ކ. މާލެ
|
29 މެއި 2017 | ހޯމަ 17:30
ޒައިދުލް އަމީން ކޯޓަށް ހާޒިރުކޮށްފައި
ޒައިދުލް އަމީން ކޯޓަށް ހާޒިރުކޮށްފައި
ޓްވިޓަރ
ޒައިދުލް އަމީން
ޒައިދުލް އަމީން އަނެއްކާ ވެސް ގޭބަންދަށް ބަދަލުކޮށްފި
މީގެ ކުރިން ވެސް ދުވަސްކޮޅެއް ވަންދެން ގެއަށް ބަދަލުކުރި
ގެއަށް ބަދަލުކުރީ ހޯމަ ދުވަހު ބޭއްވި އަޑުއެހުމަށް ފަހު
ޒައިދުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވޭ

ފަނޑިޔާރަކު ބްލެކްމެއިލް ކުރިމަކުގެ ތުހުމަތުގައި ހައްޔަރުކޮށް، ތިން ދައުވާއެއް އުފުލާފައިވާ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ގޭބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ޒައިދުގެ މައްޗަށް ތިން ދައުވާއެއް ކޮށް ޝަރީއަތް ހިންގަމުންދަނީ ފަނޑިޔާރު އަލީ ހަމީދު ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ރެކޯޑްކޮށް، އެ ތަކެތި ވިއްކަން މަސައްކަތް ކުރި ކަމަށް ބުނެ އެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ގާނޫނީ ބާރު ހިންގުމަށް ދަތިކުރުމުގެ ދައުވާއާއި، ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާގެ އިތުރުން، ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރަން އުޅުމުގެ ދައުވާ އެވެ.

އެ ތިން ދައުވާއަށް ވެސް ޒައިދު އިންކާރު ކުރައްވާފައިވާއިރު، އާންމުންނާއި ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް ކުރިއަށް ގެންދާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި، އެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކުރި އެވެ.

ޒައިދު ގޭބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ އޭނާގެ މައްޗަށް ހިންގާ ޝަރީއަތުގައި ދިފާއީ ހެކިންގެ ހެކި ބަސް ނެގުމަށް ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގަ އެވެ. 

މި މައްސަލައާ ގުޅިގެން ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ޒައިދު ހައްޔަރުކުރިއިރު، މީގެ ކުރިން ވެސް ދުވަސްކޮޅެއް ވަންދެން އޭނާ ގޭގައި ބަންދުކޮށްފައި ބެހެއްޓި އެވެ.

ޒައިދުގެ މައްޗަށް ގާނޫނީ ބާރު ހިންގުމަށް ދަތިކުރުމުގެ ދައުވާ ކޮށްފައިވަނީ ފަނޑިޔާރަކު ދެއްކެވި ވާހަކަތަކެއް ރެކޮޑްކޮށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ އެވެ. ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ ކޮށްފައިވަނީ ފަނޑިޔާރަކު ދިރިއުޅުއްވާ އެޕާޓްމެންޓަށް ގޮސް، ފަނޑިޔާރު ދެއްކެވި ވާހަކަތަކެއް ސިއްރުން ރެކޯޑް ކުރި ކަމަށް ބުނެ އެވެ. ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރަން އުޅުމުގެ ދައުވާ ކޮށްފައިވަނީ ފަނޑިޔާރު ދެއްކެވި ވާހަކަތަކުގެ ރެކޯޑިންގ ވިއްކަން އުޅުނު ކަމަށް ބުނެ އެވެ.

ދެ ބައިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވާ ޒައިދު ވިދާޅުވެފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްގެން ފުލުހުން މަސައްކަތް ކޮށްފައި ވަނީ ސަރުކާރާ ދެކޮޅަށް ރައީސް މައުމޫން ސިއްރު ރޭވުންތަކެއް ރާއްވަވަމުންދާ ކަމަށް ބުނެ އޭނާގެ ފަރާތުން ބަޔާނެއް ހޯދުމަށެވެ.

ފެބްރުއަރީ މަހުގެ ތެރޭގައި ޒައިދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އޮފީހުން ގެއްލިފައިވާ ކަމަށް ބުނާ ހާޑް ޑިސްކާއި، ފުލުހުން ބޭނުންވެގެން އުޅޭ ވީޑިއޯއަކާ ގުޅޭ ގޮތުން ސުވާލުކޮށް އެ ހާޑްޑިސްކް އާއި ވީޑިއޯއެއް ވަނީ ރައީސް މައުމޫންގެ އަތްޕުޅުގައި ކަމަށް ބުނެ ބަޔާން ދިނުމަށް ފުލުހުން އެދިފައިވާ ކަމަށެވެ.

އެކަމުގައި އެއްބާރުލުން ނުދީފި ނަމަ "ޝުމްބާ ގޮންގް" ޖަލުގައި ޝަރީޢަތެއް ނެތި އޮންނަހެން އޭނާ ވެސް އޮންނަން ޖެހޭނީ ޖަލުގައި ކަމަށް ކިތަންމެ ފަހަރަކު ފުލުހުން ބުނެފައިވާ ކަމަށް އެ ބަޔާނުގައި ޒައިދު ވިދާޅުވެފައި ވެއެވެ.

ޒައިދުގެ މައްޗަށް ހިންގަމުންދާ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް މީޑިއާތަކަށް ފުލުހުން އާއްމުކޮށްފައެއް ނުވެއެވެ. ނަމަވެސް، ޒައިދުކޮށްފައިވާ ތުހުމަތުތައް ބަލާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

- ކޮމެންޓް