ކަންކަމުގައި އަރައިތިބި ބަޔަކު ނިކުމެ ލައްކަ ގިނަ ކަންކަން މިހާތަނަށްވެސް ކޮށްފައިވާ ކަމަށް ދަޢުވާ ކުރާ އައްޑޫސިޓީގެ ރައްޔިތުންނަކީ ހަމަ ޙަގީގަތުގައިވެސް ކުޅަދާނަ ފަންނުވެރި ބައެކެވެ.
އެމީހުންގެ ދުރު ވިސްނޭ ސިކުނޑިތަކުގެ ބޭނުން ހިފައިގެން މާސިންގާ ބިޔަ ކަނޑުގެ ރާޅުތައް ފަތަޙަކޮށް ދުނިޔޭގެ އެއް ބައްރުން އަނެއް ބައްރަށް ކުރި ދިގު ދަތުރުތަކަށް އެކަނި ނަޒަރު ހިންގާލިޔަސް، ކަށިން ނެރުނު ހިތްވަރު ވަޒަން ކޮށްލެވޭނެއެވެ. އެއީ އަދި މާކުރީގެ މާޒީއެވެ. ލޯކުރިމަތިން ފެންނަމުންދާ މިދުވަސްތަކުން މިސާލު ނަގައިފިނަމަ ދޮންދީނާ ބަލަން ދާން ތިބި އެންމެން އަސްދުއްވަން މިސްރާބު ހިފި ދުވަސް ހަނދާނެއް ނުނެތޭނެއެވެ.
އައްޑޫގައި އަސްވެސް ދުއްވައި ނިމިއްޖެއެވެ. ދެން ހިފަންވީ ކުކުޅުތާއެވެ.
ފާމްގެ ފެށުން
ކޮވިޑް 19 އަށްފަހު ސްރީލަންކަން އެއަރލައިންސްގެ މަތިންދާ ބޯޓު އަލުން ގަމަށް ޖެއްސި ތާރީޚީ ދުވަހަކީ 2021 ޑިސެންބަރ 04 އެވެ. އެދުވަހާއެކު ދިރޭ ޖަނަވާރު ބޭރުން އެތެރެ ކުރުމުގެ އަޑު ގަދަވެގެން ދިޔައެވެ. އައްޑޫގައި ދޮންވެ ފައްކާވެފައިވާ ބީޓެކް ޕޯލްޓްރީ ފާމް އޮތީ ޑައިރެކްޓް ފްލައިޓް އަޅާނެ ދުވަހެއްގެ އިންތިޒާރުގައި ކެތް މަދުވެފައެވެ. 2004 ވަނަ އަހަރު އައްޑޫސިޓީ ހިތަދޫން ޕޯލްޓްރީ ފާމަށް ދޫކުރި ބިމާއެކު އެތަން ޢިމާރާތްކޮށް ބޭނުންވާ މެޝިނަރީ ގެނެސް "ސްޓޭންޑްބައި" ގައި ތަން އޮތްވާ އޭސް އޭވިއޭޝަނާއި ސްރީލަންކަން އެއަރލައިންސުން ލަންކާ ދަތުރު ފެށުމާއެކު ފާމަށް 5000 "ހެޗްޑް" ބިހުގެ ފުރަތަމަ ޝިޕްމަންޓް ގެނެވުނެވެ. ކެޕޭސިޓީގައި އެއްފަހަރާ 12000 ބިހާއި 6000 ބިހާއެކު ޖުމްލަ 18000 ބިސް ފީކުރުމުގެ ގާބިލްކަން ލިބިފައިވާ ހެޗަރީއެއް ހުރި މިފާމަކީ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތާއެކު ގާއިމްކުރެވިފައިވާ ފާމެކެވެ. ސަރުކާރުގެ އެންމެ އިސްވެރިޔާއިން ފެށިގެން މަތިފަޑީގެ އެކި ވަފުދުތައް ބީޓެކް ޕޯލްޓްރީ ފާމަށް މިހާތަނަށްވެސް ޒިޔާރަތް ކުރައްވާފައިވާއިރު އެއިން ކޮންމެ ބޭފުޅަކުވެސް އައްޑޫގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އެމަސައްކަތަށް ތަޢުރީފުކުރައްވާފައިއެވެ.
ބީޓެކުން ކުރައްވާފަ މިއޮތީ ވަރަށް ބޮޑު އިންވެސްޓްމެންޓެއް. މި އިންވެސްޓްމެންޓު އަމާޒު މިކުރެވެނީ ހަމަ ދިވެހި ރާއްޖޭގައި ކުކުޅު ބޮޑުކޮށް ބިހާ ކުކުޅު މަސް އުފެއްދުމަށް. ބީޓެކުން މިފަދަ ބޮޑު މަސައްކަތެއް އައްޑޫގައި ކުރައްވާތީ ވަރަށްބޮޑަށް ޝުކުރު އަދާ ކުރަން. އަޅުގަނޑަށް ޔަގީން އިރާދަ ކުރެއްވިއްޔާ ބީޓެކުން މިކުރާ މަސައްކަތަކީ އައްޑޫސިޓީއަށްވެސް އަދި ދިވެހި ރާއްޖެއަށްވެސް ވަރަށް މުހިއްމު އަދި އޭގެ ފައިދާ މުޅި ގައުމަށް ލިބިގެންދާނެ ކަމެއްކަން.މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޑރ ޙުސެއިން ރަޝީދު ޙަސަން
މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ނުހަނު ބޭނުން ޖެހިފައިވާ މިމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ބީޓެކް ޕޯލްޓްރީން ކުރެވޭނެ މަގު ފަހި ކުރުމަށްޓަކައި ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ޕޯލްޓްރީ ފާމެއްގެ ޚިޔާލަކީ އައްޑޫ ސިޓީ ކައުންސިލްގެ މިލްކެކެވެ. ބިން ކުޑަވެފައި ޖާގަ ނެތުމުން މިފަދަ ތަނެއް އައްޑޫގައި ހިންގިދާނެ ކަމުގެ އުއްމީދު ކުޑަވެފައިވަނިކޮށް އޭރުގެ ކައުންސިލުން އެކަން ނިންމި ނިންމުމަކީ މިއަދު މިދެކޭ ދިރޭ ކުކުޅު އައްޑޫގައި ގެންގުޅުމުގެ ފެށުމެވެ. އައްޑޫސިޓީގެ މޭޔަރުގެ މަޤާމުގައި 3 ދައުރު ކުރިން ފުރުއްވި އަދި މިހާރު ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޞާދިޤު (ސޯބެ) ވިދާޅުވީ މީގެކުރިން އަމިއްލަ އަތުން ކާންދީގެން ބޮޑުކޮށްގެން ގެންގުޅުނު ކުކުޅުހާ، ކެއުމުގެ ނަސީބު ލިބުނު ކޮންމެ މީހަކު މިއަދު އުފާ ކުރާނެކަމަށެވެ. އޭރުވެސް ކަންކުރި ބީދައިން ކާންދީ ބޮޑުކޮށްގެން ގެނެސް ކަތިލުމަށްފަހު ކެއުމުގެ، އުފާވެރި ޝުޢޫރު ސޯބެ ފާޅުކުރެއްވީ "ބްރެޒިލް" ކުކުޅަށް ނޫނެކޭ ބުނަންވީ ދަނޑިވަޅު އައިސް ޖެހިއްޖެ ކަމުގެ މެސެޖާއެކުއެވެ.
ބްރެޒިލްއެ ނުންވީ އެހެން ކޮންމިއަސް ބޭރެ ގައުމަކި ކޯށަކި ދެގި ކުކުޅައް މެހެއި ދުވަހައް ކަމުން އައި. އެކަން ނިމުމަކައް ގިނެއުމަށް ހުސެން މި ފެށި މަސައްކަތައްޓަކައި ވަރަށް ޚާއްސަ ޝުކުރައް ރައްދު ކެރަން. ހުސެން އެއި އެއްކޮއް އެހެން ފާމްތަކުނަސް ބިން ނަގަފެއި ތިބީ. އެހެންފެހެނާސް މިވަރަ ސްޓޮކައް ބާޒާރައް މިނުކުއްމީ ބީޓެކުން ކަން ފާހަގަ ކެރަންއައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ސާދިޤު
ދަނޑުގޮވާންކުރުމާއި އަމިއްލަ އުފެއްދުންތެރިކަމަށް ނުހަނު ބޮޑު ޝައުގެއްދެއްވަމުން ގެންދަވާ އައްޑޫސިޓީގެ މައި މުގުލުގައި ހުންނެވި ވެރިޔާ، އައްޑޫގެ މޭޔަރ ޢަލީ ނިޒާރުގެ ޝުޢޫރު މިކަމުގައި ވަރަށް ތަފާތެވެ. އަދި ނިޒާރު ވަނީ މިމަސައްކަތަށް ތައުރީފްކުރައްވާފައެވެ.
ޢާއްމު ފަރާތަކުން އައްޑޫގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފަޚުރުވެރި އެއް މަސައްކަތް މިމަސައްކަތަކީ. ވަރަށް ތަފާތު، ރާއްޖެއަށް ވެސް ހަމަ ތަފާތު މަސައްކަތެއް. އަދި މި ސްކޭލްގަ ރާއްޖޭގަ މިކަހަލަ ކަމެއް، އެންމެ ފުޅާކޮށް ކުރެވޭ މަސައްކަތަކަށް މިމަސައްކަތް ވެގެން ދާނީ.އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު
ބީޓެކް ޕޯލްޓްރީ ފާމަށް ރައްޔިތުން ކުރާ އުއްމީދު ވަރަށް ވެސް ބޮޑެވެ. މިއަދު އައްޑޫސިޓީގެ ރެސްޓޯރެންޓްތަކުގައި ތާޒާ ބީޓެކް ކުކުޅުގެ ޚާއްސަ މެނޫތައް އެހެރަ ތަޢާރަފްވަމުން އަންނަނީ އެވެ. ގޭގޭގެ ސުފްރާތައް ކުކުޅުގެ ބާވަތްތަކުން ފުރެމުންދަނީއެވެ. އަބަދުވެސް އައްޑޫގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ފިސާރި ކެރިގެން އެންމެ ކުރީ ސަފުން ޖާގަ ހޯދާ ބީޓެކް ގްރޫޕްގެ މެނޭޖިންގ ޑައިރެކްޓަރ ޙުސެއިން މުޙައްމަދު ހުންނެވީ ރައްޔިތުން އެދޭ ފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކެތްމަދުވެފައެވެ.
މިއީ ވަރަށް އާ ކަމަކަށްވީމަ އަޖުމަ ބަލާލަން މިޚިދުމަތް އަލަށް ތަޢާރަފް މިކުރީ. އިރާދަ ކުރެއްވީތީ ވަރަށް ގިނަ ބޭފުޅުން މިޚިދުމަތާއި ގަޔާ ވެއްޖެ. ވަރަށް ބޮޑު ތަރުޙީބެއް އަޅުގަނޑުމެންނަށް ލިބެމުން ދަނީ. އެހެންކަމުން އުއްމީދު އާ ވެއްޖެ މިހާރު ހުރި ވަރަށް ވުރެވެސް ފުޅާ ކުރަން.ބީޓެކް ޕްރައިވެޓް ލިމިޓޭޑްގެ މެނޭޖިންގ ޑައިރެކްޓަރ ޙުސެއިން މުޙައްމަދު
ޙުސެއިން ވިދާޅުވީ ލިބެމުންދާ ބޮޑު ތަރުޙީބާއެކު ޚާއްސަ ޕްރޮމޯޝަނެއް ބުރާސްފަތި އަދި ހުކުރު މި ދެ ދުވަހު ފައްޓަވާނެ ކަމަށާއި އެޕްރޮމޯޝަންގެ ދަށުން 55 ރުފިޔާއަށް ތާޒާ ކުކުޅު ކިލޯއެއް ލިބެން ހުންނާނެ ކަމަށެވެ. މިއީ ދިވެހިންގެ ޢާއިލީ ބޮޑު ކޭން އޮންނަ ހުކުރު ދުވަހާއި ދިމާކޮށް ކަސްޓަމަރުންނަށް ލިބިގެންދާ ރަނުގެ ފުރުސަތަކަށް ވާނެއެވެ.
ޕޯލްޓްރީ ފާމްގެ ފެންވަރު
މިއީ މޮޑަން ޓެކްނޮލޮޖީ ސިސްޓަމެކެވެ. ފެނާއި ކާނާ ފޯރުކޮށްދިނުމާއި، ޖާގައިގެ ތަނަވަސްކަމާއި ފިނިހޫނު މިނާއި ވައިދައުރުވާ ގޮތުގެ ހުރިހާ ކަމެއް އަމިއްލައަށް "އެޖަސްޓް" ކުރުމުގެ ގާބިލްކަން ލިބިފައިވާ "ފުލީ އޮޓޮމޭޓެޑް" ސިސްޓަމެކެވެ. ކުކުޅު ގެންގުޅޭ 8000 ސްކުއަރ މީޓަރުގެ "އިންހައުސް" 3 ބްރޮއިލާ މިހާރުވެސް ތައްޔާރަށް ހުރި އިރު ފާމްގެ "ސްލައުޓަރ" އާއި "ޕެކިން" ހައުސްވެސް އަންނަނީ ތައްޔާރުވެ ނިމެމުންނެވެ. ބްރޮއިލާތައް ހަދާފައިވާ ގޮތުން އެތެރޭގެ ފިނިހޫނުމިން އެއް މިނެއްގައި ހިފެހެއްޓުމަށް އެހީވެދީ އެއިން އުފައްދާ ހޫނު ވައިން ކުކުޅުގެ ނަޖިސް އަވަހަށް ހިއްކާލާ ވިހަ ގޭސް "އެބްޒޯބް" ކުރެއެވެ. މިއީ ނުބައި ވަސް ހަރުލުން ކުޑަ އަދި ބަލިޖެހުންވެސް ކުޑަކޮށްދޭ ނިޒާމެކެވެ. ބްރޮއިލާތައް ބަންދުކޮށްފައި ހުރުމުން ދިރޭ ތަކެތީގެ އުނދަގުލާއި ހަޑިމުޑުދާރު ވުންވެސް ކުޑަކޮށްދެއެވެ.
ބީޓެކް ޕޯލްޓްރީ ފާމުން އެންމެ އިސްކަމެއް ދެނީ ކުކުޅުތަކުގެ ސިއްޙަތަށް ކަމަށްވާތީ ފާމްގައި މަސައްކަތް ކުރާ މީހުންނަށްވެސް ވަނީ ސާފުތާހިރުކަމުގެ މިންގަނޑުތަކެއް އެކަށައަޅާފައެވެ. އައު ތަނަކަށްވުމުން ގިނަ ބަޔަކު ޕޯލްޓްރީއަށް ޒިޔާރަތް ކުރުމަށް އެދުނު ނަމަވެސް ބީޓެކުން ބުނީ ދިރޭތަކެތީގެ ރައްކާތެރިކަމަށްޓަކައި "ވިޒިޓާސް"އަށް ތަން ނުހުޅުވާނެ ކަމަށެވެ.
މިވަގުތު ބިސް ފީކުރުމާއި ދިރޭ ކުކުޅު ބޮޑުކޮށް ކުކުޅު މަހުގެ ޚިދުމަތް އެކަނި ތަޢާރަފް ކޮށްފައިވާ މި ފާމް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭ ފުލް އޮޕަރޭޝަނަށް ގެނައުމަށް އެކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ. ފާމްގެ މަސައްކަތް އެއްކޮށް ނިމޭއިރު މީޓް ޕްރޮސެސަރސް އާއި އެގް ޕެކިންގ އަދި ސްލައުޓަރގެ އިތުރުން މިތަކެތީގެ ސިއްޙީ ކަންކަން ބަލަހައްޓާ ވެޓެރިނަރީސް ލެބޯޓްރީއެއް ގާއިމް ކުރެވޭނެކަމަށް ބީޓެކުން މަޢުލޫމާތު ދެއްވައެވެ.
ތެދެކެވެ. ބީޓެކުގެ މިމަސައްކަތް ހަގީގަތުގައިވެސް އެންމެން ހެއްވާލައިފިއެވެ. ދޮންދީނާ އެކޭ އެއްފަދައިން ދޮންރީތި ހުދު ކުކުޅު، ދެން އައްޑޫއަކުން ހުހެއް ނުވާނެއެވެ.