސަލާތުގެ ސިނާއަތެވެ.

މުއާސަލާތުގެ އަގުތަކަށް ހެޔޮބަދަލުތަކެއް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިބަދަލުތައް ގެނައުމުގެ މަސައްކަތްތައް ވަނީ ފެށިފައެވެ. އަދި މުއާސަލާތުގެ ބޮޑެތި އާ މަޝްރޫއުތަކެއްވެސް ވަނީ ފެށިފައެވެ.

މިކަމުގެ ސަބަބުން ކުރިމަގުގައި ރައްޔިތުންނަށް މިރޮނގުން ބޮޑެތި ލުއިފަސޭހަތަކާއި ކުރިއެރުން ލިބޭނެއެވެ.

0%
0%
0%
0%
0%
100%