ބުރާސްފަތި ދުވަހުން ފެށިގެން ދުނިޔޭގެ އެންމެ ބޮޑު އެއް ބާރުކަމުގައިވާ ރަޝިއާއިން އަންނަނީ ހުއްޓުމެއް ނެތި ޔޫކްރޭނަށް ހަމަލާތައް ދެމުންނެވެ. ކަނޑާއި، އެއްގަމާއި ވައިގެ މަގުން މިސައިލް ހަމަލާތައް ދީ ތަންތަން ދަނީ ހިފަމުންނެވެ. ޔޫކްރޭންގެ ވެރިރަށާއި ހަމައަށް ރަޝިއާގެ ސިފައިންގެ ފައުޖުތައް ވަދެ ހަމަލާ ބަދަލުކުރަމުން އަންނަ އިރު، ހުޅަނގުން ރަޝިއާ އާއި ދެކޮޅަށް އެޅި ފިޔަވަޅުތައް ފިޔަވާ އިތުރު ކަމެއް ނުކުރެއެވެ.
ޔޫކްރޭންގެ ވެރިރަށަށް އިރު އަރައިގެން އައި އިރު، މިސައިލް ހަމަލާތައް ދިޔައީ އެކި ދިމަ ދިމާލަށް ދެމުންނެވެ. ރަޝިއާއިން ވަނީ ޔޫކްރޭންގެ ތެރެއަށް ކުރިއަށްވުރެ ބޮޑަށް ޖެހިލާފައެވެ. މިއާއެކު ރައީސް ޒެލެންސްކީ ވަނީ ބައިނަލްއަގުވާމީ މުޖްތަމައުއިން އިތުރު ކަންތައްތައް ކޮށްދިނުމަށް އާދޭސް ދަންނަވާފައެވެ. ޒެލެންސްކީ ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ނުފުދޭ ކަމަށެވެ.
ވެރިކަން ކުރާ ރަށުގައި ނުރައްކަލުގެ ރަނގަބީލުގެ އަޑު ނުކެނޑި އިވެމުން އަންނަ އިރު، 3 މިލިއަނެއްހާ މީހުން ދިރިއުޅެމުން އަންނަ ކީވްގައި ބުރާސްފަތި ދުވަހުގެ ރޭ ގިނަ ބަޔަކު ނިދީ ބިންގަރާސްތަކާއި މެޓްރޯ ސްޓޭޝަންތަކުގެ ތެރޭގައި އަމިއްލަ ރައްކަލަށްޓަކައެވެ. ޔޫކްރޭންގެ އޮފިޝަލުން ބުނެފައިވަނީ ބަދަލުގައި ދެމުން އަންނަ ހަމަލާތަކުގައި ރަޝިއާގެ ފުލައިޓެއް ވައްޓާލެވިފައިވާ ކަމަށާއި، އެ ވެއްޓުނީ އިމާރާތަކަށް ކަމަށެވެ.
ޔޫކްރޭންގެ އިސް އޮފިޝަލަކު ބުނެފައިވަނީ ހުކުރުދުވަހުގެ ވަގުތުތަކުގައި ރަޝިއާގެ ފައުޖުން ވެރިރަށް ކީވްގެ ސަރަހައްދުތަކަށް އަރާނެއެވެ. ބަދަލުގައި ވެރިރަށް ހިމާޔަތްކުރަމުން އަންނަ ޔޫކްރޭންގެ ސިފައިން ހަތަރު ސަރަހައްދަކުން ބަދަލު ހަމަލާ ދެމުން އަންނަ އިރު، އެމީހުންގެ އަދަދު މަދުކަމަށް ރިޕޯޓްތައް ބުނެއެވެ.
ޔޫކްރޭންގެ ބޮޑެތި ސިޓީތަކަށް ދެމުންދާ ހަމަލާއާއި ގުޅިގެން ލައްކައަކަށް ވުރެ ގިނަ މީހުން ވަނީ ސިޓީތައް ދޫކޮށް އަމާން ހިސާބަކަށް ދިއުމުގެ މަސައްކަތް ފަށާފައެވެ. މީގެ އިތުރުން އާންމުންގެ އެތައް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ރަޝިއާގެ އަސްކަރިއްޔާއިން ވަނީ ކީވްގެ އުތުރުގައި ހުންނަ ކުރީގެ ޗާނަރބިލް ނިއުކްލިއަރ ޕަވަރ ޕްލާންޓް ވެސް އެމީހުންގެ އަތްދަށަސް ގެންގޮސްފައެވެ. މި ސަރަހައްދަށް ރަޝިއާއިން އަރާފައިވަނީ ބެލަރޫސްގެ ތެރެއިންނެވެ.
އެމެރިކާއާއި ޔޫކްރޭންގެ އޮފިޝަލުން ބުނެފައިވަނީ ރަޝިއާގެ އަމާޒަކީ ކީވް ހިފުމަށްފަހު ވެރިކަން ބަދަލުކުރުން ކަމަށެވެ. ޕުޓިން ގަބޫލުކުރައްވާ ގޮތުގައި ޔޫކްރޭންގެ ސަރުކާރަކީ އެމެރިކާގެ ޕަޕެޓެކެވެ. ޒެލެންސްކީ ވިދާޅުވެފައިވަނީ ރަޝިއާގެ އަސްކަރީ ފައުޖު އަންނަކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އޭނާ ވަނީ ކީވްގައި ހުންނަވާނެ ކަމަށް ވައުދުވެވަޑައިގަންނަވާފައެވެ.
ވީޑިއޯއެއް އާންމުކުރައްވާ ދެއްވި މެސެޖްގައި ޒެލެންސްކީ ވިދާޅުވީ ރަޝިއާގެ އެއްވަނަ ޓާގެޓަކީ އޭނާ ކަމަށާއި، އާއިލާއަކީ ދެވަނަ ޓާގެޓު ކަމަށެވެ. ރަޝިއާއިން ބޭނުންވަނީ ސިޔާސީ ގޮތުން ޔޫކްރެއިން ހަލާކުކޮށްލުމަށް ކަމަށާއި، އެކަން ކުރަން ނިންމާފައިވަނީ ސަރުކާރުގެ އިސްވެރިޔާގެ ދުވަސް ދުއްވާލުމަށްފަހުގައި ކަމަށެވެ.
"އަޅުގަނޑު ހުންނާނި ޔޫކްރޭންގައި، އަދި އަޅުގަނޑުގެ އާއިލާ ވެސް ތިބޭނީ މިތަނުގައި" ވީޑިއޯ މެސެޖްގައި ޒެލެންސްކީ ވިދާޅުވިއެވެ.
ޒެލެންސްކީ ވަނީ ހުޅަނގުން މަޑުން އޮންނާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މީގެ އިތުރުން ޔޫކްރެން ނޭޓޯ އާއި ގުޅުމުގެ މަސައްކަތުގައި ހުޅަނގުގެ ލީޑަރުން ބަސް ނުބުނާތީ ވެސް ޒެލެންސްކީ ވަނީ ފާޑުވިދާޅުވެފައެވެ. ޒެލެންސްކީ ވިދާޅުވީ ޔޫރަޕްގެ 27 ގައުމަކާއި ވާހަކަދައްކާފައިވާ ކަމަށެވެ. އަދި ނޭޓޯއާއި ގުޅުމުގެ ވާހަކަ ދެއްކި ނަމަވެސް އެއްވެސް މީހަކަށް ސީދާ އެކަމަށް ޖަވާބެއް ނުދެވުނު ކަމަށެވެ.
ޒެލެންސްކީ ވަނީ ޔޫކްރޭނަށް އޮތީ ކޮން ގެރެންޓީއެއްތޯ ނޭޓޯއާއި ސުވާލު ކުރައްވާފައެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކުން ލިބުނީ ބީރު ކަންފަތެއް ކަމަށާއި، އެމީހުން ތިބީ ބިރުން ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
ރަޝިއާއިން ޔޫކްރޭން ހިފުމުގެ މަސައްކަތް ކުރަމުންދަނީ އެއްގަމާއި ވަޔާއި ކަނޑު މަގުން ހަނގުރާމަ އިއުލާންކުރުމަށްފަހުގައެވެ. މިއީ ދެވެނަ ބޮޑު ހަނގުރާމައަށްފަހު ހުޅަނގުގެ ގައުމަކަށް މިހާ ބޮޑު މިނެއްގައި ހަމަލާދޭ ފުރަތަމަ ފަހަރެވެ.
ޕުޓިން ވިދާޅުވެފައިވަނީ ހާއްސަ އަސްކަރީ އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޔޫކްރޭންގެ ސަރުކާރުން ބޮޑު ލޭ އޮހުރުވުމެއް ހުއްޓުވުމަށް ކަމަށެވެ. ނަމަވެސް ޕުޓިންގެ މި ނިންމެވުމަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް ހުޅަނގުން ވަނީ ބުނެފައެވެ. ޕުޓިން ވިދާޅުވެފައިވަނީ ޔޫކްރޭނަކީ ހަގީގީ ދައުލަތެއް ނޫން ކަމަށާއި، އެތަނުގެ ބިމާއި ތާރީހުގެ މިލްކުވެރި ފަރާތަކީ ރަޝިއާ ކަމަށެވެ. ނަމަވެސް ޔޫކްރޭނުން މިކަން ދެކެނީ 1000 އަހަރަށްވުރެ ގިނަ ދުވަސްވީ އެގައުމުގެ ތާރީހު ފޮހެލުމަށް ކުރާ މަސައްކަތެއްގެ ގޮތުގައެވެ.
ޕުޓިން ބޭނުންފުޅުވާކަމެއް ސީދާ ސާފު ނޫން ނަމަވެސް، އަސްކަރީ ބާރެއް ހިންގަން ބޭނުން ނުވާ ކަމަށާއި، ބޭނުން ވަނީ ޔޫކްރޭންގެ ވެރިކަން ބަދަލުކޮށް ވެރިން ބަދަލުކުރުމަށް ކަމަށް ބެލެވެއެވެ. ނަމަވެސް ޔޫކްރޭނަކީ ސައްހަ ދައުލަތެއް ނޫން ކަމަށް ވިދާޅުވުމަށްފަހުގައި އެގައުމަށް އައު ލީޑަރު އައްޔަންކުރާނީ ކިހިނެއް ކަމެއް އެނގިފައި ނުވެއެވެ. މިހާތަނަށް ރަޝިއާ އިން ޔޫކްރޭންގެ ވެރިކަމުގައި ބަހައްޓަން ބޭނުންވަނީ ކާކުކަމެއް ނުބުނެއެވެ. އަދި މިހާތަނަށް އެ ވާހަކަ އެއްވެސް ފަރާތަކުން ނުރަސްމީކޮށް ވެސް ދައްކާފައި ނުވެއެވެ.
އިނގިރޭސިވިލާތުން ބުނެފައިވަނީ ރަޝިއާގެ މަގުސަދަކީ މުޅި ޔޫކްރެއިން ހިފުން ކަމަށާއި، ނަމަވެސް ރަޝިއާގެ އަސްކަރިއްޔާއިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިން ފުރަތަމަ ދުވަހުން ފެށިގެން އެއްފަރާތް ވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ރަޝިއާގެ މަގްސަދަކީ މުޅި ޔޫކްރެއިން ހިފުން" އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ ބެން ވޮލެސް ވަނީ ވިދާޅުވެފައެވެ. "ރަޝިއާއިން ދައުވާކުރަމުން އަންނަ ކަންތަކާއި ހިލާފަށް އަދި ރައީސް ޕުޓިންގެ އަމާޒާ ވެސް ދެކޮޅަށް ކަންތައް ކުރަމުންދާތަން މި ފެންނަނީ. ޕުޓިންއަށް އެކަން ހާސިލުވަނީ މުޅިން ނުބައިކޮށް. ރަޝިއާގެ އަސްކަރިއްޔާ އެއޮތީ އެމީހުންގެ މައިގަނޑު އަމާޒު ހާސިލްކުރުމުގައި ފުރަތަމަ ދުވަހުން ފެށިގެން ފެއިލްވެފައި" ކަމަށް ބެން ވިދާޅުވިއެވެ.
ހުކުރު ދުވަހު އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ޔޫކްރޭންގެ ރައްޔިތުން އެތައް މިތަނަށް ދުވާތަން ފެނެއެވެ. އެވަގުތު ކަޅު ކަނޑުގައި ތިބި ޔޫކްރޭންގެ ސިފައިންނަށް ރަޝިއާ ސިފައިން ދިޔައީ އާމާން ދިނުމަށް ގޮވަމުންނެވެ. ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ ރަޝިއާއިން ދިން ހަމަލާއެއްގައި ޔޫކްރޭންގެ 13 ސިފައިން މަރުވެފައިވާ ކަމަށާއި، އެމީހުންނަށް ދިރިތިބީންގެ ލަގަބު އަރުވާނެ ކަމަށެވެ.
ހުކުރު ދުވަހުގެ ކުރީކޮޅުގައި ޔޫކްރޭންގެ ބާރުތަކުން ވަނީ ރަޝިއާގެ އުޅަނދެއް ކީވްގެ ތެރެއަށް ވައްޓާލާފައެވެ. އަދި އެ ބޯޓު ވެއްޓުނީ މީހުން ދިރިއުޅެމުން ދިޔަ އިމާރާތަކަށެވެ. އަދި ބޯޓު ވެއްޓުމާއި ގުޅިގެން އެ އިމާރާތުގައި ރޯވެފައިވެއެވެ.
ނަމަވެސް އެ ބޯޓުގައި މީހުން ތިބި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ. އަދި އެއީ ސީދާ ބޯޓެއް ކަމެއް ނުވަތަ މިސައިލެއް ކަމެއް ޔަގީން ނުވެއެވެ. މީހުން ދިރިއުޅެމުންދިޔަ އިމާރާތަށް އުޅަނދު ވެއްޓުމާއި ގުޅިގެން 8 މީހަކު ޒަހަމްވި ކަމަށް ކީވްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
"މިއީ ބިރުވެރިކަމެއް. ރަޝިއާގެ ރޮކެޓެއް ކީވްއަށް ވަނީ އަމާޒުވެފައި" ޔޫކްރޭންގެ ފޮރިން މިނިސްޓަރ ޑިމިޓްރޯ ކުލެބާ ޓްވީޓްގައި ވިދާޅުވިއެވެ. " އެންމެ ފަހުން އަޅުގަނޑުމެންގެ ވެރިރަށުން މިފަދަ ކަމެއް ދެކެފައިވަނި 1941 ގައި ޖަރުމަނުގެ ނާޒީން ހަމަލާ ދިން އިރު" ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވެއެވެ.
ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވަނީ އުތުރު އިރުމަތީ ފަރާތުގައި އޮންނަ ސުމީ ސިޓީގައި ވަރުގަދަ ހަމަލާ ބަދަލުކުރުންތައް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ދެކުނު އިރުމަތީގައި ބޯޑަރު ޕޯސްޓަކަށް މިސައިލް ހަމަލާ އަމާޒުވެފައިވާ އިރު، އެކަމުގެ ސަބަބުން ބޮޑީގާޑުންނަށް އެކިވަރުގެ އަނިޔާވެ ބައެއް މީހުން މަރުވެފައިވާ ކަމަށެވެ. މިއާއެކު ޔޫކްރޭންގެ ހުޅަނގުގައި އޮންނަ ލިވިވް ސިޓީގައި ވަނީ ނުރައްކަލުގެ ރަނގަބީލު ޖަހަން ފަށާފައެވެ.
ޒެލެންސްކީގެ ރައްކާތެރިކަމާއި ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާތޯ ކުރެއްވި ސުވާލުގެ ޖަވާބުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވިދާޅުވީ އެނގިވަޑައިގަންނަވާ ގޮތުގައި ރައީސް ޒްލެންސްކީ މިވަގުތު ހުންނެވީ ޔޫކްރޭންގެ ކަމަށާއި، ޔޫކްރޭންގައި ތިބި އެންމެންގެ ރައްކާތެރިކަމާއި މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. މީގެ ތެރޭގައި ސަރުކާރުގެ އިސްވެރިންނާއި އެހެން ފަރާތްތައްވެސް ހިމެނޭ ކަމަށް ބްލިންކަން ވިދާޅުވިއެވެ.
ސޮވެޓް ޔޫނިއަން ރޫޅިގެން ދިއުމާއެކު، ޔޫކްރޭނުން ވަނީ މިނިވަންވުމަށް ވޯޓެއް ނެގުމަށްފަހު 44 މިލިއަން މީހުންނާއެކު މިނިވަން ގައުމެއްގެ ގޮތުގައި އޮތުމަށް ނިންމާފައެވެ. އަދި މި ފަހުން ނޭޓޯ އާއި ގުޅުމުގެ މަސައްކަތް ޔޫކްރޭނުން ފެށިއެވެ. ނޭޓޯގެ އިތުރުން ޔޫރަޕިއަން ޔޫނިއަން އާއި ވެސް ގުޅުމަށް ޔޫކްރޭނުން މަސައްކަތް ކުރެއެވެ. މިއާއެކު ރަޝިއާ މި މައްސަލައިގައި ރުޅިގަދަވިއެވެ.
ހުޅަނގުގެ ގައުމުތަކުން ވަނީ މާލީ ގޮތުން ރަޝިއާއި ދެކޮޅަށް މިހާތަނަށް އަޅާ ފިޔަވަޅުތައް އަޅާފައެވެ. މީގެ ތެރެގައި ބޭންކްތައް ބްލެކް ލިސްޓް ކުރުމާއި، ޓެކްނޮލަޖީގެ ބާވަތްތައް އިމްޕޯޓް ކުރުން ހިމެނެއެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ބޭންކްތަކާއި މުއާމަލާތް ކުރެވޭނެ ގޮތް ހުއްޓުވާފައިވާ އިރު، ޔޫކްރޭނުން ވަނީ އެއަށްވުރެ ވަރުގަދަ ސީރިއަސް ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.
އދ ގެ ސެކިއުރިޓީ ކައުންސިލުން ހުކުރު ދުވަހު ރިސޮލިއުޝަނަކަށް ވޯޓް ނަގާނެއެވެ. މިއާއެކު ރަޝިއާގެ އަމަލުތައް ކުށްވެރިކޮށް ރަޝިއާއިން ވަގުތުން ވަގުތަށް އެކަން ހުއްޓާލުމަށް ގޮވާލާނެއެވެ. ރަޝިއާ އިން މިކަމާއި ދެކޮޅަށް ވޯޓުދޭނެކަން ކަށަވަރުވައިރު، މީގެ 3 ހަފްތާ ކުރިން ރަޝިއާ އާއެކު ރަހުމަތްތެރިކަމުގެ ޓްރީޓީއެއްގައި ސޮއިކުރި ޗައިނާއިން ވަނީ ރަޝީއާގެ އަމަލުތަކަކީ ޔޫކްރޭން ހިފަން ކުރާ މަސައްކަތެއް ނޫން ކަމަށް ދޭހަވާގޮތަށް ވާހަކަދައްކާފައެވެ.
ރަޝިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ހަކަތައިގެ އުފެއްދުންތައް އުފައްދާ ބޭރުކުރާ ގައުމެވެ. އަދި ރަޝިއާ އާއި ޔޫކްރޭނަކީ އެންމެ ގިނައިން ގޮވާމުގެ ބާވަތްތައް ވެސް އެކްސްޕޯޓް ކުރާ ދެ ގައުމެވެ. ހަނގުރާމަ އަދި މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް މިކަމުގެ ނުރަނގަޅު އަސަރުކޮށް އިގްތިސާދަށް ލޮޅުން އަންނާނެކަމަށް ވަނީ ބެލިވިފައެވެ.
ހަނގުރާމަ ފެށުމާއެކު ތެލާއި، ގޮވާމުގެ ބާވަތްތަކުގެ އަގުވަނީ އުފުލިފައެވެ.