މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުވި ފަރާތްތައް މިއަންނަ ޖޫންމަހުގެ 3 ވަނަދުވަހު ހުވާކުރާނެ ތަން ހަމަޖެހިފައިވާ ކަމަށް އެކައުންސިލްތަކުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޝަމާއު ޝަރީފް ވިދާޅުވީ ހުވާކުރުމަށް މިހާރު ޣިޔާސުއްދީން ސްކޫލް ހަމަޖައްސައިދީފައިވާ ކަމަށެވެ. ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން މާލޭ ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ނިންމީ ދަރުބާރު ގޭގަ އެވެ. އެހެން ނަމަވެސް ހައުސިން މިނިސްޓްރީން ވަނީ ދަރުވބާރުގެ ކައުންސިލަރުން ހުވާކުރުމަށް ނުދޭން ނިންމާފައެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ސޯދިޤް (ސޯބެ) ވިދާޅުވީ އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލް ކައުންސިލަރުން ހުވާކުރުމަށް ހަމަޖައްސައިދީފައިވާ ކަމަށެވެ.
ސޯބެ ވިދާޅުވީ ކައުންސިލަރުންނަށް ހުވާކުރުމަށް ޝަރަފުއްދީން ސްކޫލް ދޭން ނިންމާފައިވަނީ އެ ވާހަކަތައް ނޫސްތަކަށް އެރުމުން ކަމަށް ބެލެވޭ ކަމަށެވެ.
މީގެ އިތުރުން ފުވައްމުލަކު ސިޓީގެ ކައުންސިލަރ ފަލާހު ވިދާޅުވީ ހުވާކުރުމަށް ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒު މިހާރު ހަމަޖައްސައިދީފައި ވާކަމަށެވެ.
މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ.
އައްޑޫ ސިޓީގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކޮށްފައިވާއިރު ފުވައްމުލަކު ސިޓީގައި ތިއްބަވާ 3 ކައުންސިލަރުންގެ ތެރެއިން 2 ކައުންސިލަރުންނަކީ އެމްޑީޕީންއިންތިޚާބުވިކައުންސިލަރުންނެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި އިންތިޚާބުވި ފަރާތްތައް ޖޫންމަހުގެ 3 ވަނަ ދުވަހުގައި ހުވާކުރަން ޖެހޭނެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެއެވެ.