މައުމޫން ފައުންޑޭޝަނުން ހުޅުވާލި ސްކޮލަރޝިޕްތަކަށް އެދި އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ މުއްދަތު ޖޫން 22 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް އިތުރުކޮށްފިއެވެ.
މި ސްކޯލަރޝިޕްތަކަކީ އިންޑިޔާގެ، ބެންގަލޫރުގެ ގާޑްން ސިޓީ ޔުނިވަރސިޓީގައި މާސްޓާރސް، ބެޗަލަރސް ޑިގްރީ އަދި ޑިޕްލޮމާ ހާޞިލްކުރުމުގެ ފުރުޞަތުތަކެކެވެ.
މައުމޫން ފައުންޑޭޝަނުން 80 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ މެއިމަހުގެ ތެރޭގައެވެ.
މި ސްކޮލަޝިޕްގެ ދަށުން ބެޗަލަރސް ޑިގްރީ އަށް އެދޭ ފަރާތްތަކުގެ ޝަރުތުރުތަކުގެ ތެރޭގައި ހަތަރު އޯ-ލެވެލް ފާހާއި ތިން އޭ-ލެވެލް ފާސް، ނުވަތަ ފަސް އޯ-ލެވެލް ފާހާއި ހަތް އޭ-ލެވެލް ފާސް އޮތުން ހިމެނެއެވެ. އަދި މާސްޓަރޒް ޑިގްރީއަށް އެދޭފަރާތްތަކުން ބެޗަލަރސް ޑިގްރީއެއް އޮންނަން ޖެހޭ ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.
އިތުރު ޝަރުތުތަކުގެ ތެރޭގައި ސީ.އޭ.އީ/ސީ.ޕީ.އީ އިން [ސީ ] ފާސް ނުވަތަ އެއަށްވުރެން މަތި،TOEFL އިން 551 އިން ފެށިގެން މަތި، IELTS އިން 1.6 އިން ފެށިގެން މަތި، ނުވަތަ ޖީ.ސީ.އީ. އޯ -ލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.އީ އިންގްލިޝް ނުވަތަ އެއާ އެއްފެންވަރުގެ މާއްދާއަކުން [ސީ ] ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން ހިމެނެއެވެ.
މީގެ އިތުރުން 30 އަހަރުން ދަށުގެ ޒުވާނަކަށްވުމާއި މައުމޫން ފައުންޑޭޝަންގެ މެންބަރެއް ނުވަތަ މެންބަރަކާ ސީދާ ޢާއިލީގޮތުން ގުޅިފައިވާ ފަރާތަކަށް ނުވުމަކީ ވެސް ޝަރުތެކެވެ.
މި ކޯސްތަކުން ހޮވޭ ފަރާތްތަކުގެ ކިޔެވުން ފެށޭނީ މިއަހަރުގެ ޖުލައިމަހުގެ 25 ވަނަ ދުވަހުގައެވެ.
މައުމޫން ފައުންޑޭޝަނުން ހުޅުވާލާ ސްކޮލަރޝިޕްއަކީ ޕާޓް ފަންޑެޑް ސްކޯލަރޝިޕްތަކެކެވެ. އެހެންކަމުން ބައެއް ޚަރަދުތައް އަމިއްލަ އަށް އުފުލަންޖެހެއެވެ. އެގޮތުން އަހަރީ ފީގެ ގޮތުގައި 500 ޑޮލަރާއި އިމްތިހާނުތަކަށް ދައްކާ ފީ އާއި ބެންގަލޫ ޔުނިވަރސިޓީ ރަޖިސްޓްރޭޝަން ފީ އަށވާ 270 ޑޮލަރު ދައކަންޖެހެނީ އަމިއްލައަށެވެ. އެހެން ހުރިހާ ޚަރަދެއް ބެލެހެއްޓުމަށް ހަމަޖެހިފައިވަނި މައުމޫން ފައުންޑޭޝަނުންނެވެ.