ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނުގެ ޕާސްޕޯޓް ސަރުކާރުން ހިފަހައްޓާފައިވަނީ ތަހުގީގަށް އެއްބާރުލުން ނުދީ ފިލައިފާނެތީ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ހޯމް މިނިސްޓްރީން އަންގާރަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ފާރިސް އާއި ގުޅޭ ގޮތުން ފުލުހުންނަށް ހުށައެޅިފައިވާ މައްސަލައަށް އެއްބާރުލުންދެމުން ނުދާކަމަށާއި، ފާރިސްގެ މައްސަލައާއި ގުޅުންހުރިކަމުގެ ތުހުމަތުގައި ހޯދަން އިއުލާނުކޮށްފައިވާ ރައީސް މައުމޫނުގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ އަހުމަދު ސޮފްވާންވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކުރެވިފައި ނުވަނީ އޭނާ ފިލައިގެން އުޅުމުގައި ރައީސް މައުމޫނުގެ އާއިލާއިން އެހީތެރިވާތީކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.
ހޯމް މިނިސްޓްރީން ބުނީ ކަންކަން މިހެން ހުރުމާއެކު ފާރިސްއަށް ބޭރަށް ވަޑައިގަތުމަށްހުއްދަ ދީފިނަމަ އެނބުރި ވަޑައިނުގަތުމަކީ އެކަށީގެންވާކަމެއްކަމަށް ބެލެވޭކަމަށެވެ. އާލާސްކަންފުޅާ އުޅުއްވާ އެމަނިކުފާނުގެ އާއިލީ ބޭފުޅާއަށް ޒިޔާރަތްކުރުމަށްޓަކައި ފާރިސްގެ އެއްބަނޑު އެއްބަފާ ދެބޭފުޅުން ކަމުގައިވާ ޔުމްނާ މައުމޫނާއި ޣައްސާން މައުމޫނަށް ބޭރަށް ވަޑައިގަތުމުގެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފައިވާނޭކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ. އެ ދެ ބޭފުޅުންނަކީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.
މިފަދަ ކަންކަމުގައި ކަނޑައެޅިފައި ހުންނަ އުސޫލްތަކާ އެއްގޮތަށް އެހެނިހެން ދިވެހި ރައްޔިތުންނާއިމެދުވެސް އަމަލުކުރާ އުސޫލަކީ މިއީކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.