ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ. ހޯރަފުށްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި ވީނަމަވެސް ކުރި މަސައްކަތުން މިހާރު އުޅެވޭވަރަށް ފެން ހިއްކާފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ހޯރަފުށީ ކައުންސިލްގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ބުދަދުވަހުގެ ހެނދުނުން ފެށިގެން ބުރާސްފަތި ދުވަހުގެ ދަންވަރު 3 ޖެހުމާހަމައަށް ބޯކޮށް ވާރޭވެހި މުޅިރަށުގައި ފެންބޮޑު ވެފައިވާ ކަމަށެވެ.
ބައެއް ގޭގެއަށް ފެން ވަދެފައިވާ ކަމަށާއި އެހެން ނަމަވެސް މާ ބޮޑު ގެއްލުމެއް ނުލިބުނީ ފުލުހުންނާއި ކައުންސިލް އަދި ރައްޔިތުން ގުޅިގެންރަށުގައި ޕަމްޕު ޖަހައި ފެން ހިންދުމުން ކަމަށް ކައުންސިލުން ބުންޏެވެ. އަދި އެމްޓީސީސީއާ ގުޅިގެން ގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖަހަމުން ގެންދިޔަ ކަމަށާއި މާ ބޮޑު ގެއްލުމެއް ނުލިބުނީ އެހެންވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ބޯކޮށް ވިއްސާރަ ވުމުގެ ސަބަބުން ހޯރަފުށީގެ މަގުތަކާއި މުޅި ރަށުގައި ފެން ބޮޑުވިއެވެ.
އެހެން ނަމަވެސް މުހައްމަދު ވަހީދު ވިދާޅުވީ ހޯރަފުށީ ޕޮލިސްޓޭޝަންގެ އެއްބާރުލުމާއެކު މިހާރުވަނީ ރަށުގައި ހިނގާބިގާވެ އުޅެވޭވަރަށް ފެން ހިންދާލާފައިކަމަށެވެ.