ނަރުހުންނަކީ ވަރަށް ވެސް މުސްތަޤިއްލުކަމާ މިނިވަންކަމާއެކު މަސައްކަތް ކުރާ ބަޔަކަށްވާއިރު ތަންފީޒީ އިދާރާތަކަށް ވަކި ހިސާބަކުން ނަރުހުންގެ އަޑު މަޑުވެގެންދާކަމަށް ސަރޖިކަލް ވޯޑްގެ ރަޖިސްޓަރޑް ނަރސް މަރިޔަމް ޖަލީލާ ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޖަލީލާ ވިދާޅުވީ އެންމެ ފަހަށް ގޮތް ނިންމާ ނިންމުންތަކުގައި ނަރުހުންގެ ދައުރު ކުޑަވާ މަންޒަރު ފެންނަމުންދާ ކަމަށެވެ.
ނަރުހުންގެ އަޑު އިއްވުމަށް ގޮތް ނިންމާ ހިސާބުގައި ނަރުހުންގެ މީހަކު ހުރުމަކީ ހުރިހާ ނަރުހުން ވެސް ވަރަށް ދެކެން ބޭނުންވާ ދުވަހެއްކަން ފާހަގަކުރައްވާ ޖަލީލާ ވިދާޅުވީ ނަރުހެއްގެ ކުރިއެރުމަށް ނުވަތަ ނަރުހުން މަސައްކަތް ކުރާ ގޮތް އެންމެ ބޮޑަށް އެނގޭނީ ނަރުހަކަށް ކަމަށެވެ.
މުސާރަ އާއި ބޯހިޔާވަހިކަމަކީ ނަރުހުންނަށް ވެސް މުހިންމުކަމެއްކަން ފާހަގަކުރައްވާ ޖަލީލާ ވިދާޅުވީ ނަރުހުން މަސައްކަތުގެ މައިދާނުގައި ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށްޓަކައި މިނިސްޓްރީ ލެވަލްގައި ވެސް ނަރުހުންގެ ބޭނުންތަކަށް ވިސްނަން ޖެހިއްޖެ ކަމަށެވެ.
ރައްޔިތުންގެ ޑިމާންޑް އޮތްވަރަށް ވަސީލަތްތައް މަދު ކަމަށާއި ޚާއްސަ ދާއިރާތަކަށް ޚާއްސަ ޔުނިޓްތައް ހުޅުވިފައިވާއިރު އެތަންތަނަށް ނަރުހުން ތަމްރީނު ކުރުމަށް ސަމާލުކަން ދޭންޖެހޭ ވެސް ޖަލީލާ ވިދާޅުވިއެވެ.
ޖަލީލާ އިތުރަށް ވިދާޅުވީ ތަމްރީނު ވެގެން ގިނަ ނަރުހުން ނުކުތް ނަމަވެސް ނަރުހުންގެ މަސްއޫލިއްޔަތުން ވަކިވާ މީހުންގެ ނިސްބަތް ގިނަ ކަމަށާއި މިކަމަކީ ޤައުމީ ފެންވަރެއްގައި ވިސްނަން ޖެހިފައިވާ ކަމެއް ކަމަށެވެ.
މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނެޝަނަލް ސެންޓަރ ފޯ ރެސްޕިރޭޓަރީ މެޑިސިންގެ ވޯޑުގެ މެނޭޖަރު ފާތިމަތު ލޫސީ ވިދާޅުވީ ވަޒީފާގެ މައިދާނުގައި ނަރުހުންގެ އަދަދު މަދު ކަމަށެވެ. އަދި ކޮވިޑުގެ ހާލަތުގައި އައިޖީއެމްއެޗްގެ ނަރުހުން ދެ ތަނުގައި ވެސް މަސައްކަތް ކުރަމުން ދިޔަ ކަމަށާއި ނަރުހުންގެ އަދަދު މަދު ނަމަވެސް ޚިދުމަތްތައް ރަނގަޅަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
ނަރުހުންގެ އަދަދު ގިނަނަމަ މަސައްކަތުގެ ގަޑި މަދު ކުރެވިގެންދާނެ ކަމަށާއި ތަންކޮޅެއް ފަސޭހަކޮށް ޑިއުޓީތައް މެނޭޖް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޚިދުމަތްތަކާއި އެއްވަރަށް ނަރުހުން ވެސް ކުރިއަރަން ޖެހޭނެ ކަމަށާއި އެކަމަށް ތަމްރީނުތައް ވެސް ލިބެން ޖެހޭނެ ކަމަށް ލޫސީ ވިދާޅުވިއެވެ. ނަރުހުންގެ އަދަދު މަދުއިރު ވަސީލަތްތައް ވެސް މަދު ކަމަށާއި މިކަންތައްތަކަށް ހައްލު ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
1948 ވަނަ އަހަރު ނަރުހުންގެ ޚިދުމަތް ފެށިގެން އައިރު މިއަދާހަމައަށް ނަރުހުންގެ މަސައްކަތާއި ބެހޭ ގޮތުން ފޮތެއް ނެރެފައެއް ނުވެއެވެ. އެހެންނަމަވެސް މިއަހަރު ނަރުހުންގެ ދުވަހުގައި ނަރުހުންގެ މަސައްކަތްތަކާއި ބެހޭ ފޮތެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ.