މިދިޔަ އަހަރުގެ އޯގަސްޓް މަހު ފުވައްމުލަކުގެ ފަރަށް އެރި ކާގޯ ބޯޓު، "އެންޖީއޯ ސަން" ޖޫރިމަނާ ކުރުމަށްޓަކައި އެޓާނީ ޖެނަރަލް (އޭޖީ) ގެ ލަފަޔަކަށް އެދިފައިވާ ކަމަށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
މި ބޯޓު ފަރަށް އަރާފައި ވަނީ އިންޑިއާގެ ޓުޓިކޮރިން އިން މުދާ ބަރުކޮށްގެން ރާއްޖެއަށް ދަތުރުކޮށް މާލެ ބަނދަރަށް ވަދެ ކްލިއަރެންސް ހޯދުމަށް ފަހު ފުވައްމުލަކަށް ހިލަ އާއި ހިލަވެލި ހިފައިގެން ދަތުރުކުރަނިކޮށެވެ. މި ހިލަ ވެއްޔަކީ ފުވައްމުލަކުގެ ރަށުގެ ނަރުދަމާގެ މަޝްރޫއަށް ގެންދިޔަ ހިލަ ވެލިތަކެކެވެ.
މި ބޯޓް ޖޫރިމަނާ ކުރުމުގެ ކަންތައްތަކާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި އީޕީއޭގެ ޑިރެކްޓަރު ޖެނަރަލްއިބްރާހީމް ނައީމް ވިދާޅުވީ ބޯޓްތައް ފަރަށް އަރައިގެން ޖޫރިމަނާ ކުރަން އޮންނަ އސޫލްގެ މުއްދަތު މިހާރު ހަމަވެފައިވާތީ ފަރަށް އަރައިގެން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
އެގޮތުން ނައީމް ވިދާޅުވީ ބޯޓްފަހަރުތައް ފަރަށް އަރައިގެން ޖޫރިމަނާ ކުރަން އޮންނަ އުސޫލް މުއްދަތު ހަމަވެފައި ވާތީ ދެން އަމަލު ކުރާނެ ގޮތެއް ހޯދުމަށް ބަންޑާރަނައިބުގެ ލަފަޔަކަށް އެދިފައިވާ ކަމަށެވެ.
އެހެން ކަމުން ފުވައްމަލަކު ފަރަށް އެރި ބޯޓުން ހޯދަން ޖެހޭ ގެއްލުމުގެ ބަދަލާއި ޖޫރިމަނާ ފައިސާ ހޯދުމުގައި އަމަލު ކުރާނެ ގޮތެއް ނިންމާނީ ބަންޑާރަނައިބުގެ ލަފަޔަށް ފަހު ކަމަށް ނައީމް ވިދާޅުވިއެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނަރަލް ނައިމް ވިދާޅުވީ މިހާރު ސާފްވެފައި ވަނީ ބޯޯޓް ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުން އެކަނި ކަމަށެވެ. އެއީ 633.7 މިލިޔަން ރުފިޔާ ކަމަށް ނައިމް ވިދާޅުވިއެވެ. އަދި އެ ސަރަހައްދު ސާފް ކުރުމާއި ބޯޓް ފަަރށް އެރުމުގެ ސަބަބުން ދައުލަތުން ކުރަން ޖެހުނު އެހެން ހަރަދުތަކުގެ ބަދަލު ވެސް އެ ބޯޓުން ދޭން ޖެހޭނެ ކަމަށް ނައީމް ވިދާޅުވިއެވެ.
މީގެ އިތުރުން ނައީމް ވިދާޅުވީ ބޯޓް ފަަރަށް އެރުމުން ފަރަށް ލިބުނު ގެއްލުމާއި އަދި އެހެނިހެން ގޮތްގޮތުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދެއްކުމަށް އެ ކުންފުންޏަށް އެންގޭނީ އޭޖީ އޮފީހުން ގާނޫނީ ލަފާ ދިނުމުން ކަމަށާއި އެ މައްސަލަ މިހާރު އޮތީ އެޖީ އޮފީހުގައި ކަމަށެވެ.