މެކްސިކޯގައި މިއަހަރުގެ މިހާތަނަށް ހިނގާމިދިޔަ ހަ ހަފްތާގެ ތެރޭގައި މަރާލި ނޫސްވެރިންގެ އަދަދު 5ށް އަރައިފިއެވެ.
އެންމެ ފަހުން މަރާލާފައިވަނީ މެކްސިކޯގައި ހިންގާ އޮންލައިން ސައިޓެއް ކަމުގައިވާ ނޮޓްޝިއަސް ވެބްސައިޓްގެ ޑިރެކްޓަރ ހީބާ ލޮޕޭޒް އެވެ. ބުރާސްފަތި ދުވަހު ލޮޕޭޒް އަށް ހަމަލާދީފައިވަނީ އެނާގެ އޮފީހުގައި މަސައްކަތްކުރަން އިންދައެވެ. ލޮޕޭޒް މަސައްކަތްކުރަމުން ދިޔައީ ދެކުނުގެ ސްޓޭޓެއް ކަމުގައިވާ ވޮހާކާގައެވެ.
މެކްސިކޯގައި ނޫސްވެރިންގެ ހިމާޔަތުގައި މަސައްކަތްކުރަމުން އަންނަ ކޮމިޓީގެ ރެޕްރެޒެންޓޭޓިވް ޖޭން އަލްބަރޓް ހުޓްސެން ވިދާޅުވީ ލޮޕޭޒްގެ މަރާއެކު މިއީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި މެކްސިކޯގެ ނޫސްވެރިންނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަހަރަށްވެފައިވާކަމަށެވެ.
މިއަހަރުގެ މިހާތަނަށް 5 ނޫސްވެރިން މަރާލާފައިވާއިރު ދެ ނޫސްވެރިއަކު ވަނީ ހަމަލާއިން ސަލާމަތްވެފައެވެ. މީގެއިތުރުން އެތައް ނޫސްވެރިއަކަށް އަންނަނީ މަރާލާނެކަމުގެ އިންޒާރު ދެމުންކަމަށް ޖޭން ވިދާޅުވިއެވެ.
ލޮޕޭޒްގެ މަރާގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ވޮހާކާގެ އެޓަރނީ ޖެނެރަލް އޮފީހުން ވަނީ ބުނެފައެވެ. އަދި މިހަމަލާގެ ތަހުގީގު ކުރިޔަށްދާކަމަށް އޭޖީ އޮފީހުން ބުނެއެވެ.
މަންޒަރުދުށް މީހުންނާއި ހަވާލާދީ މީޑިޔާ ތަކުން ރިޕޯޓްކޮށްފައިވަނީ ވެހިކަލެއްގައި އައި ދެމީހެއްގެ ތެރެއިން އެކަކު ލޮޕޭޒް އިން އޮފީސްތެރެއަށް ވަދެ އޭނާގެ ގަޔަށް ބަޑިޖެހީއެވެ.
ލޮޕޭޒްގެ ރަށްޓެއްސަކު ބުނެފައިވަނީ އޭނާއަށް މަރުގެ އިންޒާރުދެމުންދާ ކަމަށް ބުނެފައިނުވާކަމަށެވެ.
މެކްސިކޯއަކީ ދުނިޔޭގައި ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މެކްސިކޯގައި 2000ން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް 145 ނޫސްވެރިން ވަނީ މަރާލާފައެވެ.
2021 ވަނަ އަހަރު މުޅި ޖުމްލަ މެކްސިކޯގައި މަރާލާފައިވަނީ 7 ނޫސްވެރިންނެވެ. އެހެންކަމުން މިއަހަރުގެ މިހާތަނަށް 5 ނޫސްވެރިން މަރާލާފައިވުމާއެކު މިއަހަރަކީ މެކްސިކޯގައި ނޫސްވެރިންނަށް ވަރަށް ބޮޑަށް ނުރައްކާތެރި އަހަރަކަށްވާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.
މިއަހަރު ތެރޭގައި މަރާލި 5 ނޫސްވެރިންގެ ތެރެއިން 3 ނޫސްވެރިންނަކީ ނޫސްވެރިން ހިމާޔަތްކުރާ ފެޑެރަލް ޕްރޮގްރާމް އަދި ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކަށް ގުޅުން ހުރި ނޫސްވެރިންނެވެ.
މެކްސިކޯގައި ނޫސްވެރިންނަށް ކުރިމަތިވަމުންދާ އިންތިހާ ދަރަޖައިގެ ނުރައްކާތެރިކަމުގެ ސަބަބަުން އެމެރިކާގެ ސެނެޓަރުން ވަނީ މެކްސިކޯގެ ރައީސަށް ފާޑުކިޔުން އަމާޒުކުރާ މީޑިޔާ ތަކާއި ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް ގޮވާލާފައެވެ.