Advertisement
ކ. މާލެ
|
31 މާރޗް 2022 | ބުރާސްފަތި 12:17
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން ރައީސް ޞާލިޙް ގައުމީ އިނާމު ދެއްވަނިކޮށް
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން ރައީސް ޞާލިޙް ގައުމީ އިނާމު ދެއްވަނިކޮށް
ރައީސް އޮފީސް
ޤައުމީ އިނާމު
ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ޤައުމީ އިނާމަށް މިއަހަރުވެސް ހުޅުވާލާފައިވަނީ މައިގަނޑު 34 ދާއިރާއަކުން

މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ޤައުމީ އިނާމާއި ބެހޭ ކޮމިޓީން ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، އީމެއިލް މެދުވެރިކޮށްގެންނާއި، ޕޯޓަލް މެދުވެރިކޮށްގެން ޤައުމީ އިނާމަށް ފޯމު ހުށަހެޅޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޤައުމީ އިނާމަށް މިއަހަރުވެސް ހުޅުވާލާފައިވަނީ، މައިގަނޑު 34 ދާއިރާއަކުންނެވެ. މި ދާއިރާތަކާއި ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާ ކުރައްވައި، އަދި ކަމާބެހޭ އިދާރާތަކުގެ ޚިޔާލު ހޯއްދަވައި، އުސޫލަށް ގެންނަވަންޖެހޭ ބަދަލުތައް ވަނީ ގެންނަވާފައެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ. ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ޤައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. މީގެ އިތުރުން، http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންވެސް މިއަހަރު އިނާމަށް ނަން ހުށަހެޅުއްވޭނެއެވެ.

Advertisement

ފޯމު ހުށަހަޅުއްވާއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން އެދިވަޑައިގަންނަވައެވެ.

ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ. މި އަހަރު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަހަރުގެ އެޕްރީލް މަހުގެ 2 ވާ އާދިއްތަ ދުވަހުން ފެށިގެން، މިއަހަރުގެ މޭ މަހުގެ 31 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެ ކުރިންނެވެ. ފޯމު ބަލައިގަންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައެވެ.

ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމާއި، ފޯމާއެކު ހުށަހަޅާންޖެހޭ އެހެނިހެން މަޢުލޫމާތާއި ތަކެތި ފޮނުވާނީ، ”ޤައުމީ އިނާމާބެހޭ ކޮމިޓީ“ އަށް އެޑްރެސްކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އީމެއިލް ކުރާނަމަ، ފޮނުވާނީ [email protected] އަށެވެ.

ޤައުމީ އިނާމާބެހޭ މަޢުލޫމާތު ދެއްވައި، ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ޚާއްޞަ ޕްރޮގްރާމްތަކެއް މިއަހަރުވެސް ކުރިއަށް ގެންދިޔުމަށާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މަޢުލޫމާތު ދިނުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް