އަށްސަތޭކަ ނުވަދިހަ ފަސްވަނަ މާހެފުން - އިހުގައި މާހެފުން އޮތީ ދުވާލުގެ ވަގުތު

މާހެފުމަކީ، ރޯދަމަސް ފެށެން ކައިރިވުމުން، ގާތްތިމާގެ މީހުންނާއި، ރައްޓެހިރަހުމަތްތެރިންގެ ގިނަބަޔަކު ބައިވެރިކޮށްގެން، ދުވާލުގެ ވަގުތެއްގައި (މަސްދުވަސްވަންދެން ދުވާލު ނުކައިތިބެންޖެހޭތީ) ބާއްވާ ބޮޑުކެއުމެކެވެ. މިކެއުމަށް މާހެފުން މިނަން ދެވިފައިވެއެވެ.

މިއީ މީރުކެއިންބުއިންތަކުގެ އުފާވެރިކަމުގެ އީދެކެވެ. އިޖުތިމާއީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ސަގާފީ އިހުތިފާލެކެވެ.

ދިވެހިރާއްޖެއަށް ފުރަތަމަ އައި ރޯދަމަހަކީ ހިޖުރީ ގޮތުން 548 (1153މ)ގެ ރޯދަމަހެވެ. ވީމާ، މިފަހަރުގެ މާހެފުކީ 895 ވަނަ  މާހެފުމެވެ.

މާހެފުމުގައި ވަރަށްގިނަ ވައްތަރުގެ ކާބޯތަކެތި ހިމެނެއެވެ. ދިވެހި ކެއިން ބުއިންތަކުގެ ތެރޭގައި އެތައް ސަތޭކަ ވައްތަރުގެ ކެއިން  ބުއިން ހިމެނެއެވެ. ދިވެހި މަސްކަނޑުތަކުގެ މަސްމަހާމެހީން ތައްޔާރުކުރާ ކެއުންތަކެވެ. ދިވެހި ދަނޑުބިންތަކުގެ ގަސްގަހާގެހީން  ތައްޔާރުކުރާ ކާނާތަކެވެ. ދިވެހި ރުކުގެ ގޮބޮޅިން ފެށިގެން ކާށްޓަށެވެ. ކިހާއް، މިރި، ކުރުނބާ، ޅަގަބުޅި، ހަރުގަބުޅި، ކާއްޓެވެ. ދިވެހި ރުކުގައި ބޭނުން ނުކުރެވޭ އެކައްޗެއްވެސް ނެތެވެ. ކެއިން ބުއިމަށެވެ. އެހެނިހެން ބޭނުންތަކުގައެވެ.

ބަނބުކޭލުންވެސް އެތައް ބާވަތެއްގެ ކާނާ ތައްޔާރުކުރެވެއެވެ. ރިހަތަކާއި މީރުކެއުންތަކެވެ. ކަށިކޭލުންވެސް އެތައް ބާވަތެއްގެ މީރުކެއުންތައް ތައްޔާރުކުރެވެއެވެ. ކުރީ ޒަމާނުގެ އުތުރުގެ އަތޮޅުތަކުގެ މައިގަނޑު ކެއުމެއް ކަމަށް ކަނޑޫވެއެވެ. ދެކުނުގެ އަތޮޅުތަކުގައި ފަލަމަޑީގެ ބާވަތްތަކެވެ.

895 ވަނަ އަހަރަށް ބަލާއިރު މިހުރިހާ ކެއިންބުއިންތައް މާހެފުންތަކުގައި ހިމެނުނެވެ.

ފަހަކަށްއައިސް މާހެފުން މިވަނީ ޒަމާނީ ބަދަލުތަކަކާ އެކު ވަރަށްބޮޑަށް ކުރިއަރާފައެވެ.

އޮފީސްތަކާއި ކުންފުނިތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުން ބާއްވާ އިޖުތިމާއީ އިހުތިފާލެއް ކަމުގައި ވެފައެވެ. ސަގާފީ (ގައުމީ) ކެއިންބުއިންތަކުގެ އިތުރުން ޒަމާނީ (ބައިނަލްއަގުވާމީ) ކެއިންބުއިން އެކުލެވޭ ގޮތުން ގިނަގުނަ ތަފާތު ރަހަ ހިމެނޭ ގޮތުގައެވެ.

0%
100%
0%
0%
0%
0%