މިދިޔަ އަހރު އިސްލާމިކް މިނިސްޓްރީން އަމަލުކުރިގޮތުން މިއަހަރު ފިތުރު ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންދެވެން ނެތް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން އާދިއްތަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އައްޑޫސިޓީގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް އައްޑޫސިޓީ ކައުންސިލުން ހަމަޖައްސާނެ ކަމަށް މިނސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިއުލާންކޮށްފައިވީ ނަމަވެސް އެ އިންތިޒާމު މިއަހަރު ހަމަޖެއްސެން ނެތް ކަމަށެވެ. ސަބަބެއް ކަމަށް އެ ކައުންސިލުން ބުނެފައި ވަނީ، މިދިޔަ އަހަރުގެ ފިޠުރުޒަކާތް ބެހުމަށް މިނިސްޓްރީން އެކުލަވާލި ލިސްޓަށް މިނސްޓްރީން ކަނޑަ އެޅި ގޮތަށް ކައުންސިލްގެ އިދާރާއިން ޒަކާތް ބަހަން ފެށުމުން ޒަކާތުން ބައި ލިބުމަށް އެދިގެން އައި ފަރާތްތަކުން ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދެވޭނެ ގޮތެއް ނެތުމުން މަސްލަހަތު ގެއްލި ޒަކާތް ބެހުން ކުރިއަށް ނުގެންދެވި ދިއުމާއި، އަދި އެކަމާ ގުޅިގެން މިނސްޓްރީގެ ވެރިންނާ މުއާމަލާތު ކުރެވި މިނިސްޓްރީން ހަމަޖައްސަވައިގެން ފުލުހުންގެ އެހީތެރކަމާ އެކު ޒަކާތް ބަހަން ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފައިވުމެވެ. އަދި އެ ހާދިސާގައި ކައުންސިލްގެ އިދާރާގެ އިމާރާތަށް ގެއްލުން ލިބުމުގެ އިތުރަށް މުވައްޒަފުންނަށް ވެސް އެކިވަރުގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހުނުކަމަށް އައްޑޫ ސިޓީ ކައުންސިލްގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ފިޠުރު ޒަކާތަށް ހިތަދޫ ރައްޔިތުން ނެރުނު ފައިސާގެ ތެރެއިން 48،977.00ރ. ނުބެހި އަދިވެސް ކައުންސިލް އިދާރާގައި އެބަހުރި ކަމަށާއި އެ ފައިސާއާ މެދު އަމަލު ކުރާނެ ގޮތެއް މިހާތަނަށް ވެސް އިސްލާމިކް މިނިސްޓްރީން ކައުންސިލަށް އަންގަވާފައި ނުވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން މިދިޔަ އަހަރުގެ ރޯދަ މަހު ފިޠުރު ޒަކާތް ބަލައި ގަނެ ޒަކާތް ބެހުމަށް ކައުންސިލުން ކުރި މަސައްކަތް ކުރިއަށް ގެންދެވިފައި ނުވާތީ އާއި މިއަދާ ހަމައަށް ވެސް ކައުންސިލާއި މިނސްޓްރީއާ ދެމެދު ގުޅިގެން މަސައްކަތް ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އިންތިޒާމްތައް މިނސްޓްރީން ހަމަޖައްސަވާފައި ނެތުމާއި ފިތުރު ޒަކާތް އައްޑޫގައި ބަލައިގަތުމުގެ އިންތިޒާމް އައްޑޫ ސިޓީ ކައުންސިލުން ހަމަޖައްސާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެކަމަކީ ކައުންސިލަށް ކުރިއަށް ގެންދެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް އެކައުންސިލުން ބުންޏެވެ.
ދައުލަތުގެ އޮފީސްތަކުގެ މަސައްކަތް ކަނޑައެޅިފައި ވަނީ ޤާނޫނީ އަސާސްތަކެއްގެ މައްޗަށްކަމަށާއި، ދިވެހިރާއްޖޭގައި ފިޠްރުޒަކާތުގެ ފައިސާ ބަލައިގަތުމާއި، ޒަކާތުގެ ފައިސާ ދޭންޖެހޭ ފަރާތްތައް ކަނޑައަޅައި، އެފަރާތްތަކަށް އެފައިސާ ދިނުމާއި އެކަންކަމާބެހޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަކީ މިނސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މަސައްކަތުގެ 12 ވަނަ ނަމްބަރުގައި ހިމެނޭ ކަމެއް ކަމަށް އެކައުންސިލުން ބުންޏެވެ.