Advertisement
ކ. މާލެ
|
30 މެއި 2017 | އަންގާރަ 16:37
ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ، އަދީބާއެކު ސެލްފީއެއް ނަންގަވަނީ
ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ، އަދީބާއެކު ސެލްފީއެއް ނަންގަވަނީ
ވީނިއުސް
އަދީބުގެ ސިއްހީ ހާލަތު
އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!
ސަރުކާރު ވައްޓާލާފާނެތީ އަދީބު ދެކެ ސަރުކާރުން ބިރުގަނޭ
އިންސާނަކަށް ލިބިގެންވާ ހައްގު ވެސް އަދީބަށް ނުދޭ
ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަކަށް އެދިފައި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ސީރިއަސް ސިއްޚީ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، ބޭސްފަރުވާ ކުރުމުގެ ފުރުސަތު ނުދޭތީ، ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާނަކަށް ލިބިގެންވާ ހައްގުވެސް މި ސަރުކާރުން އަދީބަށް ނުދޭނެ ކަމަށާއި، އެއީ މި ސަރުކާރަށް މެޖޯރިޓީ ހޯދައި ދެއްވީ އަދީބު ކަމަށް ވާތީ އެކަމާ ބިރުން ކަމަށެވެ.

މުސްތަފާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެކެ ވެސް ބިރު ނުގަންނަ ކަމަށެވެ. ނަމަވެސް، ސަރުކާރު ވައްޓާލާފާނެތީ އަދީބު ދެކެ ސަރުކާރުން ބިރު ގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވެފައިވާ ގޮތުގައި ހުރިހާ ބިރަކީ ވެސް މެންބަރުންނާއި އަދީބާ ދޭތެރޭ އުފެދިފައިވާ ގުޅުން ކަމަށެވެ. 

 

އަދީބުގެ ޢާއިލާއިން މިމަހުގެ 22 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އެމަނިކުފާނު ޖަލުގައި ހައްޔަރު ކުރެވުނު ފަހުން ވޭތުވެދިޔަ މުއްދަތުގައި ބޮޑެތި ސިއްޙީ މައްސަލަތަކަކާ ކުރިމަތިލައްވަން އަދީބަށް ޖެހިވަޑައިގެންފައިވާ ކަމަށެވެ.

އާއިލާއިން ބުނެފައިވާ ގޮތުގައި އަދީބަށް ދިމާވެފައިވާ ސިއްޙީ މައްސަލަތަކުގެ ތެރޭގައި އެތެރެހަށީގައި ސިސްޓެއް އުފެދިފައި ވުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމުގައިވާ "ގްލޮކޮމާ" އެމަނިކުފާނަށް ޖެހިފައިވާ ކަމަށް މާލެއިން ހެދި ޓެސްޓްތަކުން ކަށަވަރުވެފައިވާ ކަމަށެވެ.

ބޭސްފަރުވާ ކުރުމަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް އެދި އާއިލާއިން ވަނީ ފުލުހުންނަށާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ސިޓީ ފޮނުވާފަ އެވެ. ނަމަވެސް، ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަދީބަށް ދޭނެ ފަރާތެއް މިހާރު ވަނީ އޮޅުމެއްގެ ތެރޭގަ އެވެ. 

އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާއިރު، އެ ހުކުމްތައް ތަންފީޒް ކުރައްވަމުން ގެންދެވީ މާފުށީ ޖަލުގަ އެވެ. ނަމަވެސް، މިއަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހު ފުލުހުން ބެލުމުގެ ދަށަށް އަދީބު ބަދަލުކޮށް، ދޫނިދޫގައި ވަނީ ބަންދުކޮށްފަ އެވެ. 

ކަރެކްޝަނުން ބުނަމުންދަނީ އަދީބަށް އެފަދަ ހުއްދައެއް ދިނުމުގެ އިހުތިސާސެއް އެ މުއައްސަސާއަށް ނެތް ކަމަށާއި ހުއްދަ ދޭނީ ފުލުހުން ކަމަށެވެ. ނަމަވެސް، ފުލުހުން ބުނަމުންދަނީ އަދީބަކީ ހުކުމް ތަންފީޒް ކުރަމުންދާ ބޭފުޅަކަށް ވާތީ އެ ހުއްދަ ދޭނީ ކަރެކްޝަނުން ކަމަށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް