ވިޔަފާރި ފެށުމާއި ވިޔަފާރި ކުރިއެރުވުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހއ އަތޮޅަށް އަމާޒުކޮށްގެން "ސްޓާރޓްއަޕް ވޯރކްޝޮޕް"ގެ ނަމުގައި ވޯރކްޝޮޕެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިއީ ލޭންޑްސީ މޯލްޑިވްސްއާއި ދިއްދޫ ކުރިމަގު ޖަމިއްޔާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޯރކްޝޮޕެކެވެ. ފެބުރުއަރީ މަހުގެ 16ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ވޯރކްޝޮޕަކީ އޮންލައިންކޮން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޯރކްޝޮޕެކެވެ. މިއީ އަތޮޅުން ޒުވާން ވިޔަފާރިވެރިންނާއި އަންހެން ވިޔަފާރިވެރިން އުފެއްދުމާއި ރަށުން ވިޔަފާރި ކުރިއަރުވަން އެހީވެވޭނެ ގޮތްތައް ހޯދުމުގެ މަގުސަދުގައި ކުރިއަށް ގެންދެވޭ ވޯރކްޝޮޕެކެވެ.
މި ވޯރކްޝޮޕްގައި ތަފާތު ބައިތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އޭގެތެރޭގައި ވިޔަފާރި ފެށުމާއި ވިޔަފާރި ކުރިއެރުވުމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމާއި, އަމަލީގޮތުން މަސައްކަތް ކުރުވުން ހިމެނެއެވެ. އަދި ރަށުތެރޭގެ އެކި ފަރާތްތަކާ ވާހަކަދައްކައި މައުލޫމާތު ހޯދުމާއި, ރަށުގެ އިގުތިސާދު ވަޒަންކުރުން ހިމެނެއެވެ. މީގެއިތުރުން މި ވޯރކްޝޮޕްގައި ޚިދުމަތް ނުވަތަ އުފެއްދުންތެރިކަމުގެ މަރުހަލާތައް ގުޅިފައިވާ ގޮތާއި, އާމްދާނީ ހޯދާނެ ގޮތްތަކާއި, ބޭނުންވާ ހުނަރުވެރިކަމާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ހަމަޖެހިފައިވެއެވެ. އަދި އޮންލައިންކޮށާއި ސޯޝަލްމީޑިޔާ ބޭނުންކޮށްގެން މާރކެޓް ކުރުމާއި ޚިދްމަތް ހޯދާ ފަރާތްތަކަށް އެހީތެރިވުމުގެ އިތުރުން, ވިޔަފާރި ޕްލޭން ތައްޔާރުކުރުމާ ގުޅޭގޮތުންވެސް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.
ސްޓާރޓްއަޕް ވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. އެގޮތުން ބައިވެރިވުމަށް ޝައުގުވެރިވާ 18 އަހަރާއި 35 ދެމެދުގެ ފަރާތަތްތަކުން ސްޓާރޓްއަޕް ވޯރކްޝޮޕްގައި ބައިވެރިވުމަށް އެދި ފޯމެއް ފުރަންޖެހެއެވެ. ސްޓާރޓްއަޕް ވޯރކްޝޮޕްގައި ބައިވެރިވުމުގެފުރުސަތު ހުޅުވާލާފައިވަނީ 15 ފެބްރުއަރީ 2022 ވަނަ ދުވަހުގެ ރޭ 22:00އާ ހަމަޔަށެވެ.