ކޮންމެ ރޯދަ މަހަކާއެކު އިވޭ އެންމެ އާންމު އަޑަކީ ތަކެތީގެ އަގުބޮޑުވާ ވާހަކައެވެ. ރޯދަމަހަކީ އާންމު އެހެން މަސްމަހާ ޚިލާފަށް ހުރިހާ އެންމެންވެސް ގިނައިން ޚަރަދު ކުރާ މަހެކެވެ. ޚާއްސަކޮށް ކާބޯތަކެއްޗަށް ކުރާ ހޭދަ އެހެން މަސްމަހާ ޚިލާފަށް ބޮޑު މަހެކެވެ. އެއާއެކު ކާބޯތަކެތީ އަގުބޮޑުވުމުގެ ޝަކުވާ އާންމުން ކުރެއެވެ. ޚާއްސަކޮށް ކޮންމެހެން ބޭނުންކުރަންޖެހޭ ކާބޯތަކެތީގެ އަގުބޮޑުވެގެންދެއެވެ. އޭގެ ރައްދަކަށް ވިޔަފާރިވެރިން ދޭ ޖަވާބަކީ ދުނިޔޭގެ ބާޒާރުގައި މުދާ ލިބުމުގައި ހުރި ދަތިތަކެވެ. ތަކެތި މަދުން ލިބުމެވެ. ތަކެއްޗަށް އޮންނަ ޑިމާންޑް ބޮޑުވުމުގެ ސަބަބުން ކޮންމެ އަގެއްގައި ވިއްކިޔަސް ގިނަ ފަހަރު އެތަކެތި ވިކެއެވެ.
ނަމަވެސް ބައެއް ތަކެތީގައި އެހެން ނުވާ ފަހަރުވެސް އާދެއެވެ. ތަކެތީގެ އަގު ތިރިނުކޮށް ބެހެއްޓުމުން ރޯދަމަސް ނިމޭއިރުވެސް ނުވިކޭ ހިސާބަށްވެސް ދެއެވެ. އެވަރުންވެސް އެއްޗެއްގެ އަގު ކުޑަނުކުރާކަމުގެ ޝަކުވާ އާންމުންކުރެއެވެ. އޭގެ އެއް ބާވަތަކީ މިރުހެވެ. ކޮންމެ ރޯދަ މަހަކާ ދިމާކޮށްވެސް މިރުހަށް އޮންނަ ޑިމާންޑް ބޮޑުވެ އޭގެ އަގު ބޮޑުކަމުގެ ޝަކުވާ އާންމުން ކުރެއެވެ. މިރުސް ނުވިކުނަސް އޭގެ އަގު ތިރިކުރާތަނެއް ނުފެނެއެވެ. އެންމެ ފަހުން އެ އުކާލަނީއެވެ.
ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލާއިރު ހަނގުރާމައެއް ދަނީ ކުރިޔަށެވެ. ޔޫރަޕްގައި ހިނގަމުންދާ ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމަ ރޯދަ މަސް އައުމުގެ މަސް ދުވަސް ކުރިން ފަށާފައިވާއިރު އެހަނގުރާމައިގެ އަސަރު ދުނިޔޭގެ އިގުތިސާދަށް ވަރަށް ބޮޑަށް ކުރާނެކަން އެއީ ކުރިންވެސް ލަފާކުރެވިފައިވާކަމެކެވެ. ރޯދަ މަސް ފެށުނީވެސް ހަނގުރާމައިގެ ތެރޭގައެވެ. އެކަމުގެ އަސަރުތަކުގެ ތެރޭގައެވެ. އެހެންކަމުން ހަނގުރާމައިގެ ސަބަބުން މުދާ ލިބުމުގެ ދަތިކަމާއި ކުރިމަތިވާނެ ކަމާއި ތެލުގެ އަގު ބޮޑުވާތަން އެއީ ތަޖުރިބާ ކުރަމުންދިޔަ ކަމެކެވެ. ނަމަވެސް ހަނގުރާމައާ އަޅުވައި ތަކެތީގެ އަގު ބޮޑުވަނީ އެހެންވެޔޭ ބުނެ ދޫކޮށްލެވޭކަށްވެސް ނޯންނާނެއެވެ. ބައެއް ކަހަލަ ތަކެއްޗަކީ މިސަރަހައްދުގެ ގައުމުތަކުން ގެންނަ މުދަލެވެ. ހުރިހާ ތަކެއްޗަކީ ޔޫރަޕުން ގެންނަ މުދަލެއް ނޫނެވެ. ނަމަވެސް ޔޫރަޕުން ގެންނަ މުދަލުގެ އަގު ބޮޑުވުމާއެކު އޭގެ އަސަރު ވިޔަފާރިވެރިންނަށް ކުޑަކުރުމުގެ ގޮތުން ތަކެތީގެ އަގު ބޮޑުކުރެއެވެ.
ބައެއް ފަހަރު ވަކި ބާވަތެއްގެ މުދާ ބާޒާރުގައި މަދުވެ އެލިބުމުގައި ދަތިކަން ދިމާވާ ހިސާބުން ބާޒާރުގައި ހުންނަ މުދަލުގެ އަގު މައްޗަށް ޖައްސާ ފަހަރުވެސް އާދެއެވެ. މިފަހަރު ލުނބޯގެ އަގަށް ވެގެން އުޅެނީވެސް އެޒާތުގެ ކަމެކެވެ. ކޮންމެ އަކަސް ރޯދަމަހާއެކު ތަކެއްޗަށް އޮންނަ ޑިމާންޑާއެކު ތަކެތީގެ އަގު އުފުލިގެން ދާ ދިއުމަކީ ކޮންމެ ރޯދަމަހަކުވެސް ތަޖުރިބާކުރަން ޖެހޭކަމެކެވެ. ކުރީބައިގައި ގެނެސްފައި ހުންނަ މުދާ ދުނިޔޭގެ ބާޒާރަށް ކިރިޔާވެސް އަންނަ ލޮޅުމެއްގެ އަސަރުން އުފުލިގެންދާއިރު އެއީ އާންމުންނަށް އަބަދު ގަބޫލުކުރަން ފަސޭހަ ސަބަބަކަށް ނުވެއެވެ.
އާންމުންގެ ޝަކުވާތަކަށް ހައްލު ގެނެސް ޒަރޫރީ ތަކެތީގެ ގޮތުގައި ރޯދަ މަހު ބޭނުންކުރާ މުދަލުގެ ބާވަތްތައް ސަރުކާރުން ގެނެސް ހެޔޮ އަގުގައި ފޯރުކޮށްދޭންޖެހުމަކީވެސް މިކަމަށް އޮތް ހައްލެއް ނޫނެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ފެންނަނީ އެއްޗެއްގެ އަގު ބޮޑުވުމުން އާންމުންނަށް ހެޔޮ އަގުގައި އެއެއްޗެއް ފޯރުކޮށްދިނުމަށް އެސްޓީއޯއިން އެމުދަލެއް ގެނެސް އާންމުންނަށް ވިއްކާ މަންޒަރެވެ. މިފަހަރު ހަނގުރާމައެވެ. ކުރިން ކޮވިޑެވެ. އޭގެކުރިން މޫސުމީ ބަދަލުތަކެވެ. ސަޕްލައި ޗެއިންގެ މައްސަލަތަކެވެ. ކޮންމެ ރޯދަމަހަކާ ދިމާކޮށް ކޮންމެސް ކަމެއް ދިމާވާ ކަހަލައެވެ. އެއްކަމެއް ނުވިއަސް މުދަލުގެ އަގު ބޮޑުކޮށްގެން ވިޔަފާރިވެރިން ބޮޑު ފައިދާއެއް ނުނަގާ ރޯދަ މަހެއް ނުދާނެއޭ އާންމުން ބުނަނީ އޭގައި ގަބޫލުކުރެވޭ ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ.